Roadha Mihaaru
އެޑިޔުކޭޝަންގެ ނިންމުމަކީ ހިތްހަމަޖެހުމެއް: އެސޯސިއޭޝަން

ބަންދު ދުވަސްތަކުގައި ޓީޗަރުން ނުނެރޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ހިތްހަމަޖެހުމެއް: ޓީޗާސް އެސޯސިއޭޝަން

20 އޯގަސްޓް 2019

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

އެ އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް "މިހާރު" އަށް ވިދާޅުވީ ޓީޗަރުންނަކީ 24 ގަޑިއިރު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެކި، ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސި ގޮތަކީ ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ ބަންދު ދުވަސްތައް، ބަންދުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުރިން ވެސް. ނަމަވެސް ޓީޗަރުންނަށް އެބަ ޖެހޭ ނުކުންނަން. އެހެންވެ އެގޮތަށް ނުނެރެން އެންގުމަކީ ހެޔޮ ބަދަލެއް. އޭރުން ރަނގަޅަށް ތައްޔާރުވެގެން ކިޔަވައިދެވޭނެ،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުންނަށް ދިމާވާ މައްސަލަތަކާއި ކަންބޮޑުވުންތައް ބެލުމަށް މިދިޔަ މަހުގެ 28 ގައި ޓީޗާސް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި ވެސް ހުރިހާ ޓީޗަރުން ކަހަލަ ގޮތަކަށް އެދުނީ ހުކުރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ބާއްވައިދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދުމަށެވެ.

ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ ބަންދު ދުވަސްތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެކަމަށް 100 ޕަސެންޓް ތާއީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ވާތީ ހުކުރު ދުވަސްތަކުގައި ވެސް ސްކޫލް ހަރަކާތްތައް ހިންގަން ޖެހެ އެވެ. އެހެންކަމުން އެޑިޔުކޭޝަން މިނިސްޓްރީގެ އާ ފިޔަވަޅުގެ ހަގީގީ ބަދަލު ފެންނާނީ ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔުނިފޯމް ހަރަކާތްތައް ސްކޫލުގައި ހިންގާ. އެއީ، ވަކި ކޭމްޕްތަކެއް ބާއްވައިގެން ބެޖު ހޯދައިގެން ހިންގާ ހަރަކާތްތައް. އެހެންވެ ކޭމްޕްތައް ހުކުރު ދުވަސްތަކުގައި ބާއްވަން ޖެހޭ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"އަނެއްކާ ދިރާސީ އަހަރު ނިމިގެންދާއިރު ހުރިހާ ދަރިވަރުން ވެސް ކޮންމެވެސް ކުޅިވަރެއްގައި ބައިވެރިކުރުވުމަކީ އަމާޒެއް. އެކަމަށް ވެސް މަސައްކަތް ކުރަން ޖެހޭ."

އޭނާ ވިދާޅުވީ ޓީޗަރުންނަކީ މިހާރު ވެސް ހަފްތާގެ ފަސް ދުވަހު، 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ބަޔަކަށް ވާއިރު، ދެ ދުވަސް ބަންދުގެ ގޮތުގައި ބާއްވަން ވަރަށް ބޭނުން ކަމަށެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ޓީޗަރުން، އެ ޕްރިންސިޕަލްގެ ވާހަކައަށް އެއްބަސްވެ އެވެ. އެ މީހުން ބުނާ ގޮތުގައި އިތުރު ހަރަކާތްތައް ބަންދު ދުވަސްތަކުގައި ބާއްވަން ޖެހޭތީ ބަންދު ދުވަސްދުވަހު ބައެއް ޓީޗަރުން މަސައްކަތަށް ނުކުމެ އެވެ. އެހެންކަމުން ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދުލުކޮށް ނިމެންދެން އެންމެ ރަނގަޅު ގޮތަކީ އޯވަ ޓައިމް ލިމިޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި، ޓީޗަރަކު ބުންޏެވެ.

ޓީޗަރުންނަށް އޯޓީގެ ގޮތުގައި މިހާރު ލިބެނީ މުސާރައިގެ 10 ޕަސެންޓެވެ. އެ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.