Roadha Mihaaru
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!

އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!

07 އޯގަސްޓް 2022

ކޮވިޑް-19 ގެ ރާޅުތަކުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފި އެވެ. އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން ކްލާސް ރޫމަކުން ލިބެންޖެހޭ އެތައް ފައިދާއެއް ނުލިބި، ގެއްލިއްޖެ އެވެ. ސްކޫލުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުން ވެސް އޮތީ ހުއްޓިފަ އެވެ. އެކަންތައްތަކާ އެކު، ދެ އަހަރު ދަރިވަރުންނަށް ކިޔަވައިދިނީ އެންމެ ފުރިހަމަ ގޮތުގައެއް ނޫނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ރާޅުތަކުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފި އެވެ. އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން ކްލާސް ރޫމަކުން ލިބެންޖެހޭ އެތައް ފައިދާއެއް ނުލިބި، ގެއްލިއްޖެ އެވެ. ސްކޫލުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުން ވެސް އޮތީ ހުއްޓިފަ އެވެ. އެކަންތައްތަކާ އެކު، ދެ އަހަރު ދަރިވަރުންނަށް ކިޔަވައިދިނީ އެންމެ ފުރިހަމަ ގޮތުގައެއް ނޫނެވެ.

ނަމަވެސް ކޮވިޑްގެ ކުރިން އޮތް ހާލަތާ އެއްގޮތަށް، 217 އަށް ވުރެ ގިނަ ސްކޫލުން މިއަދު މި ވަނީ ދިރާސީ އާ އަހަރަކަށް މަރުހަބާ ކިޔައިފަ އެވެ.

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވި ގޮތުގައި ދިރާސީ އާ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ކުރިއަށް ވުރެ ބޮޑަށް ބެލެނިވެރިންގެ އިތުބާރު އޮންނާނެ ގޮތަށް ސްކޫލްގެ މަސައްކަތްތައް ބައްޓަންކުރުމެވެ.

ކުރީ އަހަރުތަކަށް ވުރެ ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، ކޮވިޑުގެ ސަބަބުން ނަތީޖާއަށް ކުރި އަސަރުތަކުން އަރައިގަތުމަށް ވެސް ދިރާސީ އާ އަހަރު އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ގެއްލުންތަކުން ދަރިވަރުން އަރައިގަތުމަށް އަދިވެސް ނަފްސާނީ އެހީތެރިކަން ބޭނުންވެ އެވެ.

ޓީޗަރުންގެ އަދަދު

● ބިދޭސީ ޓީޗަރުން: 1،693 ● ދިވެހި ޓީޗަރުން: 6،006 ● ވަގުތީ ޓީޗަރުން: 665 ޖުމްލަ: 8,364

ދަރިވަރުންގެ އަދަދު:

● 92،300 (ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމަނައިގެން)

"މި ނިމުނު ދިރާސީ އަހަރުން ފާހަގަވި އެއް ކަމަކީ ޕެންޑަމިކާ ގުޅިގެން ނަތީޖާގެ ފެންވަރު ދަށްކަން. ކުރީ އަހަރާ އަޅާބަލާއިރު ނަތީޖަ ރަނގަޅުކުރަން އިތުރު ސަޕޯޓު ބޭނުންވޭ. ސްކޫލްގައި އެއްވެސް ކަހަލަ އިތުރު ހަރަކާތެއް ބޭއްވިފައިނުވޭ. ޔުނީފޯމް ހަރަކާތްތަކުގެ ހުވާ ނުކުރެވި، ޕްރޮމޯޝަން ނުލިބި، އިންޓަސްކޫލް މުބާރާތްތައް ވެސް އޮތީ ހުއްޓިފައި. އޭގެ ސަބަބުން ކުދިންގެ ޝައުގުވެރިކަމެއް ނެތްކަން ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ ކްލާސްރޫމްގައި ކިޔަވައިދިނުން ކަމަށް ވިޔަސް، ގިނަ ދުވަސްތަކެއް ވަންދެން އޮންލައިންކޮށް ކިޔަވައިދިނުން ވެގެން ދިޔައީ ބޮޑު ގޮންޖެހުމަކަށެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރަކު ކިޔަވާ ކްލާހުގެ ނަން ބޯޑު ހިފައިގެން މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްކަންދަރު ސްކޫލުގެ ދަރިވަރަކު ކިޔަވާ ކްލާހުގެ ނަން ބޯޑު ހިފައިގެން މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ކުރީ އަހަރުތަކުގައި އަޅުގަނޑުމެން ކިޔަވައިދިން ގޮތަށް އަދި އިތުރު އެކްޓިވިޓީސްތައް ގެންދެވޭނެ އަހަރެއްގެ ގޮތުގައި ދިރާސީ މި އަހަރު ފެނިގެން ދަނީ،" ސައީދު ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތުކުރުމުގައި މުޅިން އާ މަރުހަލާއެއް މިއަދު ފެށުނުއިރު، އެންމެ ސަމާލުކަން ދޭނީ ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށެވެ.

ގައުމަށް ހިދުމަތްކުރާ އަދި ގައުމަށް ވަފާތެރި ދަރިންތަކެއް އުފެއްދުމަށް އަމީނިއްޔާއިން މަސައްކަތްކުރާއިރު، އެއާ އެއްވަރަށް ކޮވިޑުގެ ދަތިތަކުން އަރައިގަތުމަށް ވެސް އާ ހިތްވަރަކާއެކު ބައިވެރިވާނެ ކަމަށް ނާޒްލީން ވިދާޅުވި އެވެ.

"ފޮނި އުއްމީދުތަކާ އެކު މި އަހަރުގެ ކިޔެވުން މި ފެށުނީ،" އޭނާ ވިދާޅުވި އެވެ.

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހު ވިދާޅުވީ ދިރާސީ އާ އަހަރަށް އެ ސްކޫލް އޮތީ މުޅިން ތައްޔާރުވެފައި ކަމަށެވެ. ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ހަވާލުކުރެވި، ޓީޗަރުންގެ ދަތިކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ރަށްރަށަށް ފޮތް ފޮނުވުމުގައި ދަތިތައް ދިމާވެފައިވިއަސް، އާދިއްތަ ދުވަހުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ރަށަކަށް ފޮތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޗަރުންނާއި ފޮތްތައް ވެސް ހަމަވެ، ދިރާސީ އާ އަހަރަށް މި ވަނީ ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.