Roadha Mihaaru
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރަން ފަށައިފި

އޭލެވެލް އާއި އޯލެވެލް އަށް އަމިއްލަ އިމްތިހާނެއް ފަރުމާ ކުރަން ފަށައިފި

31 އޯގަސްޓް 2022

ބޭރުގެ އިމްތިހާނުތަކަށް ބަރޯސާވުމުގެ ބަދަލުގައި ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތްތައް ފަށާފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭރުގެ އިމްތިހާނުތަކަށް ބަރޯސާވުމުގެ ބަދަލުގައި ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތްތައް ފަށާފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އޯ ލެވެލް އަދި އޭ ލެވެލްއަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބާއްވަން ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމަށް ކަމަށްވާތީ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް ދަރިވަރުންނަށް މާ ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ދިވެހިރާއްޖެއާ ގުޅޭ، ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާ ކުރެވޭނެ. އެ މަސައްކަތްތައް ވެސް ކޮންމެވެސް ވަރަކަށް ފަށާފައި އަޅުގަނޑުމެން ވާނީ. އެކަމަކު އެއީ އަދި ކުރެވެމުންދާ މަސައްކަތެއް. އުއްމީދަކީ އެކަން އެގޮތަށް ހާސިލްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

އެ މިނިސްޓްރީގައި މިދިޔަ އަހަރު ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު" ން ސުވާލުކުރުމުން މިނިސްޓަރު ވަނީ ރާއްޖޭގެ އަމިއްލަ ޕޭޕަރު ދިނުން، ދުރު މުސްތަގުބަލުގެ ހިޔާލުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ކިޔަވައިދިނުން ކުރިއަށްދާތީ ކެމްބްރިޖު އަދި އެޑެކްސެލްއާ އެކު ކަމަށް އޭރު ވިދާޅުވި އެވެ.

ރާއްޖޭގައި އޯ ލެވެލް ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލެވެ. އެކަމަކު މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން އޭ ލެވެލްއަށް ވެސް ކެމްބްރިޖު އިމްތިހާނު ދޭން ނިންމައިފަ އެވެ.

އަވަށްޓެރި ގައުމުތަކުން ވެސް އަންނަނީ އެ މީހުންގެ އަމިއްލަ އިމްތިހާނު ދެމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ސްރީ ލަންކާ އެވެ. އެ ގައުމުގެ ލޯކަލް އިމްތިހާނު ބޮޑަށް ބިނާވެފައިވަނީ ދީނާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅޭގޮތަށެވެ. އެހެންވެ، އިނގިރޭސި ފިޔަވައި އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ ސިންހަޅަ ބަހުންނެވެ.