14 ޖޫން 2020
މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ އިރު، ފައްތަރުވާ ބައި ހައްލު ކުރާނީ ދެން ކިހިނެއް ހެއްޔެވެ؟
މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ އިރު، ފައްތަރުވާ ބައި ހައްލު ކުރާނީ ދެން ކިހިނެއް ހެއްޔެވެ؟
އެހެން ހުރިހާ ދާއިރާ އަކަށް ވުރެ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު "ބަލިމަޑުކަމެއް" ކުރިމަތިވާނެ ދާއިރާ އަކީ ވެސް ތައުލީމީ ދާއިރާ އެވެ. ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ތައުލީމީ ނިޒާމަށް މި އައީ ހައްލު ކުރަން އުނދަގޫ މައްސަލައެކެވެ. މިއީ ހަމައެކަނި ރާއްޖެ އަށް އެކަނި ކުރިމަތިވި މައްސަލައެއް ވެސް ނޫނެވެ. އެކަމަކު ރާއްޖެ އާއި އެހެން ބައެއް ގައުމުތަކާ ވެސް މި މައްސަލާގައި އަމަލުކުރަން ޖެހުނު ގޮތް ތަފާތެވެ. އެހެންވެ، ރާއްޖެއިން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހުރީ، ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ދުރާލާ އަޅަން ޖެހޭ ވިސްނުންތެރި ފިޔަވަޅުތަކެކެވެ.
މިހާރު ކިޔަވައިދެވިފައި އޮތީ ފުރަތަމަ ޓާމްގެ 40 ދުވަހު އެކަންޏެވެ. އަހަރެއްގެ ތެރޭގައި ކިޔަވައިދޭން ޖެހޭ ދުވަސްތަކުގެ ތެރެއިން ނުކިޔަވައިދީ އޮތް ދުވަސްތައް އެއަށް ވުރެ ގިނަ އެވެ. ތައުލީމީ ކަލަންޑަރު ބުނާ ގޮތުން، އާންމު އުސޫލުތަކުގެ ތެރެއިން ދިޔަ ނަމަ މިއީ އަހަރުގެ ކިޔެވުން ނިންމަން ހިފަން ޖެހޭ ދުވަސްވަރެވެ.
ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ދިނުމުގެ އެސެމްބްލީގައި
އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިއިން އެއްވެސް ކަމެއް ދިމައެއް ނުވި އެވެ. ގެއްލިގެން ދިޔަ ފިލާވަޅުތައް ކުދިންނަކަށް އަނބުރައެއް ނުލިބުނެވެ. އެކި އުކުޅުތައް ބޭނުންކޮށްގެން ވެސް "ރަނގަޅަށް" ކިޔަވައިދެވޭ ގޮތެއް ނުވި އެވެ. އެކި ސަބަބުތައް މެދުވެރިވެގެން، ގިނަ ކުދިން ތިބީ ފޮތްތަކާ ދުރުގަ އެވެ. އެންމެންގެ ވެސް ތިބީ ދަރިން އަލުން ސްކޫލަށް ފޮނުވައިގެން ކިޔަވައިދެވޭނެ މާހައުލެއް ފަހިވަންދެން މަޑުކޮށްލައިގެންނެވެ.
ސަރުކާރުން މިހާރު ވަނީ މި އަހަރުގެ ކިޔެވުން އަންނަ އަހަރުގެ ޖޫން/ ޖުލައިގެ ނިޔަލަށް ދަންމާލައިފަ އެވެ. މި ބަދަލު ސަރުކާރުން ގެނައީ، އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވަރަށް ފުން ވިސްނުމަކަށް ފަހު އެވެ.
