Roadha Mihaaru
ސަރުކާރު ބަދުނާމުކުރުން ޓީޗަރުންނަށް "މަނާ"!

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލު ނުކުރެވޭ ގޮތަށް ޓީޗަރުންގެ ސުލޫކީ މިންގަނޑު ހަދައިފި

24 ޖުލައި 2023

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް ހަދައި މިއަދު އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް ހަދައި މިއަދު އާއްމުކޮށްފި އެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ އުސޫލުގައި ބުނީ އޭގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.

ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ވެސް އުސޫލުގެ ބޭނުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސަށެވެ. އެއީ؛

- ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން

- ތައުލީމީ ދާއިރާގެ އިތުބާރު

- ދަރިވަރުންގެ ފަރުދީ ތަފާތުތައް

- ފަންނީ އަދި ރަސްމީ ގުޅުން

- ތެދުވެރިކަމާއި އިހުލާސްތެރިކަން

- ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަން

ތައުލީމީ ދާއިރާގެ އިތުބާރުގެ މާއްދާގައި ބުނީ ޓީޗަރުން ކުރާ މަސައްކަތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ނަޒާހަތްތެރި އަދި އިންސާފުވެރި ވާންޖެހޭނެ ކަމަށެވެ. ކިޔަވައިދިނުމުގައި ކޮންމެ ކަމެއް ވެސް ކުރަން ވާނީ ތައުލީމީ ދާއިރާއަށް އޮންނަ އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ގޮތަށް ކަމަށް ވެސް ބުންޏެވެ.

"ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާ ފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ." އުސޫލުގައި ވެ އެވެ.

މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށެއް ނުކުރުމާއި ޓެރަރިޒަމްގެ އަމަލެއް ނުކުރުމާއި އޮރިޔާންކާޑު ގެންގުޅުމާއި އެހެން މީހަކަށް ދެއްކުމާއި ފެތުރުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ކަނޑައަޅވެ އެވެ.

އޭގެ އިތުރުން، ތައުލީމީ ދާއިރާގެ ތަސައްވަރު ރަނގަޅުކުރުމަށާއި ކިޔަވައިދިނުން ކުރިއަށްދާ ގޮތާ މެދު މުޖުތަމައު ދެކޭގޮތް ރަނގަޅުކުރަން މަސައްކަތްކުރުމަކީ، ސުލޫކީ މިންގަނޑުން ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ޓީޗަރުން އަމަލުކުރަން ޖެހޭ ވަކި އުސޫލެއް މީގެ ކުރިން އާއްމުކޮށްފައެއް ނުވެ އެވެ. މިހާތަނަށް އަމަލުކުރަމުން ދިޔައީ ޓީޗަރުންގެ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށެވެ. އެކަމަކު، އޭރު ވެސް އެހެނިހެން ކަންކަމުގެ ތެރޭގައި، ތަނުގެ ވެރިން އަންގާ ގޮތަށް އަމަލުކުރުމާ ބެހޭ ބައެއް އޮވެ އެވެ.

އުސޫލުގައި ބުނީ ދަރިވަރުންނަށް މަގު ދައްކައިދީ، ތަރުބިއްޔަތާއި ތައުލީމު ދިނުމުގައި އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް ނުވަތަ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބޭ ގަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ދަރިވަރަކާ އެކު އެއްވެސް ބާވަތެއްގެ ނޭދެވޭ ގުޅުމެއް ނުބޭއްވުމާއި ސޯޝަލް މީޑިއާގައި މުއާމަލާތްކުރުމުގައި އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ނުވަތަ ބަދުނާމުވެ، އަބުރަށް ހުތުރުވެދާނެ އަމަލެއް ޓީޗަރުން ކޮށްގެން ނުވާނެ ކަމަށް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި އުސޫލުގައި ވެ އެވެ.