Roadha Mihaaru
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި

އޯގަސްޓްގައި ފަށާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި

19 އެޕްރީލް 2021

އަންނަ އޯގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އޯގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ.

މީގެ ކުރިން ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު، ކޮވިޑު-19 ގެ ސަބަބުން ތައުލީމީ ދާއިރާއަށް ގެނައި ބަދަލުތަކާ ގުޅިގެން ދިރާސީ އާ އަހަރު ފެށުން އޮގަސްޓް މަހަށް ފަސްކޮށްލީ އެވެ. އެ ނިންމުން ދާއިމީ ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވަނީ އަންނަ އޮގަސްޓުން ފެށިގެން އަންނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ކިޔެވުން ކުރިއަށްގެންދާނެ ގޮތުގެ ތާވަލެވެ. އޭގައިވާ ގޮތުން ދިރާސީ އާ އަހަރު ފެށުމަށް ފަހު އެންމެ ފުރަތަމަ މިޑްޓާމް ބަންދެއް ލިބޭނީ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.

ދިރާސީ އަހަރު ބަދަލުކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވިދާޅުވީ އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށަނީ އެ ދުވަސްވަރުގައި ކަމަށް، މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރީ ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާއަށްފަހުގަ އެވެ.