Roadha Mihaaru
ޓީޗަރުންގެ ދުވަސް: މިނިސްޓަރު ހުރިހާ ޓީީޗަރުންނާ އެކު

މިނިސްޓަރު، ޓީޗަރުންގެ ދުވަސް ފާހަގަކުރެއްވީ ރާއްޖޭގެ ހުރިހާ ޓީޗަރުންނާ އެކު

05 އޮކްޓޯބަރ 2021

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރާއްޖޭގެ ހުރިހާ ޓީޗަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރާއްޖޭގެ ހުރިހާ ޓީޗަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި 200 އަށް ވުރެ ގިނަ ސްކޫލުގެ 9،000 އަށްވުރެ ގިނަ ޓީޗަރުންނާ ބައްދަލުކުރައްވައި ދުވަހުގެ ތަހުނިޔާ ވިދާޅުވެ މިނިސްޓަރު ވަނީ ހިތްވަރު ދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގެއާ މުޖުތަމައުގެ ކަންކަން ރާވައި ތަރުތީބުކުރުމުގައި ޓީޗަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. ވަޒީފާގެ ޒިންމާގެ ބޭރުން ދަރިވަރުންގެ ހާލުބަލައި، އެ ކުދިންގެ ވާހަކަތައް އަޑުއަހައި، އަޅާލައި އޯގާތެރިވަމުން އަންނަނީ ޓީޗަރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮވިޑުގެ ސަބަބުން ތައުލީމީ ދާއިރާއަށް އައިސްފައިވާ އަދި ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ޓީޗަރުން ކޮށްފައިވަނީ އަގުހުރި ހިދުމަތެއް ކަމަށާއި އެ ގޮންޖެހުންތައް އަދި ވެސް އޮތީ ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންގެ ކިޔެވުން އާއްމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަގުނަ. ނަމަވެސް ކާރިސާއިން ލިބުނު އިބުރަތުން ފިލަވަޅު ލިބި ޓީޗަރުންގެ ހިތްވަރާ އެކު އީޖާދީ ވިސްނުންތަކުން މުސްތަގުބަލްގެ ތަސައްވަރު ކުރަހާލަ ދީފި. އެ ކުރެހުންތަކަށް ހަގީގީ ކުލަ ގެނައުމަށްޓަކައި މުދައްރިސުންނަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ބޭނުންވޭ،" ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރުން ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައާ އިނާޔަތްތައް ބޭނުންވާ ކަމަށެވެ. އެ ކަންކަމަށް ވިސްނައި ޓީޗަރުންނަށް އެފަދަ ތަމްރީނުތަކެއް ފަށާފައިވާ ކަމަށާއި އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުފާވެރި ހަބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.