ސްކޫލްތަކުން ބެލެނިވެރިންގެ އަތުން މާލީ އެހީ ހޯދައިގެން ކްލާސްރޫމްތައް ފިނިކުރަން ފެށި ސަބަބެއް އޮތެވެ؛ ރާއްޖެއަކީ ހޫނު ގައުމަކަށް ވެފައި، ކްލާސް ރޫމްތަކުގައި ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމެވެ. ހަ ގަޑިއިރުގެ ދަންފަޅީގައި ކްލާސްރޫމްތަކުގައި ކެތްނުވާ ވަރަށް ބައެއް ފަހަރު ހޫނު ގަދަވެ އެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ މި ޝަކުވާތަކާ ގުޅިގެން ބައެއް ސްކޫލްތަކުގައި އޭސީ ހަރުކުރަން ފެށި އެވެ. އެކަމަކު، ހަރަދު ބޮޑު އެކަން ކާމިޔާބުވީ ނިސްބަތުން ވަރަށް މަދު ސްކޫލަކަށެވެ.
17 ޖޫން 2025
ސްކޫލްތަކުން ބެލެނިވެރިންގެ އަތުން މާލީ އެހީ ހޯދައިގެން ކްލާސްރޫމްތައް ފިނިކުރަން ފެށި ސަބަބެއް އޮތެވެ؛ ރާއްޖެއަކީ ހޫނު ގައުމަކަށް ވެފައި، ކްލާސް ރޫމްތަކުގައި ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމެވެ. ހަ ގަޑިއިރުގެ ދަންފަޅީގައި ކްލާސްރޫމްތަކުގައި ކެތްނުވާ ވަރަށް ބައެއް ފަހަރު ހޫނު ގަދަވެ އެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ މި ޝަކުވާތަކާ ގުޅިގެން ބައެއް ސްކޫލްތަކުގައި އޭސީ ހަރުކުރަން ފެށި އެވެ. އެކަމަކު، ހަރަދު ބޮޑު އެކަން ކާމިޔާބުވީ ނިސްބަތުން ވަރަށް މަދު ސްކޫލަކަށެވެ.
ބެލެނިވެރިންގެ އެހީ ލިބުނު ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ކްލާސްރޫމްތައް ފިނިކުރެވުނަސް ގިނަ ތަންތަނަށް މާބޮޑު ބަދަލެއް ނާދެ އެވެ. ސްކޫލްތަކުން މިކަމުގައި ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުމަށް އެދިގެން ބައެއް ރަށްރަށުގައި އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ. އެކަމަކު ޝަކުވާ އޮތީ ހައްލު ނުވެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ފިނިކުރަން "ކޫލް ސްކޫލް" ޕްރޮޖެކްޓް މި ސަރުކާރުން ފަށަން ޖެހުނީ ދަރިވަރުންނަށް ސްކޫލްތަކުގައި ވީހާވެސް ރަނގަޅު މާހައުލެއް ހޯދައިދޭން ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ. ސަރުކާރުން ނިންމީ ހިތްހަމަޖެހޭ މާހައުލެއްގައި ތިބެ ދަރިވަރުން ކިޔެވުމުގެ ފުރުސަތު ހޯދައިދޭން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށްދިނުމަށެވެ. އެ މަސައްކަތް ފަށައި މިހާރު ވަނީ، އަމާޒެއް ވެސް ކަނޑައަޅައިފަ އެވެ.
އެއީ، އަންނަ ޖެނުއަރީ މަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކެއް އޭސީކޮށް ނިންމުމެވެ.
ސަރުކާރުން ހިންގާ 217 ސްކޫލެއްގައި 3،740 ކްލާސްރޫމް ހުރެ އެވެ. އޭގެ ތެރެއިން 401 ކްލާސްރޫމުގައި އޭސީ ހަރުކޮށް ނިންމި ނަމަވެސް ބާކީ 3،339 ކްލާސްރޫމު އޭސީއެއް ނުކުރެ އެވެ. ދަރިވަރުންނަށް ފިނިކުރަނީ ދޭއް ނުވަތަ ތިން ފަންކާ އިންނެވެ.
"އަޅުގަނޑުމެން މަސައްކަތް ފެށީ ދެ އަހަރު ތެރޭ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމަން. މިހާރު އެސްޓިމޭޓެޑް ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
ސްކޫލްތަކުގައި އޭސީ ހަރުކުރަން ފެނަކައާ ހަވާލުކޮށްފައިވާ އިރު މި ޕްރޮޖެކްޓަށް 54 މިލިއަން ހޭދަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.
އެ މުއްދަތަށް މިއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ބޮޑު ހޭދައެއް ހިނގާތީ، މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމާ މެދު ވެސް ބައެއް މީހުންގެ ކަންބޮޑުވުން އެބައޮތެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމެއްގައި ކިޔަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ފެށި މި ޕްރޮޖެކްޓުން ދަރިވަރުންގެ ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެތޯ ވެސް ސުވާލު އުފައްދަ އެވެ.
ބޭރުގެ ސްކޫލްތަކުގައި ހެދި ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި، ކްލާސްރޫމުތައް ފިނިވުމުގެ ސަބަބުން ދަރިވަރަށް ލިބޭ ހިތްހަމަ ޖެހުމާ އެކު ކިޔެވުމަށް އިތުރު ހިތްވަރެއް ލިބެ އެވެ. ދަރިވަރުން މާޔޫސްވުމާ ދުރުވެ، ގަޑިއަށް ސްކޫލަށް ހާޒިރުވުމާއި ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ދިރާސާތަކުގައިވެ އެވެ.
އަނެއްބައި ދިރާސާތަކުގައި ބުނަނީ އޭސީ ހަރުކުރުމުގެ ބަދަލުގައި ދަރިވަރުންނަށް އެ މާހައުލުގައި އުޅެވޭނެ ގޮތަށް ދިރިއުޅުން ބަދަލުކުރުމަކީ ވެސް ރަނގަޅު ގޮތެކެވެ.
ރާއްޖެއަށް ބަލާ ނަމަ، ބައެއް ޓީޗަރުންނަށް ވެސް ބޮޑަށް ބުރަވެވެނީ ކްލާސްރޫމްތައް އޭސީކުރުމަށެވެ. ހޫނު ގަދަ ދުވަސްތަކުގައި ކިޔަވައިދޭން އުނދަގުލެވެ.
ކްލާސްތަކުގައި ފަންކާ ހަރުކޮށްފައި ހުރި ނަމަވެސް، ހޫނު ގަދަ ދުވަސްތަކުގައި އޭގެ މާ ބޮޑު އަސަރެއް ނުކުރެ އެވެ. އެ ހޫނުގައި ކިޔެވުން ދަރިވަރުންނަށް ތަކުލީފަކަށް ވާ ކަމަށް ބައެއް ޓީޗަރުން ދެކެ އެވެ.
"ސްޓާފްރޫމް ތަކުގައި އޭސީ ހުރޭ. އެކަމަކު ކްލާސްރޫމުތައް ވަރަށް ހޫނު. އެއް ކްލާހެއްގައި ކުދިން އެހާ ގިނަ ވެފައި އަނެއްކާ މި ހުންނަނީ އެންމެ ގިނަވިޔަސް ހަތަރު ފަންކާ، އެހާ ބާރަކަށް ނޭނބުރޭނެ ކުދިންނަށް ލިބެން ޖެހޭ ފިނި ވާ ވަރަކަށް. ކްލާހުން ނިކުމެގެން ގެއަށް ގޮސް ދެވަނަ ދުވަހަކު އެ ހެދުމެއް ނުލެވޭނެ، އެހާ ވެސް ހޫނު ގަދަ މިހާރު،" ޕްރައިމަރީ ގްރޭޑެއްގެ ޓީޗަރަކު ބުންޏެވެ.