"އޯލެވެލް އާއި އޭލެވެލް އާ ދޭތެރޭގައި މި އަންނަ ހުސް ކަމުގެ ވާހަކަ އަކީ މި ދާއިރާގައި އަބަދު ވެސް އޮންނަ ބަހުސެއް. އެ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ކުދިން ގޯސް ވާ ވާހަކަ އާއި ކުރާނެ ކަމެއް ނެތުމުގެ ވާހަކަތައް އަބަދު ވެސް ދެކެވޭ،" އޯލެވެލް އާއި އޭލެވެލްއާ ދޭތެރޭ ހޭދަވާ ހައެއްކަ މަހަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކީ މިއީ ގެންނަން ބޭނުންވެގެން ތިބޭތާ ވަރަށް ގިނަ ދުވަސްވީ ބަދަލެއް. މިކަހަލަ ބަދަލެއް ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު."
މި ބަދަލު ގެންނަން ޖެހުނު އެހެން ސަބަބުތަކުގެ ތެރޭގައި މި އަހަރު ބައެއް ދަރިވަރުންނަށް، ހާއްސަކޮށް އޯލެވެލް އަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ރަނގަޅަށް ކިޔަވައިދެވިފައި ނުވުން ހިމެނެ އެވެ. މިހާރު އޮތް ތައުލީމީ ކަލަންޑަރާ އެއްގޮތަށް މި އަހަރުގެ ކިޔެވުން ނިންމާލައިފި ނަމަ އޯލެވެލްގެ ކުދިންނަށް ދިމާވާނެ މައްސަލަތައް ބައިވަރެވެ.
"އެހެންވެ އަހަރު ދަންމާލައި، ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ ވެސް އެއް ގޮތަކަށް ދިރާސީ އަހަރު މި ބަދަލުކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
އޯލެވެލް ޓޮޕް 10 ހޮވުމުގެ ޖަލްސާއެއް: އޯލެވެލް އާއި އޭލެވެލް އާ ދޭތެރޭގައި އޮންނަ މުއްދަތު ދެން ނޯންނާނެ -- ފައިލް ފޮޓޯ: މިހާރު
ކޮވިޑް 19 އާ ގުޅިގެން ކުދިންނަށް އެކި ގޮތްގޮތަށް ކިޔަވައިދީފައި ވެ އެވެ. ގޫގުލް ކްލާސްރޫމާއި، ގޫގްލް މީޓްގެ އިތުރުން ޓެލެކްލާސްތައް ވެސް ބޭނުންކުރި އެވެ. ހުރިހާ ގްރޭޑަކަށް އެކި ދުވަހު އެކި ފިލާވަޅުތައް ނަގައިދިނެވެ. ބައެއް ކުދިން ގިނަ ދުވަސްތަކެއް ވަންދެން، އަދި ބައެއް ކުދިންނަށް ކުޑަ ދުވަސްކޮޅަކު ވަނީ ފިލާވަޅުތައް ދީފަ އެވެ. އެހެންވެ ކުދިން ކިޔެވިތޯ/ ނުކިޔެވިތޯ ނުވަތަ ކުދިންނަށް ހާސިލްވި މިންވަރާ ދޭތެރޭ އެޑިއުކޭޝަނަށް ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އެހެންވެ، މި އަހަރުގެ ދިރާސީ އަހަރަށް އިތުރުވި މަސްތަކުގައި އެކަން ދެނެގަންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މީގައި ބައެއް ސްކޫލުތަކުން އެބަ ބުނޭ ގޭގައި ތިބެގެން ކިޔަވައިދިނަސް ބައެއް ފިލާވަޅުތައް އެބަ ހުއްޓޭ ސްކޫލުގައި ކުދިން ތިބެގެން އަލުން ނަގައިދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން މި އަހަރުގެ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގޭގައި ތިބެގެން ކިޔަވައިދިން އެއްޗިއްސާ ދޭތެރޭ ބެލެނިވެރިން ވެސް ސުވާލު އުފައްދަ އެވެ. ބައެއް ގޭގެއަކީ ކިޔަވައިދިނުމަށް އެކަށީގެންވާ މާހައުލަށް ނެތުމާއި އިންޓަނެޓްގެ މައްސަލަތަކާއި މިކަހަލަ ކިތަންމެ ކަމެއް މެދުވެރިވި އެވެ. ބައެއް ޓީޗަރުން ފާހަގަކުރާ ގޮތުގައި ގިނަ ކުދިން އެ ކުލާސްތަކެއް ނުވެސް ނަގަ އެވެ.
