Roadha Mihaaru
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް

މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް

07 އޯގަސްޓް 2022

އާ ތަސައްވަރާއި އުއްމީދުތަކާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު މި ފެށުނީ އެވެ. މި ނިމުނު ދިރާސީ އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައެޅި އަމާޒަށް ވާސިލް ނުވި ނަމަވެސް ނުވަތަ ބޭނުންވާ ނަތީޖާ ނުލިބުނަސް މާޔޫސް ނުވާށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ތަސައްވަރާއި އުއްމީދުތަކާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު މި ފެށުނީ އެވެ. މި ނިމުނު ދިރާސީ އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައެޅި އަމާޒަށް ވާސިލް ނުވި ނަމަވެސް ނުވަތަ ބޭނުންވާ ނަތީޖާ ނުލިބުނަސް މާޔޫސް ނުވާށެވެ.

މޮޅު ދަރިވަރަކަށް ވުމަށް ޕްރޮސެފަރު ހަސަން އުގެއިލްގެ މި ޕޯސްޓުން ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ. ކިޔަވާއިރު މި ފަސް ޓިޕްސް އަށް ސަމާލުކަން ދީފި ނަމަ ބޮޑު ބަދަލެއް ފެންނާނެ އެވެ.

ނޯޓު: މިއީ އުގެއިލް، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގެ ދިވެހި ތަރުޖަމާ އެވެ.

1) ޕްލޭނެއް ހަދާލުން

ކުރާނެ މަސައްކަތް ނުވަތަ ސްޓަޑީ ޕްލޭނެއް ނެތް ނަމަ ދުވަސްތައް ފާއިތުވެ ދާނީ އެއްވެސް އަމާޒެއް ނެތި އެވެ. ނަމަވެސް ރަނގަޅު ސްޓަޑީ ޕްލޭނަކުން އެކަން ބަދަލުވެ، ވަގުތު ދިނުމުގައި އެންމެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދެވޭނެ އެވެ. ގަނޑެއްގައި ލިޔެގެން ނުވަތަ ސިކުނޑީގައި ދުވަހުގެ ޕްލޭން ރާވާލުމުން ކަންތައްތައް އޮޅުމުގެ ބަދަލުގައި ނުވަތަ ކުރަންޖެހޭ ކަންކަން ނިންމައިލެވޭނެ އެވެ.

2) ފަހު ވަގުތަށް މަޑުނުކުރުން

ކާމިޔާބުވުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ސްޓްރެސް އާއި އެންޒައިޓީކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ވަގުތަށް ކަންކަން ނުކޮށް ފަސްކުރުމަކީ ވެސް އެންޒައިޓީއާ ސްޓްރެސް ވުމަށް މެދުވެރިވާ ކަމެކެވެ. އެހެންވެ، ވީ ވަރަކުން ފަހަށް ކަންކަން ކުރުމުގެ އާދަ ދޫކޮށްލަންޖެހެ އެވެ. މިއަދު ކަމެއް ކުރަން ޕްލޭން ކުރުމަށް ފަހު މާދަމާ އަށް ފަސްނުކުރާށެވެ. އެއީ މާދަމާ ވެސް ކުރަންޖެހޭ އިތުރު ކަންތައްތައް ހުންނާނެ އެވެ. މި ކަމަށް އޮތް ހައްލަކީ އެ ކަމެއް އެ ވަގުތަކު ފެށުމެވެ. އުނދަގޫ ކަމެއް ނަމަ ބައިބަޔަށް ބަހާލައި މަސައްކަތްތައް ކުޑަކޮށްލާށެވެ. އޭރުން ދަތި ކަމެއް އެކަން ކުރެވި، މެނޭޖުކުރަން ފަސޭހަވާނެ އެވެ.

3) ކުރާ މަސައްކަތަށް ސަމާލުކަން ދިނުން

އެއްފަހަރާ ގިނަ ކަންތައްތައް ނުކޮށް، ފަހަރަކު ކަމެއް ކުރާށެވެ. މަލްޓިޓާސްކް ނުވަތަ އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ މޮޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރިޔަސް ހަގީގަތުގައި އެއީ ތެދެއް ނޫނެވެ. އަޅުގަނޑު ދަންނަ ކާމިޔާބު މީހުން އެއް ވަގުތެއްގައި ގިނަ މަސައްކަތެއް ނުކުރެ އެވެ. ފަހަރަކު ކަމެއް ކޮށް، އެ މަސައްކަތެއް ނިމެންދެން ފުރިހަމަ އެޓެންޝަން ދެ އެވެ.

4) ދިމާވާނެ ރަނގަޅު ރައްޓެހިން ހޯދުން

އެ މީހެއްގެ ކިބައިގައި ހުންނާނީ އޭނައާ އެންމެ ގާތްކޮށް އުޅޭ ފަސް މީހެއްގެ އުޅުމެވެ. އެހެންވެ، އެއް ގޮތަކަށް ވިސްނާ މީހުންނާއެކު، އުޅުމުން ސްޓަޑީ ޕްލޭންގައި ހިފަހައްޓައި، އެ އަށް ގަވައިދުން އަމަލުކުރެވޭނެ އެވެ. އޭގެ އިތުރުން އެންމެ ބޮޑަށް ފައިދާވާނެ ގޮތަކަށް ކިޔަވަން ފަސޭހަވާނެ އެވެ. އަމިއްލަ އަށް އެނގޭ އެއްޗެހި އެހެން މީހުންނަށް ކިޔަވައިދިނުމަކީ ވެސް އެ މީހާ އަށް އެނގޭ އެއްޗެހި ޓެސްޓު ކުރުމަށް އޮތް ވަރަށް މޮޅު ގޮތެކެވެ.

5) ހަމަޖެހިލާ

މިއީ ވަރަށް ގިނަ ކުދިން އަޅާނުލައި ދޫކޮށްލާ ކަމެކެވެ. ކިޔެވުމަކީ ބޮޑު ބުރައެއް ކަމަށް ދެކިގެން ނުވާނެ އެވެ. ކިޔެވުން ބަލަން ޖެހޭނީ އާއްމު ދިރިއުޅުމުގެ ބައެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ، މުހިއްމު އެހެން ކަންކަމަށް ވެސް ވަގުތު ހުސްކުރަންޖެހޭނެ ކަމެވެ. ސިއްހަތަށް ރަނގަޅު އެއްޗެހި ކައި، ރަނގަޅަށް ނިދައި ހަރަކާތްތެރިކޮށް އުޅޭށެވެ. އޭގެ އިތުރުން ސްކޫލްގެ އިތުރު ހަރަކާތްތަކާއި އަމިއްލަ މީހާ އަށް ހަމަޖެހުން ގެންނަ ކަންކަމުގައި ބައިވެރިވާށެވެ. އެ އަށް ވުރެ މުހިއްމުކޮށް، ހަދާފައިވާ ޕްލޭނަށް އަމަލުކޮށް، ގަވައިދުން އަމަލުކުރާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކިޔެވުމާއި އަމިއްލަ ދިރިއުޅުން އެއް ވަރެއްގައި ހިފަހައްޓާށެވެ.