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް--- ފޮޓޯ: މިހާރު
ތައުލީމީ އެކި ކަންކަމަށް ވެސް އިލްމީ މަޒުމޫނޫ ލިޔުއްވާ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކުރީގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ވަނީ ކްލާސްތައް އޭސީ ކުރުމާ ގުޅޭ ގޮތުން ރިޕޯޓެއް ލިޔުއްވައިފަ އެވެ.އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ކުރަން އުޅެނީ ހަރަދު ބޮޑު ކަމެކެވެ. ސްކޫލްތަކަށް ހޭދަވާ ބަޖެޓަށް އިތުރުވާނެ ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ދަރިވަރުންގެ އެހެން ކަމަކަށް އެ ހޭދަކުރުން މާ ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ހަސަން ލަފާކުރައްވާ ގޮތުގައި، އޭސީ ހަރުކުރަން 600 މިލިއަން ރުފިޔާ ހޭދަވާނެ އިރު، އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެ އޭސީތައް ސޯލާ ނިޒާމަކުން ޖައްސާގޮތަށް ހަދާ ނަމަ ވެސް އެ ނިޒާމު ގާއިމުކުރުމަށް 330 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ހަސަން ލަފާކުރައްވަ އެވެ.
އޭނާ ވިދާޅުވީ ދަރިވަރުންގެ ތައުލީމު ކުރިއަރުވަން، އޭސީ ކުރުމަށް ވުރެ ދެމެހެއްޓެނިވި އެހެން ކަންކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު.-- ފޮޓޯ: އެމްއެންޔޫ
ސްކޫލްތައް ފިނިކުރަން ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި، އޭނާ ވިދާޅުވީ އޭ ލެވެލް ނިންމައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އެލަވަންސަކާއި ކޯސްފީ ދީގެން، ހެނދުނު ކޮލެޖްތަކަށް ފުލްޓައިމްކޮށް ގޮސްގެން މުދައްރިސަކަށް ހެދުމަށް ހަރަދު ކުރުން ވެސް މާ މުހިންމު ކަމަށެވެ.
ނޫން ނަމަ އެ ފައިސާއިން ރަށްރަށުގެ ސްކޫލުތަކުގައި ލެބޯރަޓްރީތައް އެޅުން ވެސް މާ މުހިންމު ކަމަށް ހަސަން ދެކެވަޑައިގަންނަވަ އެވެ.
ދަރުމަވަންތަ ސްކޫލުގައި ދަރިވަރުންތަކެއް ލެބޯޓަރީއެއްގައި މަސައްކަތް ކުރަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓު ކަމަށެވެ.
ރާއްޖޭގައި ހިންގާ ސަރުކާރު ހުރިހާ ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށް، ސްކޫލްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްމާއިލް ވަނީ އެ ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ.
މިހާރު ވެސް 53 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށާއި އެންވަޔަރްމަންޓް މިނިސްޓްރީން އިތުރު ސްކޫލުތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ / މިހާރު
"ދެމެހެއްޓެނިވި ގޮތެއްގައި އަދި ހާއްސަކޮށް ސަރުކާރުން ފައްޓާފައިވާ ގްރީން އެނާޖީގެ ކޮންސެޕްޓުގެ ތެރެއިން، ސްކޫލަށް ބޭނުންވާ ހަކަތަ ވެސް ކޮންމެހެން އޭސީއަށް ބޭނުންވާ ހަކަތަ އެކަންޏެއް ނޫން، މުޅި ސްކޫލުގެ 100 ޕަސެންޓު ހަކަތަ ސޯލާއިން ނެގުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީން މައްޗަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއް ނަމަވެސް ދަރިވަރުންނަށް އުނދަގޫތަކަކާ ކުރިމަތިވެ އެވެ. މިއީ، ހައްލު ހޯދައިދޭން ޖެހޭ ކަމެއްގެ ގޮތުގައި އިސްމާއިލް ދެކެވަޑައިގަންނަވަ އެވެ.
މި ޕްރޮޖެކްޓަށް ހާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމަން ހަވާލުކުރީ މިނިސްޓަރު ވިދާޅުވާ ގޮތުން، "ކޫލް ސްކޫލް"ތަކާ އެކު ދަރިވަރުންގެ ކިޔެވުމަށް ފަހި، ހިތްހަމަޖެހޭ މާހައުލެއް ހޯދައި ދިނުމަށެވެ.
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
އާބާދީ މަދު ސްކޫލުތަކަށް މަލްޓި ގްރޭޑް ޓީޗިން ތައާރަފްކޮށްފި
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން