Roadha Mihaaru
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ

ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ

10 ޖެނުއަރީ 2019

ސްކޫލުތަކުގައި ނާސްތާ ދޭނެ ބަޔަކު ހޯދައި އާ އަހަރުގެ ކިޔެވުމާއެކު ހެނދުނުގެ ނާސްތާ ދިނުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގައި ނާސްތާ ދޭނެ ބަޔަކު ހޯދައި އާ އަހަރުގެ ކިޔެވުމާއެކު ހެނދުނުގެ ނާސްތާ ދިނުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނަނވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ނާސްތާ ދިނުމުގެ ކަންތައްތައް މިއަދުގެ ހެނދުނާ ހަމައަށް 22 ސްކޫލެއްގައި ހަމަޖެހިފައިވާ ކަމަށެވެ. އަނެއް ތިން ސްކޫލުގެ މަސައްކަތްތައް މިއަދު ނިމޭނެ ކަމަށް ވިދާޅުވި އެވެ.

"[ނާސްތާ ދިނުމުގެ] އެ ޕްރޮގްރާމް ޕައިލެޓްކުރުން ހަމަ އެ ދުވަހު، 13 ޖެނުއަރީގައި ފެށިގެންދާނެ،" އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފުރަތަމަ ފަށަން ނިންމާފައިވަނީ 25 ސްކޫލެއްގަ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ އާބާދީ މަދު ސްކޫލުތަކާއި މެދު ފަންވަރެއްގައި އާބާދީ ހިމެނޭ ސްކޫލުތަކާއި ދަރިވަރުން ގިނަ ސްކޫލުތައް ހިމެނެ އެވެ. އެ ޕްރޮގްރާމް ފެށުމަށް މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލު ވަނީ ހަމަޖައްސައިފަ އެވެ.

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ. ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.