Roadha Mihaaru
އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ

އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ

10 އެޕްރީލް 2021

ހަނޑުލުން ހަދާ، އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ "އިޑްލީ" ވިއްކައިގެން އާންމުންގެ ތެރޭގައި "އިޑްލީ އައްމާ" ގެ ނަމުން މަޝްހޫރުވި ދުވަސްވީ އަންހެނަކަށް އެ ގައުމުގެ މަޝްހޫރު މަހުޖަނު އާނަންދު މަހިންދުރަ ގެއެއް ހަދިޔާކުރަން ނިންމައި ވިޔަފާރި ކުރިރުއަވަން އެހިވެދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަނޑުލުން ހަދާ، އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ "އިޑްލީ" ވިއްކައިގެން އާންމުންގެ ތެރޭގައި "އިޑްލީ އައްމާ" ގެ ނަމުން މަޝްހޫރުވި ދުވަސްވީ އަންހެނަކަށް އެ ގައުމުގެ މަޝްހޫރު މަހުޖަނު އާނަންދު މަހިންދުރަ ގެއެއް ހަދިޔާކުރަން ނިންމައި ވިޔަފާރި ކުރިރުއަވަން އެހިވެދޭން ނިންމައިފި އެވެ.

ޓަމިލްނާޑޫ ސްޓޭޓްގެ ކޮއިމްބަތޫރުގައި ދިރިއުޅޭ ކޭ ކަމަލަތަލް، 86، އަށް އިންވެސްޓްކުރައްވާނެ ވާހަކަ މަޝްހޫރު ކުންފުނި މަހިންދުރަ ގްރޫޕްގެ ޗެއާމަންގެ ޓްވިޓާގައި ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"އިޑްލީ އައްމާ" ކައްކަނިކޮށް ނަގާފައިވާ ވީޑިއޯއަކާ އެކު އޭރު އޭނާ ވިދާޅުވީ އެ މީހާއާ ބެހޭ މައުލޫމާތު ސާފުކޮށްދީ ނަމަ އެ މީހާގެ މަސައްކަތަށް އިންވެސްޓްކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދަރު އުނދުނުން ވަރަށް ހާލުގައި ކައްކާތީ ގޭސް އުނދުނެއް ވެސް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އިޑްލީ އައްމާ" އަށް އެހީވުމާ ބެހޭ އެންމެ ފަހުގެ ވާހަކަތައް މި މަހުގެ 2 ވަނަ ދުވަހު ޓްވިޓާގައި ހިއްސާކޮށް އާނަންދު ވިދާޅުވީ މަސައްކަތްކުރަން އެކަށޭނެ ތަނަކާ އެކު ވަރަށް އަވަހަށް ގެއެއް ހަމަޖެހޭނެ ކަމަށެވެ.

އެ ގެ އިމާރާތްކުރަން ބޭނުންވާ ބިން ޓަމިލް ނާޑޫގެ ތޮންޑަމުތޫރުގެ ރެޖިސްޓްރޭޝަން އޮފީހުން ވެސް ހަމަޖައްސައި ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ލިޔުންތަކާ "އިޑްލީ އައްމާ" ހަވާލުވާ ފޮޓޯތައް ވެސް އާނަންދުގެ ޓްވީޓްގައި ހިމަނުއްވާފައިވެ އެވެ. އާނަންދުގެ އިތުރު ޓްވީޓެއްގައި، ގޭސް އުނދުނެއް ވެސް ހަދިޔާކުރާ ފޮޓޯއަކާ އެކު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގޭސް ގަވައިދުން ލިބެމުންދާ ކަމަށެވެ.

މި އެހީއާ ގުޅިގެން ވަރަށް ގިނަ ބަޔަކު އާނަންދަށް ތައުރީފުކޮށްފައިވެ އެވެ. އުމުރުން 65 އަހަރުގެ ވިޔަފާވެރިޔާގެ މިލްކިއްޔާތު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ.

"އިޑްލީ އައްމާ" އަކީ އިޑްލީގެ ވިޔަފާވެރި ފެށި ފަހުން އަގަށް އެއްވެސް ބަދަލެއް ނުގެނެސް މިހާތަނަށް އިޑްލީއެއް އެންމެ ރުޕީސްއަކަށް ވިއްކަމުން ދިޔަ މީހެކެވެ. އަދި މިދިޔަ އަހަރަކީ ކޮވިޑް-19އާ ހެދި އާދައިގެ މީހުންގެ ވަޒީފާގެ ގެއްލި ވަރަށް ހާލުގައި އުޅެން ދިމާވި އަހަރަކަށްވި ނަމަވެސް އެ މީހާގެ އަތުން ރުޕީސްއަކަށް އިޑްލީ ކަނެގެން ކެއުމަކީ ވަރަށް ގިނަ ބަޔަކަށް ލިބުނު ލުޔަކަށްވި އެވެ.