23 މާޗް 2021
ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށް ދިގުލައިިގެން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، މިހާރު ހިނގަމުން އަންނަ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށްގެން ކިޔަވައިދޭށެވެ. އޭގެ އެއް ބޭނުމަކަށް ވީ ވެސް، ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ރަނގަޅަށް ފިލާވަޅުތައް ނަގައިދީގެން އަހަރު ފުރިހަމަކުރުމެވެ.
ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށް ދިގުލައިިގެން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، މިހާރު ހިނގަމުން އަންނަ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށްގެން ކިޔަވައިދޭށެވެ. އޭގެ އެއް ބޭނުމަކަށް ވީ ވެސް، ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ރަނގަޅަށް ފިލާވަޅުތައް ނަގައިދީގެން އަހަރު ފުރިހަމަކުރުމެވެ.
ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ، ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ މިދިޔަ ޖެނުއަރީ 10 ގައި ފެށި ދިރާސީ އަހަރުގެ ދެ ވަނަ ޓާމާ އެކު، މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑަކަށް ކިޔަވައިދެވޭނެ ކަމަށެވެ. އެކަމަކު އެއާ ހިލާފަށް ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވުނީ މަހެއްހާ ދުވަހު އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަލުން އަޅަން ފެށި ފިޔަވަޅުތަކާ އެކު ދަށް ގްރޭޑުތައް ޖެހުނީ އަނެއްކާވެސް ބަންދުކުރާށެވެ.
ބަލިން ރައްކާތެރިވާން މިދިޔަ މަހުގެ 12 ގައި ގެނައި ބަދަލާ އެކު ގްރޭޑް 8 އިން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދިނުން އަދިވެސް އޮތީ ކުރިއަށެވެ. އެކަމަކު ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން އުފައްދަވާ ސުވާލެއް ވެސް އެބަ އޮތެވެ.
މީގެ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ހާޒިރުނުވެ ތިިބީ މާލެ ސަރަހައްދުގެ ދަށް ގްރޭޑުތަކުގައި ކިޔަވާ ކުދިންނެވެ. އެ ކުދިންނަށް އަނެއްކާވެސް ސްކޫލުތައް ބަންދުކުރުމުން، ދިރާސީ އަހަރަށް އިތުރުކުރި ހަ މަސް ދުވަހުގެ ބޭނުން އެކަށީގެންވާ ގޮތަށް ހިފޭތޯ އެވެ؟
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި ފިންލޭންޑް އިންޓަނޭޝަން ސްކޫލު ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ މިދިޔަ އަހަރު އޮންލައިންކޮށް ކިޔަވައިދޭން މަޖުބޫރުވީ މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ކަމަށެވެ. އެކަމަކު އޭރުގެ ހާލަތާ އަޅާބަލާއިރު، އެހެން ކަންކަން ވެސް ހުޅުވިފައި އޮންނާތީ ހަމައެކަނި ކިޔަވައިދިނުމަށް މި އަންނަ ހުރަސްތަކާ މެދު އޭނާގެ ކަންބޮޑުވުން އެބަ ހުއްޓެވެ.
"އޮންލައިންކޮށް ހަ މަސް ދުވަހުގެ ތެރޭގައި ސްކޫލު ގެންދިޔައިމަ މި ވާ ގޮތަކީ، މިދިޔަ އަހަރު ކުރި ހުރިހާ ކަމެއްގެ މަގުސަދު އެބަ ގެއްލޭ. މިދިޔަ އަހަރު އޮންލައިންކޮށް ގެންދިޔައީ، ހުރިހާ ކަމެއް ރޭވިފައި ވެސް އޮތީ ހަގީގަތުގައި މި އަހަރު ކިޔަވައިދެވޭނެ ކަމަށް ފިޒިކަލްކޮށް. އެކަމަކު މިހާރު އެހެން ހުރިހާ ކަމެއް ހުޅުވާފައި އޮވެފައި ސްކޫލަށް ކުދިން ނުފޮނުވުނީމަ މި ހަ މަސް ދުވަހުގެ ތެރޭގައި އަސްލު މި ގެއްލުނީ ކުދިންގެ ފަންޑަ މެންޓަލް ރައިޓެއް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮންލައިންކޮށް ކިޔަވައިދިނުމަކީ އަސްލު ތައުލީމު ފޯރުކޮށްދިނުން ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.
އޮންލައިން ކްލާހުގެ ބޭނުން އެންމެ ކުޑައީ ޕްރީސްކޫލާއި ޕްރައިމަރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ކަމަށް ވާތީ، އެ ދަރިވަރުންނަށް ވީހާވެސް އަވަހަކަށް ސްކޫލު ހުޅުވާލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުދިންގެ ހައްގުގައި އެބަ ޖެހޭ ބެލެނިވެރިން ވެސް ނުކުންނަން. ސަބަބަކީ މިހާރު އެ ކުދިން ތިބީ އަހަރަކަށް ވުރެ ގިނަ ދުވަހު ސްކްރީން ކުރިމަތީގައި. ޕޭރެންޓުން ވަރަށް ގިނައިން، ރާއްޖޭގައި ސޯޝަލް މީޑިއާގައި ވެސް އެބަ ބުނޭ ސްކްރީން ޓައިމް މަދުކުރާށޭ. އެކަމަކު ބުނާއިރު ކުދިން ކިޔަވަމުން މި ދިޔައީ ސްކްރީން ކުރިމަތީގައި މާލެ ސަރަހައްދުގައި. ސްކްރީން ކުރިމަތީގައި އަހަރެއް ވަނީއޭ،" އަދްލީ ވިދާޅުވި އެވެ.
