Roadha Mihaaru
ނާސްތާ ޕްރޮގްރާމް: ރަނގަޅު ސިއްހަތުގެ ކުދިން އުފެދޭނެ

ނާސްތާ ޕްރޮގްރާމާ އެކު ސިއްހަތު ރަނގަޅު ދަރިވަރުން އުފެދޭނެ: މިނިސްޓަރު

13 ޖެނުއަރީ 2019

ސްކޫލްތަކުގައި ނާސްތާ ދިނުމުގެ ޕްރޮގްރާމު ގިނަ އަހަރުތަކަކަށް ކުރިއަށް ގެންދެވިއްޖެ ނަމަ، ސިއްހަތު ރަނގަޅު އަދި ދުޅަހެޔޮ ދަރިވަރުންތަކެއް އުފެދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސްކޫލްތަކުގައި ނާސްތާ ދިނުމުގެ ޕްރޮގްރާމު ގިނަ އަހަރުތަކަކަށް ކުރިއަށް ގެންދެވިއްޖެ ނަމަ، ސިއްހަތު ރަނގަޅު އަދި ދުޅަހެޔޮ ދަރިވަރުންތަކެއް އުފެދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުން ހޭދަކޮށްގެން ނާސްތާ ޕްރޮގްރާމް ފެށީ ފުރަތަމަ 25 ސްކޫލް ކަނޑައަޅައިގެންނެވެ.

އާ ތައުލީމީ އަހަރާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ނާސްތާ ޕްރޮގްރާމް 10 އަހަރަށް ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށެވެ.

"ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ދިހަވަރަކަށް އަހަރު ކާމިޔާބުކޮށް ކުރިއަށް ގޮސްފި ނަމަ، އަޅުގަނޑުމެންނަށް ފާހަގަކުރެވޭނީ ސްކޫލް ކުދިންގެ ހިތްއަލިވެ، މުރާލިވެ، ރޫފަޖެހި، އިސްކޮޅުން ދިގުވެ، ދިވެހިރާއްޖެ އާ އުސްމިނަކަށް އުފުއްލައިލާނޭ މުލައްދަނޑީގައި ބާރު ހުރި، ބުންވަރުގައި ޖޯރު ހުރި، ފަހުލަވާނުންތަކަކަށް އެ ކުދިން ވާނެކަން،" ޑރ. އާއިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާސްތާ ޕްރޮގްރާމް ފެށުމުގެ ކުރިން، ކުރި ދިރާސާތަކުން އެނގެނީ ނުކައި ސްކޫލަށް ދާ ކުދިންގެ ހެދިބޮޑުވުމަށާއި ތައުލީމީ ކުރިއެރުމަށް ބުރުއަރާކަމެވެ.

އެކަހަލަ ޕްރޮޮގްރާމެއް ފެށީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، "އެކަށީގެންވާ ކާނާ ނުލިބުމުން، ކުދިން އަނަރޫފަވެ، ބައެއް ކުދިން އެކަށީގެންވާ ވަރަށް ބޮޑު ނުވާކަން ފާހަގަކުރެވިގެން"ނެވެ.

މިއަދު 25 ސްކޫލްގައި ނާސްތާ ޕްރޮގްރާމް ފަށަން އޮތަސް، ބައެއް ސްކޫލްތަކުގައި އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިންތިޒާމްތައް ހަމަނުޖެހުނު ސްކޫލްތަކުގެ ބަދަލުގައި އެހެން ސްކޫލްތައް ހިމަނައިގެން ނަމަވެސް އަޖުމަބަލަން 25 ސްކޫލްގައި އެކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށުމާ އެކު، ހުރިހާ ސްކޫލަކަށް ފުޅާކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ކަންތައް ލާމަރުކަޒީ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެ ބަދަލު ގެނައުމުން ސްކޫލުތަކުގެ ފެންވަރު ރަނގަޅުވެ، އެތަންތަން ހިންގަން ތިބޭ މީހުން ބާރުވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެ ކުއްޖަކަށް ވެސް އެކަށީގެންވާ ތައުލީމު ފޯރުކޮށްދޭން މިނިސްޓްރީން އަންނަނީ ހާއްސަ ޑިވިޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އަތެއްގެ ހުރިހާ އިނގިލިތައް އެއްވަރު ނުވާ ފަދައިން، ހުރިހާ ދަރިވަރުންނަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ހަމަހަމަ ކުދިންނެއް ނޫން،" އެފަދަ ޑިވިޝަނެއް އުފައްދައިގެން ކޮންމެ ކުއްޖަކަށް ވެސް ތައުލީމު ކަށަވަރުކޮށްދޭން ޖެހޭ ސަބަބުތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.