Roadha Mihaaru
ހިސާބު ކިޔަވައިދިނުމުގައި ބައި ގަރުނު، ހޯމްވޯކާ ދެކޮޅު

ހިސާބު ކިޔަވައިދިނުމުގައި ބައި ގަރުނު، ހޯމްވޯކް ދިނުމާ ދެކޮޅު

10 އޯގަސްޓް 2020

އެއް ކަމެއްގައި ދެމިހުރެވޭނީ އެ ކަމަކަށް ހާއްސަ ޝައުގުވެރިކަމަކާއި ލޯތްބެއް އޮވެގެންނެވެ. ބައި ގަރުނުވީ އިރު ވެސް ކިޔަވައި ދިނުމުގައި ދެމިހުރެވޭނީ ވަރަށް ހިތްވަރު ގަދަވެގެންނެވެ. އިންޑިއާގެ މި ހިސާބު ޓީޗަރަކީ ދެގޮތެއް ނުވެ ކިޔަވައި ދިނުމުގައި ސާބިތުވެ ހުރި މީހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއް ކަމެއްގައި ދެމިހުރެވޭނީ އެ ކަމަކަށް ހާއްސަ ޝައުގުވެރިކަމަކާއި ލޯތްބެއް އޮވެގެންނެވެ. ބައި ގަރުނުވީ އިރު ވެސް ކިޔަވައި ދިނުމުގައި ދެމިހުރެވޭނީ ވަރަށް ހިތްވަރު ގަދަވެގެންނެވެ. އިންޑިއާގެ މި ހިސާބު ޓީޗަރަކީ ދެގޮތެއް ނުވެ ކިޔަވައި ދިނުމުގައި ސާބިތުވެ ހުރި މީހެކެވެ.

އުމުރުން 80 އަހަރުގެ އަމްބޫޖާ އައްޔަރު އަކީ މިހާތަނަށް 50،000 އަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދީފައިވާ ޓީޗަރެކެވެ. އަދިވެސް އޭނާ ހުރީ އެ މަސައްކަތުގަ އެވެ. އަންބޫޖާ ބުނި ގޮތުގައި އޭނާ އަށް އަބަދު ވެސް ފާހަގަކުރެވޭ ކަމަކީ ހިސާބު މާއްދާ އަށް ދަރިވަރުން ދަށްވުމާއި ކިޔަވައިދޭ ޓީޗަރުންގެ ކިބައިގައި ވެސް އެ މާއްދާ ނަގައިދިނިމުގައި އެކަށީގެންވާ ހުނަރު ނެތް ކަމެވެ. މިކަން އެންމެ ބޮޑަށް ވަޒަންކުރެވެން ފެށީ ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު، ސްކޫލްތައް ބަންދުކޮށް، ދަރިވަރުންނަށް އޮންލައިންކޮށް ފިލާވަޅުތައް ނަގައިދޭން ޖެހުމުން ކަމަށް އެނާ ބުންޏެވެ.

އެހެންވެ މިކަމަށް އެހީތެރިވުމުގެ ގޮތުން ޓީޗަރުންނަށް ހާއްސަކޮށްގެން އޭނާ ވަނީ "މެތު ފޯރަމް" ގެ ނަމުގައި ވަޓްސްއެޕް ގްރޫޕެއް ވެސް ހަދައިފަ އެވެ. އޭގައި މިހާރު 200 އަށް ވުރެ ގިނަ ޓީޗަރުން އެބަތިއްބެވެ. އޮންލައިންކޮށް ޓީޗަރުންނަށް ހިސާބު ކިޔަވައި ދިނުމުގެ ހުނަރުތައް ދަސްކޮށްދެމުން އަންނަ އިރު، އޭގެ ތެރޭގައި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާ އާއި ޔޫއޭއީގެ އިތުރުން އިންޑޮނީޝިއާގެ ޓީޗަރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އަމްބޫޖާ އަންނަނީ ގްރޭޑް 6-10 އަށް ދަރިވަރުންނަށް ވެސް އޮންލައިންކޮށް ހިސާބު ފިލާވަޅުތައް ނަގައި ދެމުންނެވެ. އަދި އޭނާ ވަނީ ޔޫޓިއުބް ޗެނެލެއް ވެސް ހަދައިގެން މުޅިން ހިލޭސާބަހަށް ހިސާބު އިލްމަށް ޓީޗަރުންނާއި ދަރިވަރުންގެ ހިތްޖައްސުވަމުންނެވެ.

ކިޔަވައިދޭ އެއްޗެއް ދަރިވަރުންގެ ސިކުނޑީގައި ހަރުލާފައި ހުންނާނީ ޓީޗަރަކު ފިލާވަޅު ނަގައިދޭން ބޭނުންކުރާ ހުނަރާއި އުކުޅުތަކުގެ ސަބަބުން. އެހެންވީމަ އެއީ ވަރަށް މުހިއްމު ބައެއް ތަރައްގީކުރަން. ކަންފަސޭހަކޮށްލުމުގެ ގޮތުން ހޯމްވޯކް ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫން: އަމްބޫޖާ

އަމްބޫޖާ ބުނި ގޮތުގައި ކިޔަވައި ދިނުމަކީ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ކުރާނެ ކަމެކެވެ. އަދި މިއީ ފޫހިވުމެއް ނެތް، ވަރަށް ލޯބިވާ މަސައްކަތެއް ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ކިޔަވައި ދިނުމަކީ ވަރުބަލިކަމެއް ނެތް ކަމެކެވެ.