"މީގެ ސަބަބުން ނުކުންނަ ނަތީޖާއަށް ބަލާއިރު އެކަޑެމިކް އިޝޫސް ހުންނާނެ. މިހާރު ހުޅުވާލިތަނާ ވެސް ފެނިއްޖެ. ޕްރިންސިޕަލުން އަދި ޓީޗާސް ވެސް އެބަ ފާހަގަކުރޭ ވަރަށް ބޮޑެތި ގެޕްސް އެބަ ހުއްޓޭ، އެކަޑެމިކަލީ އެޗީވްކުރެވޭ ކުދިން އެބަ ތިއްބޭ ވަރަށް ބޮޑު ތަނުން ފަހަތަށް ޖެހިފައި."
އަދްލީ ވިދާޅުވީ އެހެން ހުރިހާ ކަމެއް ގުރުބާންކޮށްފައި ވެސް ސްކޫލްތައް ހުޅުވަން ހާއްސަ އިސްކަމެއް ދޭން ޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ.
ހުރަވީ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަނުމަށް ކިއު ހަދާލާފައި: ކޮވިޑުން ރައްކާތެރިވާން އެންމެ ރަނގަޅު ފިޔަވަޅުތައް އަޅާފައި ހުރީ ވެސް ސްކޫލްތަކުގައި -- ފޮޓޯ: ހުރަވީ ސްކޫލު
"އެހެން ހުރިހާ ކަމެއް ކުރެވޭއިރު ސްކޫލަށް ނުދެވުމަކީ އަހަރެމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫނޭ މިހާރު. އަނެއްކާ ސްކޫލު ބަންދުކޮށްގެން [ކޮވިޑު] ނަމްބަރު ދަށްވިތޯ ވެސް އެބަ ޖެހޭ ސުވާލު އުފައްދަން. ހަމަ ދަށެއް ވެސް ނުވޭ. އޮތީ އެއް ހަމަ އެއް ލެވެލްގައި،" އަދްލީ ވިދާޅުވި އެވެ.
އެއީ ތެދެކެވެ. ސްކޫލުތައް ބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވިއިރު ވެސް ކޮވިޑްގެ ހާލަތަށް ބަދަލެއް ނާދެ އެވެ. އެހެންވެ ކޭސްތައް ގިނަވުމުގައި ސްކޫލްތަކަށް ދަރިވަރުން ގެންދިއުމާއި ނުގެންދިއުމުގައި ހުރީ ކޮން ތަފާތެއްތޯ ބައެއް މީހުން ސުވާލުކުރެ އެވެ. އަނެއްކާ ސްކޫލްތައް އޭރު ހުޅުވީ ބަލިން ރައްކާތެރިވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުތަކާ އެކުގަ އެވެ. އެހެންކަމުން ސްކޫލަކުން ކޮވިޑް ކޭސްތަކެއް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އެއާ ހިލާފަށް މާލޭގެ މަގުތަކާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުން ފެންނަ މަންޒަރުތައް މާ ގޯހެވެ. އަދި ބަލި ބޮޑަށް ފެތުރުން ވެސް އޮތީ އާންމުންގެ އެއްވުންތަކުގެ ތެރެއިންކަން އެޗުޕީއޭގެ މައުލޫމާތުތަކުން އެނގެ އެވެ.
އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ އެޗުޕީއޭގެ އެންގުމަށް ސްކޫލްތައް ބަންދުކުރަނީ އަނެއްކޮޅުން އެންމެ ރައްކާތެރީ ވެސް ސްކޫލުތަކޭ ބުނެފަ އެވެ. ދިރާސީ އަހަރަށް ހަ މަހުގެ މުއްދަތެއް އިތުރުކުރި ނަމަވެސް އޭގެ ފައިދާ ނުކުރާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ހުޅުވައިގެން ކިޔަވައިދެވެން އޮއްވާ އޮންލައިންކޮށް ކިޔަވައިދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.
"ހަ މަސް ދުވަހުގެ ބޭނުން ހިފަންޏާ އެންމެ ރަނގަޅީ ސްކޫލުތައް ކުދިންނަށް ހުޅުވާލުން. އެޗްޕީއޭއިން ވެސް އެ ގޮތަށް ތަކުރާރުކޮށް ވިދާޅުވަމުންދާތީއާ އެކު،" ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅު ސްކޫލަކަށް ނުފޮނުވޭ. އެކަމަކު އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން އަޅުގަނޑަށް ރެސްޓޯރެންޓަށް ދެވޭ، ދަރިފުޅު ގޮވައިގެން ހިނގާލަން ދެވޭ، ކުޅެން ދެވޭ. ދެން ސްކޫލު ކީއްވެތޯ ބަންދުކުރަން ޖެހެނީ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ."
