Roadha Mihaaru
ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ

ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ

19 މާޗް 2018

ޓެބްލެޓް ބޭނުންކުރުމާ ގުޅޭ ކުރު މުއްދަތުގެ ދެ ކޯހެއް ހުރިހާ ޓީޗަރުން ވެސް އަންނަ މަސް ނިމުމުގެ ކުރިން ފުރިހަމަކޮށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެބްލެޓް ބޭނުންކުރުމާ ގުޅޭ ކުރު މުއްދަތުގެ ދެ ކޯހެއް ހުރިހާ ޓީޗަރުން ވެސް އަންނަ މަސް ނިމުމުގެ ކުރިން ފުރިހަމަކޮށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބައެއް ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ބުނީ "ގޫގުލް ފޯ އެޑިއުކޭޝަން"ގެ ދެ ކޯސް ޓީޗަރުން ފުރިހަމަކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންވެ އަންނަ މަސް ނިމުމުގެ ކުރިން އެ ދެ ކޯސް ފުރިހަމަ ކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެޑިއުކޭޓާ ލެވެލް 1ގެ ފަންޑަމެންޓަލް ޓްރެއިނިން ކޯސް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އަދި އެޑިއުކޭޓާ ލެވެލް2ގެ އެޑްވާންސް ޓްރެއިނިން ކޯސް އަންނަ މަހުގެ 30ގެ ކުރިން ފުރިހަމަކުރަން މިނިސްޓްރީން މުއްދަތު ދީފައި ވެ އެވެ.

ފަންޑަމެންޓަލް ޓްރެއިނިން ކޯސް ފުރިހަމަނުކުރާ ޓީޗަރުން ތިބި ނަމަ، ފުރަތަމަ ޓާމުގެ މިޑް ބްރޭކުގެ ބަންދު ދުވަސްތަކުގައި ތަމްރީން ނިމޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް މިނިސްޓްރީން ވަނީ ސްކޫލުތަކުގައި އެދިފަ އެވެ.

ގޫގުލް ފޯ އެޑިއުކޭޝަން ކޯހަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެކެވެ. އެހެންކަމުން އެ ކޯސް ފުރިހަމަކުރަން ކޮންމެހެން މާލެ އަންނާކަށް ނުޖެހޭނެ އެވެ.

ޓެބްލެޓަށް ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން އަހުލުވެރިކުރުވަން ވެސް މިނިސްޓްރީން އަންނަނީ އެކި ތަމްރީނުތައް ހިންގަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މެއި 7 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުންކުރަން ފެށުމަށް ނިންމައިފަ އެވެ. އަދި ދަރިވަރުންނަށް ބޭނުންވާ 70،000 އަށްވުރެ ގިނަ ޓެބްލެޓް ވެސް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.