Roadha Mihaaru
"ޓީޗަރުންގެ ބުރަ ތަޖުރިބާކުރެވި ޝަރަފު ދެވިއްޖެ"

ޓީޗަރުންގެ ބުރަ ތަޖުރިބާކުރެވުމުން އެ މަސައްކަތަށް ޝަރަފުދެވިއްޖެ: މިނިސްޓަރު

05 އޮކްޓޯބަރ 2020

އެންމެ ކުއްޖަކު ފިލާވަޅުގައި ބައިވެރިކުރުމަށްޓަކައި ޓީޗަރަކު ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން، އެ ޓީޗަރެއްގެ ކްލާހުގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެ ކުއްޖަކު ފިލާވަޅުގައި ބައިވެރިކުރުމަށްޓަކައި ޓީޗަރަކު ކުރަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން، އެ ޓީޗަރެއްގެ ކްލާހުގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީގޮތުން މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނެރުއްވި ހިތާބުގައި ވިދާޅުވީ އާއްމު ހާލަތުގައި ފިލާވަޅު ތައްޔާރުކުރުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތާއި އެކަމަށް ހޭދަވާ ވަގުތު، ޓީޗަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާ ކަމަށެވެ. މިހާރު އޮތް ބަލިމަޑުކަމާ ކުރިމަތިލަމުން އަމިއްލަ އާއިލާއަށް ވަގުތުދެމުން ފިލާވަޅުތައް ނަގައިދެމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުގެ ގޭތެރެއަށް ޓެލިކިލާސް އައުމުން ޓީޗަރުން ކުރާ މަސައްކަތްތަކަށް އިތުރު ގަދަރުދެވި އެމީހުންނަށް ހިތުގައި ދެވިފައިވާ ލޯބި ވެސް އެތައް ގުނައަކުން ވަނީ އިތުރުވެފަ އެވެ.

"...ފުރަބަންދުގެ ތެރޭގައާއި މި އުނދަގޫ ދުވަސްވަރުގައި މުދައްރިސުން އިސްނަންގަވާ ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވި، ސިއްހީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން، އަމިއްލަ އާއިލާއަށް ވަގުތުދެމުން ދަރިވަރުންގެ ހާލު ބަލަމުން، ކުރިން ނުފަރިތަ މަންސަތަކަށް ފާގަތިވެ، އެ ބޭނުންކުރުމަށް ތަމްރީނުހޯދާ، ދަރިވަރުންނަށް އާ ފިލާވަޅުތައް ނަންގަވާދެއްވަމުން އެބަ ގެންދަވާ. މި ކަންކަމުން ދައްކުވައިދެނީ މުދައްރިސުންގެ ފަހުލުކަމާއި އާކަންކަމަށް ފަރިތަވެގަންނަވާ އަވަސްމިން،" ހިތޯބުގައި ވިދާޅުވި އެވެ.

"ކެރުންތެރިކަމާއެކު ޓެލިކިލާސްތަކުގައި ލަވަ އާއި ޅެން ކިޔައިދީ، ގޫގުލް ކްލާސްރޫމުތަކުގައި އެކިއެކި ކުޅިވަރުތަކާއި ކިޔަވައިދިނުމުގެ އުކުޅުތަކުގެ ޒަރީއާއިން ދަރިވަރުންގެ ސަމާލުކަން ހޯއްދަވާގޮތް ފެނިފައި އެކަމަށް ތައްޔާރުވުމަށް އެކުރައްވާ ބުރަ މަސައްކަތްތަކަށް މުޖުތަމައުގެ އިހުތިރާމް ލިބިއްޖެ. އެންމެ ކުއްޖެއް، ފިލާވަޅުގައި މަޝްއޫލުކުރުމަށްޓަކައި ކުރައްވަންޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން މުދައްރިސެއް ކިލާހެއްގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތަށް ޝަރަފު ދެވިއްޖެ،"

ކޮވިޑް-19 ގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އަސަރުތައް ކުޑަކުރުމަށްޓަކައި ޓީޗަރުން ކޮށްދެމުން އަންނަނީ އަގުހުރި ހިދުމަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިއަށް ގޮންޖެހުންތައް އަދި ވެސް ހުރިކަން ދެނެގަނެ ކާރިސާގެ އަސަރު ކުޑަކުރަން ޓީޗަރުން ގެންގުޅޭ އީޖާދީ ވިސްނުންތަކުން އެ މީހުންގެ އިސްނެގުން ހާމަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން އާއްމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަވިއަސް ކާރިސާއިން ލިބުނު އިބުރަތުން ފިލާވަޅު ލިބި ޓީޗަރުންގެ ހިތްވަރާއެކު އީޖާދީ ވިސްނުންތަކުން މުސްތަގުބަލަށް ކުރަހައިދިން ތަސައްވަރުން އުއްމީދު އާވެފައިވާ ކަމަށެވެ.

ޓީޗަރަކަށް ހައްގު ޝުކުރު އަދާކުރުމަކީ އަދި އެދެވޭ އަޖުރެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށްވުރެ ޓީޗަރުންގެ މަސައްކަތް ބުރަވެ، ގުރުބާނީ މަތިވެރިކަމަށް ވިދާޅުވި އެވެ.