Roadha Mihaaru
ތަފާތު އެއްޗެއް ކަންޏާ އައިސް ކްރީމް ބާގަ!

ތަފާތު އެއްޗެއް ކަންޏާ އައިސް ކްރީމް ބާގަ!

05 ޖުލައި 2021

އަބަދު އެކައްޗެއް އެެއްގޮތަކަށް ކާ ނަމަ އެ އެއްޗެއްގެ މަތިން ފޫހިވާ ގޮތްވާނެ އެވެ. އައިސް ކްރީމާއި ބާގަ އަކީ ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗިއްސެވެ. އެކަމަކު ރެސިޕީ ތަފާތުކޮށްލައިގެން މި ދޭތި ވެސް ތަފާތު ގޮތަކަށް ކެވިދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަބަދު އެކައްޗެއް އެެއްގޮތަކަށް ކާ ނަމަ އެ އެއްޗެއްގެ މަތިން ފޫހިވާ ގޮތްވާނެ އެވެ. އައިސް ކްރީމާއި ބާގަ އަކީ ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗިއްސެވެ. އެކަމަކު ރެސިޕީ ތަފާތުކޮށްލައިގެން މި ދޭތި ވެސް ތަފާތު ގޮތަކަށް ކެވިދާނެ އެވެ.

އެމެރިކާގައި މި ފަހުން ވައިގައި ހިފައިގެން އުޅެނީ އައިސް ކްރީމް ބާގަ އެވެ. ހާއްސަކޮށް ހޫނުގަދަ ދުވަސްވަރު މި ބާގާގެ ޑިމާންޑް ވަކިިން ބޮޑުވެ އެވެ. އައިސް ކްރީމް ބާގަ ވިއްކާ ތަންތަން ވެސް މިހާރު ނިއު ޔޯކާއި ލަސް ވެގަސް ފަދަ ތަންތަނުގައި އަންނަނީ އިތުރުވަމުންނެވެ.

އައިސް ކްރީމް ބާގާ ތަޖުރިބާކޮށްލުން ހަމަ ރަނގަޅު އެއްޗަކަށް ވެދާނެ އެވެ. ރާއްޖޭގައި ވެސް އައިސް ކްރީމާއި ބާގާގެ މަގުބޫލުކަން ބޮޑެވެ.

މީގެ މައިގަނޑު ރެސިޕީ ވަރަށް ސާދާ އެވެ. ބޭނުންވަނީ އެ މީހަކު ގަޔާވާ ފްލެވެއާއެއްގެ އައިސް ކްރީމާއީ ބާގާ ބަނަހާއި ލޮނު ނުހިމެނޭ ބަޓަރެވެ. ފުރަތަމަ، ބަނަސް ފަޅިކޮށްލާފައި ބަޓަރު ހާކައިގެން ބަނަހުގެ ދެ ފޮތި ވެސް ރަނގަޅު ވަރަކަށް ޓޯސްޓްކޮށްލާނީ އެވެ. ދެން ހޫނުކަން ކެނޑުނީމާ އޭގެ މައްޗަށް އައިސް ކްރީމް އަޅާނީ އެވެ. އޭރުން އެ އޮތީ އައިސްކްރީމް ބާގާ ހެދިފަ އެވެ.

މި ބާގާ ހަދާ އިރު ބަނަހުގެ ސައިޒަށް ހެޔޮވަރުކޮށް އެ މީހަކަށް ކަމުދާ ދެތިން ފްލެވާއެއްގެ އައިސް ކްރީމް ވެސް ބޭނުން ކުރެވިދާނެ އެވެ.

އެކަމަކު އައިސް ކްރީމްތައް ވިރި ހުސްވުމުގެ ކުރިން ބާގަ ކާލަންވާނެ އެވެ.

އައިސް ކްރީމް ބާގަ ޕެކޭޖްތައް ވިއްކާ އެމެރިކާގެ މެންހަޓަންގެ ޝެފް ނިކް މޯގެންސްޓާން ބުނި ގޮތުގައި އެ މީހުންގެ އައިސް ކްރީމް ބާގާ އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު މިހާރު އަންނަނީ ފްލެވާތައް އިތުރުކުރަމުންނެވެ.

އެގޮތުން މިހާރު ވެސް ވެނީލާގެ ފަސް ފްލެވާއަކާއި ޗޮކްލެޓްގެ ފަސް ފްލެވާއަކުން އައިސް ކްރީމް ބާގާ އަންނަނީ ވިއްކަމުންނެވެ.

"ހަގީގަތުގައި މި ކޮމްބިނޭޝަން އާންމުން ވަރަށް ބަލައިގަންނަ އެއްޗަކަށްވެއްޖެ. އައިސް ކްރީމާ ބާގާ އެއް ފަހަރު ޓްރައިކޮށްލައިފި ނަމަ ދެވަނަ ފަހަރަށް ވެސް ކާން ބޭނުން ވާނެ،" ނިކް ބުންޏެވެ. "މީގައިވާ ގޮތަކީ ބަނަހުގެ ތެރެއަށް އައިސްކްރީމް ވިރިގެން ދިޔައިމަ އެ އަންނަ ޓެކްސްޓާ ހަމަ މާ ކަމުދަނީ."

ބްލޫމްބާގުން ގެނެސް ދީފައިވާ ރިޕޯޓެއްގައިވާ ގޮތުން އައިސް ކްރީމާއި ޕާން/ބަނަހުގެ ގުޅުމަކީ އާ ކަމެއް ނޫނެވެ. އެގޮތުން މީގެ ކުރިން އިޓަލީ އާއި ޖަޕާން ފަދަ ގައުމުތަކުގައި އައިސް ކްރީމް ސޭންޑްވިޗް ވެސް ވަރަށް ބޮޑަށް ވައިގައި ހިފި އެއްޗަކަށްވި އެވެ.