05 އޮކްޓޯބަރ 2022
ކުދިންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރީތި ސިފަތަކުން ޓީޗަރުން ނަމޫނާ ދެއްކުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.
ކުދިންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރީތި ސިފަތަކުން ޓީޗަރުން ނަމޫނާ ދެއްކުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ކުދިން ދަސްކުރާ ތަކެތި ބިނާވަނީ ހަމައެކަނި ޓީޗަރުން ނަގައިދޭ ފިލާވަޅުތަކަށް އެކަނި ނޫން ކަމަށެވެ.
އެ ޓީޗަރުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމައާއެކު ޓީޗަރުން އުފައްދާ ގުޅުންތަކާއި މީހުންނާ މުއާމަލާތްކުރާ ގޮތްތަކުން ވެސް ކުދިން ނަމޫނާ ނަގާނެ ކަމަށާއި ކުދިންގެ ދިރިއުޅުމުގައި އެ ކުދިންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރައިގައި އެ ކުދިންނާ ބައްދަލުވާ ޓީޗަރުންނަކީ، ހިތޯބުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތެވެ.
އެހެންވެ، މިނިސްޓަރު ވަނީ ރީތި ނަމޫނާތަކުން ދަރިވަރުންނަށް މިސާލު ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވި ޓީޗަރުންނާ، ސްކޫލުގެ އިސްވެރިން ސަލާމްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިހުތިރާމްކުރުމާއި އިގްތިސޯދު ކުރުން ފަދަ މަކާރިމުލް އަހުލާގުގެ އުޅުންތަކުން ފޭރާންލުން. ތިޔަ މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެ ކުދީންގެ ފަރާތުން ފަހަކުން ނުފެންނާނެ. އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުން އަންނަ ދުނިޔެ އަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާކުރުމަށް ކިޔަވައިދިނުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. މީގެ ކުރިން ޗޯކާއި ބޯޑުން ކިޔަވައިދިން ކަމުގައި ވިޔަސް މިހާރު ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީ އަދި އުފެއްދުންތެރިކަމުގެ ހުނަރު ކަމަށް ވިދާޅުވި އެވެ.
"އިހުގައި ކިލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައި ވިޔަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކްނޮލޮޖީގެ ވެއްޓެއްގައި. ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ވާދަކުރަން ޖެހިފައިވަނީ ތަފާތު ކުލަތައް އަރާފައިބަމުންދާ ސްކްރީންތަކާ،" މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބީ ޓީޗަރުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ އަނދިރި ވިލާގަނޑާއެކު ކިޔެވުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރުވެރިކަން ހީވިއަސް، ކްލާހުގެ ހަތަރު ފާރުން ބޭރަށް ފިލާވަޅުތައް ގެނެސްދިނުމުގައި ޓީޗަރުން އިސް ނަގައިގެން އެ ކޮށްދިން ބުރަ މަސައްކަތް އެކަމުގެ ދަލީލަކަށް ފުދޭ ކަމަށެވެ.
ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން މި އަހަރު ކަނޑައަޅާފައިވާ ޝިއާރު "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިން ވިތު ޓީޗާސް" ނުވަތަ ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން ކަމަށެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދުވަހުގެ ތަހުނިޔާ ކިޔައި ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު ވިދާޅުވިގޮތުގައި އެ ޝިއާރު ކަނޑައެޅީ ކޮވިޑުގެ ދަތި ހާލުގައި ޓީޗަރުން ވި ގުރުބާނީގެ އަގު ވަޒަންކުރުމަށެވެ. އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދިނުމަށް ޓީޗަރުންނަށް ވާނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މުދައްރިސުންނަކީ އިލްމު އުފައްދައި، ކިޔަވައިދެވޭ ތަކެއްޗާ މެދު ފިކުރު ހިންގާ، ރިވެލިކޮށް، އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި، ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން،"
އޭނާ ވިދާޅުވީ ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ. ގައުމު ގެންދަން ބޭނުންވާ މިސްރާބު، ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ ޓީޗަރުން ކަމަށް ވާތީ، އެ މީހުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރަން ފަށައިފި
އޯ ލެވެލް ނަތީޖާ: ރަށްރަށުގެ ވިދުން ގަދަ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!
ދަރިވަރުންގެ އަހުލާގު: އަތް ބަނދެވި، މައްސަލަތައް!
މަޖީދިއްޔާގެ ފަހުރުވެރި މާޒީން ކާމިޔާބު ހޯދަން އެދިއްޖެ