Roadha Mihaaru
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ

މިދިޔަ އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ދެބައިކުޅަ އެއްބައި ފަސް މާއްދާއިން ފާހެއްނުވޭ

29 މެއި 2023

މިދިޔަ އަހަރު އޯ ލެވެލް ހެދި ދެބައިކުޅަ އެއްބައި ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރު އޯ ލެވެލް ހެދި ދެބައިކުޅަ އެއްބައި ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މިދިޔަ އަހަރު މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އަދި އެސްއެސްސީ އިމްތިހާނުގައި 5،939 ދަރިވަރުން ބައިވެރިވި އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ 49 ޕަސެންޓް ދަރިވަރުންނެވެ.

ބާކީ ތިބި ދަރިވަރުން ފަސް މާއްދާއިން ފާހެއް ނުވެ އެވެ.

އޯ ލެވެލްގައި ފާސްވި ކަމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ މަޖުބޫރު މާއްދާތައް ވެސް ހިމަނައިގެން ފަސް މާއްދާއިން ފާސްވުމުންނެވެ.

މިދިޔަ އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ 10 ގައި ހިމެނުނު 844 ދަރިވަރުންނަށް އެވޯޑު ދިނުމަށް މި މަހުގެ 17 އަދި 18 ގައި ވަނީ ޖަލްސާ ބާއްވައިފަ އެވެ. އެ އެވޯޑު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި ޖަލްސާތަކުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަ ދައްކަވާއިރު ފަސް މާއްދާއިން އެވްރެޖުކޮށް ފާސްވި ކުދިންގެ ޕަސެންޖޭޓް އިއުލާންކުރެ އެވެ.

އެކަމަކު، މި ފަހުން ބޭއްވި ޓޮޕްޓެން ޖަލްސާތަކުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭގެ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މީގެ 40 ވަރަކަށް އަހަރު ކުރިން އަރުތަވެރީންނަށް އިނާމު ދޭ ޖަލްސާގައި ބައިވެރިވަނީ އެންމެ 50 ވަރަކަށް ކުދިން ކަމަށެވެ. ނަމަވެސް، އެ އަދަދު 17 ޕަސެންޓް އިތުރުވެ، ދަށު ސާނަވީގެ ވަނަ ހޯދާ ދަރިވަރުންގެ އަދަދު 800 އަށް ގިނަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއް ރެއަށް ނުފެއްތިގެން ދެ ރެއަށް މި ރަސްމިއްޔާތު މި ވަނީ ބަހާލާފައި. ދަރިވަރުންގެ އަދަދު މިހާ ގިނަވެފައި ވަނީ މި ދައުރުގައި. އާދެ! ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި،" އޭނާ ވިދާޅުވި އެވެ.

"ސަބަބަކީ، ސިއްރަކީ، އެ މަނިކުފާނު ތައުލީމީ ދާއިރާ އަށް ދެއްވާ އިސްކަމާއި ސަމާލުކަން. ދާދި ފަހުން މުދައްރިސުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އުޖޫރަ އަށް ގެންނެވި ދީލަތި ބަދަލަކީ ތާރީހު، ނާދިރު، ފުރަމާދު އިސްލާހެއް."

އޯ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މި މަހު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މި މަހު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު. ފާއިތުވި 10 އަހަރުގެ ނަތީޖާގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ފަސް މާއްދާއިން ފާސްވީ 2017 ވަނަ އަހަރެވެ. އެ އަަހަރު 5،300 ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދި އެވެ.

އޭރު އޯ ލެވެލްގެ ނަތީޖާއާ ގުޅޭގޮތުން އެންމެ ގިނަ ބައެއްގެ ފާޑުކިޔުންގެ އަމާޒުވީ، ކިޔެވުމަށް ދަށް ކުދިން "ދަސްވާރު" ނަމުގައި ހިންގި ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރު ކުރާތީ ކަމަށް ބުނެ އެވެ. އެކަމަކު، "މިހާރު" އާ ވާހަކަދެއްކެވި ތައުލީމީ ދާއިރާގެ ބޭފުޅަކު ވަނީ ނަތީޖާއަށް ދަށް ކުދިންނަށް އިތުރަށް ކުރިއަށް ދެވޭނެ މަގެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ނަތީޖާ ދަށް ކުދިންނަށް އޭރު ކޮންމެ ވެސް ގޮތެއް ހޯދައިދެވުނު. ވޮކޭޝަނަލް ތައުލީމު ދީގެން، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވުނު. މިހާރު އެހެންނެއް ނޫން. ކިޔެވުމަށް ދަށް ކުއްޖަކު ވިއްޔާ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތް، މުޅިން ބާކީވެފައި ހުންނަނީ. ވޮކޭޝަނަލް އެޑިއުކޭޝަން ފަށަން މުއްދަތުތަކެއް ކަނޑައެޅިއަސް، މި ދައުރު ނިމިގެންދާއިރު ވެސް އެކަމެއް ނުވޭ. އެއީ އެންމެ ބޮޑު ކަންބޮޑުވުމަކީ." ތައުލީމީ ދާއިރާގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.