އަދްލީ އެކޭ އެއްގޮތަށް ސައީދު ވެސް ވިދާޅުވީ ސްކޫލުތައް ބަންދުކޮށްފައި އޮތުމަކީ ހަ މަސް ދުވަހުގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަށް ގްރޭޑުތަކުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދީގެން އެއްވެސް ނަތީޖާއެއް ނުނިކުންނާނެ އެވެ.
ލ. ގަމުގެ ހަމަދު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ދަރިވަރުން: ކޮވިޑާ ގުޅިގެން ދަރިވަރުންނަށް ނުބައި އަސަރުތަކެއް ކުރި .- ފޮޓޯ: ހަމަދު ސްކޫލު
ސްކޫލުތަކުގައި މިހާރު ކިޔަވައިދެމުން އަންނަނީ ދަރިވަރުންނަށް އެންމެ މުހިއްމު ފިލާވަޅުތައް ރިޕީޓުކޮށްގެންނެވެ.
ރަށެއްގެ ސްކޫލަކުން ވާހަކަދެއްކެވި ޕްރިންސިޕަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ އެ ސްކޫލުގައި ފިލާވަޅުގެ ބައިތައް ކިޔަވައިދީ ނިމިއްޖެ ކަމަށެވެ. އެ ރަށުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިނުވާތީ، ތިން މަހަށް ފަހު މިދިޔަ ޖުލައި 1 ގައި ސްކޫލުތައް ހުޅުވި ގޮތަށް އަންނަނީ ކިޔަވައިދެމުންނެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދިރާސީ އަހަރަށް ހަ މަސް އިތުރުކުރުމަކީ އެ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
"އިތުރުކުރި ހަ މަހުގެ މުއްދަތު އަސްލު ކުދިންނަށް ބޭކާރުވީ. އެންމެ ބޮޑު އެކައްޗަކީ ތައުލީމީ އަހަރާއި އުމުރާއި ހުރިހާ އެއްޗަކުން ގެއްލިގެން ދަނީ ދުވަސްތަކެއް. ހާއްސަކޮށް ދަށް ގްރޭޑުތަކަށް އެ ބަދަލު ނުކުރި ނަމަވެސް ރަނގަޅުވީސް.،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުތަކުގައި އަދިވެސް ކިޔަވައިދެނީ ދަންފަޅި ކުރުކޮށްލައިގެން ކަމަށެވެ. އެއީ ނިއު ނޯމަލްގައި އޮތް ގޮތަށް، ހަފުތާގެ ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށެވެ. އެކަމަކު ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން އަމަލުކުރަނީ ހަމައެކަނި މާސްކް އެޅުމާއި އަތް ދޮވުމާއި ދަރިވަރުންގެ ހުން ބެލުމަށް ކަމަށާއި ކްލާހުގައި ގައި ދުރުކަމެއް މިހާރު ނުބަހައްޓާކަން ފާހަގަކުރެއްވި އެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ އިތުރުކުރި ހަ މަސް ދުވަހުގެ ބޭނުން ހިފަމުން އަންނަ ކަމަށެވެ. މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވެ މުހިއްމު އެތައް ބައިތަކެއް ދަސްކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި ދަށް ރޭޑުތަކުގެ ދަރިވަރުންނަށް ވެސް ސިލަބަހުގައި ނުނިމި ހުރި ބައިތައް ނިންމައި އެހީތެރިކަން ބޭނުންވާ ފިލާވަޅުތަކުން އެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޖާހިދު ވިދާޅުވި ގޮތުގައި ވީ އެންމެ އަވަހަކަށް ސްކޫލު ހުޅުވަން ކަމާ ގުޅޭ މުއައްސަސާތަކާ އެކު އަންނަނީ ވާހަކަދައްކަމުންނެވެ. ހާލަތު ތަންދިންހާ އަވަހަކަށް ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ފަށަން ތައްޔާރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮންލައިން ކްލާސްތަކާއި ޓެލިކިލާސްތަކުގެ އެހީގައި ކިޔަވައިދިނުން ކުރިއަށް ގެންދާކަން މިނިސްޓްރީން ކަށަވަރު ކުރަން،" މުޖާހިދު ވިދާޅުވި އެވެ.
ކޮވިޑާ އެކު ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންގެ ކިޔެވުމަށް އައި ގެއްލުންތަކުގެ އެސެސްމަންޓެއް ވަނީ ހަދައިފަ އެވެ. ދަރިވަރުންގެ އެކްސެސް އަދި އެންގޭޖްމަންޓް ސާވޭއެއް ވެސް ކުރި އެވެ. އެ ހޯދުންތައް އެނަލައިޒްކޮށް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންކަން ފާހަގަކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު