Roadha Mihaaru
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ

ހިދުމަތުން ވަކިވި މީހުން ތައުލީމީ ދާއިރާއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރަނީ

29 މެއި 2022

މުސާރަ ކުޑަވުމުގެ ސަބަބުން ތައުލީމީ ދާއިރާއިން މީގެ ކުރިން ވަކިވި ބައެއް މީހުން، އެ ދާއިރާއާ އަލުން ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސާރަ ކުޑަވުމުގެ ސަބަބުން ތައުލީމީ ދާއިރާއިން މީގެ ކުރިން ވަކިވި ބައެއް މީހުން، އެ ދާއިރާއާ އަލުން ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ތަފްސީލުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން އެ ދާއިރާއާ ދެވަނަ ފަހަރަށް ގުޅެން ބޭނުންވެގެން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"ސެކްޓާ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުން ނުވަތަ އެހެން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވެސް [އަލުން ތައުލީމީ ދާއިރާއަށް ވަނުމަށް] ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވާފައި އެބަހުރި،" މުޖާހިދު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ސިޓީ ފޮނުވާކަށް ނުޖެހޭނެ. މަގާމަށް އިއުލާންކުރީމަ ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ."

ޓީޗަރުންނާއި ޕްރިންސިޕަލުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާތަކާ އެކު މީގެ ކުރިން ބައެއް ބޭފުޅުން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކާ ގުޅިފައިފައިވެ އެވެ. އޭގެ ތެރެއިން އެއް ތަނަކީ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމެވެ.

އެސްޖީން ހޯދުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާންކުރުމުން ތައުލީމީ ދާއިރާގެ ހިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން، އެ ދާއިރާ ދޫކޮށް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލި އެވެ. އެކަމަކު، ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑަށް އެންމެ ފަހުން ގެނައި ބަދަލުން އެސްޖީންނަށް ވުރެ ޓީޗަރުންގެ މުސާރައަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރިކަން ރައީސް އިއުލާންކުރެއްވުމަށް ފަހު މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޗަރުންގެ މުސާރަ ބޮޑުކުރިކަން ރައީސް އިއުލާންކުރެއްވުމަށް ފަހު މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. އާ އެކު 16،100ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީއަކަށް މުސާރައިގެ ގޮތުގައި ލިބޭ 12،130ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 8،870ރ. އާ އެކު ކޮންމެ މަހަކު ލިބޭނީ 21،000ރ. އެވެ.

ސިޓީ ކައުންސިލްތަކުގެ އެސްޖީންގެ މުސާރައަކީ 20،500ރ. އެވެ. އެ ބޭފުޅުންނަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،500ރ. އާ އެކު، މަހަކު 35،500ރ. ލިބެ އެވެ.

ނަމަވެސް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން، އިތުރު ގަޑީގެ ފައިސާއާ އެކު މަހަކު ގެއަށް ގެންދަން ލިބޭ ވަރު އެތައް ގުނައެއް އިތުރުވެފައިވެ އެވެ.

މި މަހުން ފެށިގެން އަމަލުކުރާ އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރުމުގެ ކުރިން ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން މި ފަހުން ތިން ފަހަރު އިއުލާން ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް، މުސާރަ ބޮޑުކުރި ފަހުން އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރާނެ އިރެއް، އެ ސްކޫލްގައި މި ވަގުތު ހިދުމަތުގައި ތިބި ބައެއް މުވައްޒަފުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ، އެ ދާއިރާއަށް ފެންވަރު ރަނގަޅު ދިވެހި ޓީޗަރުންނާއި ޕްރިންސިޕަލުން ނުލިބޭ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ވަރަށް ބޮޑުވެފައިވަނިކޮށެވެ. އެކަމަކު، މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން ފެންވަރު ރަނގަޅު ދިވެހިން ނުލިބުމުގެ ޝަކުވާއަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.