"އޮންލައިންކޮށް ކިޔަވައި ދިނުމެކޭ ކުލާހެއްގައި ދަރިވަރުންގެ ކުރިމަތީގައި ހުރެގެން ކިޔަވައި ދިނުމެކޭ އަހަންނަކަށް ނެތް މާ ބޮޑު ތަފާތެއް ވެސް،" ލޮކްޑައުންއާ ދިމާކޮށް މުޅިން ބެސް އޮންލައިންކޮށް ކްލާސްތައް ނަގައި ދެމުން އަންނަ އަމްބޫޖާ ބުންޏެވެ. "ކަމަކަށް އަހުލުވެރިވެ، އެކަމަކާވެގެން އުޅެފި ނަމަ ކޮންމެ ކަމެއް ވެސް ފަސޭހަވާނެ."

އޭނާ ބުނި ގޮތުގައި އާންމުކޮށް ކްލާސްތައް ނަގައިދެނީ ސިސްސިސްކޯ ވެބެކްސް އެޕް މެދުވެރިކޮށެވެ. އަދި މިއީ ވަރަށް ފަސޭހަ ގޮތެއް ކަމަށް ބުންޏެވެ.

"އެ ނޫން ބައެއް އެހެން ޓޫލްސްތައް ހަމަ ވަރަށް ރަނގަޅަށް ބޭނުންކުރަމުން މި އަންނަނީ،" އަމްބޫޖާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކިޔަވައި ދިނުމުގެ ހުނަރާއި ވައްޓަފާޅި އަކީ އަބަދު ވެސް ބަދަލުވަމުންދާނެ ކަމެކެވެ. އަދި އެކަންކަމަށް ލޯހުޅުވި، ދަރިވަރުން ޝައުގުވެރިވާ ގޮތަށް ކިޔަވައިދިނުން ބައްޓަންކުރެވޭ ނަމަ ހިސާބު ފަދަ މާއްދާތަކަށް ދަރިވަރުން ލޯބިޖެހި، މޮޅުވާނެ ކަމަށް ބުންޏެވެ.

އަމްބޫޖާ އައްޔަރް.

އަމްބޫޖާ އައްޔަރް.

"އަހަރެން އަދިވެސް ގަބޫލުކުރަނީ މި ދާއިރާ އިން އަދިވެސް އެތައް އެއްޗެއް ދަސްކުރަން ޖެހޭ ކަމަށް. އެހެންވީމަ ކޮންމެ ދުވަހަކީ ދަސްކުރާ ދުވަހެއް. އާ ކަންކަމަށް ލޯހުޅުވޭ ދުވަހެއް،" ޕްރައިމަރީ ސްކޫލުން ގްރެޖްއޭޓްވި ނަމަވެސް އުމުރުން 17 އަހަރުގައި ބައްޕަ ނިޔާވެ، އާއިލގެ ޒިންމާތަކާށ ހަވާލިވާން ޖެހުމުން ބަދަލު ޓީޗަރެއްގެ ގޮތުގައި ކިޔައިދޭން ނުކުމެ، ފަހުން ފުލް ޓައިމް ޓްރޭނިން ޓީޗަރަކަށް ބަދަލުވި އަމްބޫޖާ ބުންޏެވެ.

އޭނާ ބުނީ ކިޔަވައި ދިނުމުގައި އެންމެ އާންމުކޮށް ގެންގުޅޭ އެއް އުސޫލަކީ ދަރިވަރުންނަށް ހޯމްވޯކް ނުދިނުމެވެ. އޭގެ ބަދަލުގައި ދަރިވަރުން ލައްވައި ކުރުވަން ޖެހޭ މަސައްކަތެއް ކުރުވަނީ އެކަމަށް ކަނޑައެޅިފައި އޮންނަ ވަގުތެއްގައި ކަމަށް ބުންޏެވެ.

"ކިޔަވައިދޭ އެއްޗެއް ދަރިވަރުންގެ ސިކުނޑީގައި ހަރުލާފައި ހުންނާނީ ޓީޗަރަކު ފިލާވަޅު ނަގައިދޭން ބޭނުންކުރާ ހުނަރާއި އުކުޅުތަކުގެ ސަބަބުން. އެހެންވީމަ އެއީ ވަރަށް މުހިއްމު ބައެއް ތަރައްގީކުރަން. ކަންފަސޭހަކޮށްލުމުގެ ގޮތުން ހޯމްވޯކް ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫން،." އަމްބޫޖާ ބުންޏެވެ.