Roadha Mihaaru
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު

ސްކޫލު ބަންދުވާއިރަށް ދިރާސީ އާ އަހަރުގެ ފޮތްތައް ލިބޭނެ: މިނިސްޓަރު

30 މެއި 2021

މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަހު، ހުރިހާ ދަރިވަރުންނަށް ވެސް އާ ފޮތްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަހު، ހުރިހާ ދަރިވަރުންނަށް ވެސް އާ ފޮތްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ އަންނަ އޮގަސްޓް 10 ގައި ފަށާ މި އަހަރުގެ ދިރާސީ އާ އަހަރަށް ބޭނުންވާ ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖޫން 24 ގައި ހުރިހާ ދަރިވަރުންނަށް ވެސް ފޮތްތައް ހަމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ މިހާރު މި ހިިނގާ ދިރާސީ އަހަރުގެ އެންމެ ފަހު ދުވަހެވެ.

ކޮވިޑު-19 އަށް ފަހު ތައުލީމީ ދާއިރާއާ ގުޅޭގޮތުން ނިންމި ބޮޑެތި ކަންތައްތަކުގެ ތެރޭގައި، ދިރާސީ އާ އަހަރު ފަށާ ދުވަސް ބަދަލުކޮށް، އެ ނިންމުން ދާއިމީކުރުން ހިމެނެ އެވެ. އެހެންވެ، މި އަހަރަށް ފަހު ރާއްޖޭގެ ދިރާސީ އާ އަހަރު ފަށަނީ އޮގަސްޓް ހިސާބުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އާއްމު ކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އޮގަސްޓް މަހު ކިޔެވުން ފެށުމަށް ފަހު އެންމެ ފުރަތަމަ މިޑްޓާމް ބަންދެއް ލިބޭނީ އޮކްޓޯބަރު 17-21 އަށެވެ. ފުރަތަމަ ޓާމުގެ ޓެސްޓަށް ފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

އެ އަށް ފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ.