ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
12 ސެޕްޓެމްބަރ 2019
ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަކީ ވައްބުރެއްގައި ދައުރުވާ ބައެއް ކަމަށެވެ. މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށާއި ސްކޫލުތައް ނިންމާ ދަރިވަރުންގެ ތެރެއިން މޮޅެތި ދަރިވަރުން ޓީޗަރުކަން ކިޔަވަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރު، ފެންވަރު ރަނގަޅު ޓީޗަރަކާއެކު ދެތިން އަހަރު ހޭދަކޮށްފި ނަމަ އެކަމުގެ ހެޔޮ އަސަރު އެ ދަރިވަރުގެ މުޅި އުމުރަށް ކުރާނެ ކަމަށެވެ. އެހެންކަމުން އެދެވޭ ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެންމެ މުހިއްމު ކަމަކީ އެ ދާއިރާގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުންކަން ފާހަގަކުރެއްވި އެވެ.
ފެންވަރު ދަށް ޓީޗަރުން ކިޔަވައިދިނުމުން ދަރިވަރުންގެ ހަގީގީ ފެންވަރަށް ނާދެވުމުގެ އިތުރުން ޓީޗަރުން ދެކެ ވެސް ފޫހިވެދާނެ ކަމަށް ވިދާޅުވި އެވެ. އެއާ ހިލާފަށް މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ދެންނެވި ނުރައްކާތެރި ބުރު ބުރިކޮށްލެވޭނީ އަޅުގަނޑުމެންނަށް. އެއީ މަދަރުސީ ނިޒާމުގެ ބޮޑުކަމާއި ބުރަހެލި ކަމާއި މަދަރުސާ ނިންމާ މޮޅެތި ކުދިން މުދައްރިސް ކަމަށް ކުރިމަތިނުލާ ސަބަބުތައް ގިނަކަމުން. މިއީ ރާއްޖޭގެ ތައުލީމަށް ރޯޝަނީ އާ ދައުރެއް ގެނައުމަށް ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޭނާ ވިދާޅުވީ މަދަރުސާތަކުގެ ނަތީޖާ މިހާރަށްވުރެ ދެ ގުނަ ކުރެވޭނެ ކަމަށެވެ. އެކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ޓީޗަރުންކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމެވެ. އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން ކަމަށް ވިދާޅުވި އެވެ.
ދިވެހިންނަކީ ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރި ބައެއް ކަމަށާއި ނަމަވެސް މި މުހިއްމު މަސައްކަތަށް މިހާރު ދޭންޖެހޭ ގަދަރު މިހާރު ވަނީ ކުޑަވެފައި ކަމަށް ވިދާޅުވި އެވެ. އެކަމުގެ ނަތީޖާއަކީ މޮޅެތި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިނުލުން ކަމަށް ވިދާޅުވި އެވެ. އެހެންވެ މިނިސްޓަރު ވަނީ މިރޭ ރަންވަނަ ހޯދި ދަރިވަރުން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ އަހަރު 6،000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދިއިރު އޭގެ ތެރެއިން 404 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