އެކަމަކު ފިލާވަޅުތައް ރިޕީޓް ކުރުމަކީ ސަރުކާރުގެ މުޅި ވިސްނުމެއް ނޫނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެކަން މުޅިން ނިންމާނީ އަދި ފަހުންނެވެ. އެކަމަކު މިނިސްޓްރީން އެއް ޔަގީންކަމެއް ދިނެވެ. އެއީ އާ ފިލާވަޅުތަކެއް ތައާރަފުކުރުމެވެ.
އެއް ގްރޭޑެއްގައި ދޮޅު އަހަރު ހޭދަކުރުމަކީ، ރާއްޖޭގައި އަލަށް ދިމާވާނެ ކަމެކެވެ. ތައުލީމީ ކަލަންޑަރު ބުނާ ގޮތުން ނޮވެމްބަރުގައި ރިޕޯޓް ފޮތް ދީ، އަހަރު ނިންމާލައި އަންނަ އަހަރުގެ ޖެނުއަރީ 12-13 ގައި ސްކޫލުތައް އާ އަހަރަކަށް ފަށަން ޖެހެ އެވެ. އެކަމަކު މިހާރު އޮތް ގޮތުން އެއް ގްރޭޑެއްގައި އިތުރު ހަ މަސް ދުވަހު ކިޔަވަން އެބަ ޖެހެ އެވެ. މިއީ ބައެއް ބެލެނިވެރިން ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވާ މައްސަލައެކެެވެ. އެ މީހުންގެ އޮތީ މައިގަނޑު ދެ ސުވާލެކެވެ. އެެއް ކަމަކީ މިހާރު ހެދި ގޮތުން ދަރިވަރުންގެ ހަޔާތުން އެއް އަހަރު ގެއްލުމެވެ. އަނެއް ސުވާލަކީ ދެން އޮތް ހަ މަހު ކިޔަވައިދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކިޔެވި އެއްޗެހި ރިޕީޓް ކުރާނީ ހެއްޔެވެ؟
"ނޫން، ފަހަރެއްގައި ވެސް މިއީ ދަރިވަރުންގެ ހަޔާތުން ގެއްލޭ އަހަރެއް ނޫން. ދަރިވަރުގެ މުޅި ތައުލީމީ ހަަޔާތުގެ 12 އަހަރަށް ބަލާއިރު، މިހެން ހެދިޔަސް ހަމަ މި ހޭދަވަނީ 12 އަހަރު ޖުމްލަ،" އޮފިޝަލް ވިދާޅުވި އެވެ.
"އެއީ ސުވާލެއް އޮތް ކަމެއް ނޫން. މިހެން ހެދީމަ އޯލެވެލް ހަމަ ނިންމުމާ އެކު ދެން ފަށަންވީ އޭލެވެލް އަށް. އެ ދޭތެރޭގައި މިހާރު މުއްދަތެއް ނުދާނެ."
ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ: ތައުލީމީ އަހަރަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި -- ފައިލް ފޮޓޯ: މިހާރު
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިގޮތަށް މިކަން ދިމާވުމާ ގުޅިގެން، މިނިސްޓްރީ އަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަވެފަ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ އާންމު ސިއްހަތު އެއީ އެއް ކަންތަކެވެ.
"ކުލާސްތަކެއް ރިޕީޓެއް ނުވާނެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މި އަހަރު ބޮޑު ޗުއްޓީ އަށް ބަންދުކޮށް އަލުން ހުޅުވުމަށް ފަހު ސިއްހަތާ ބެހޭ ކުލާސްތަކެއް ވެސް އިތުރު ކުރުމަށް. އޭގެ މަސައްކަތްތައް އެބަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުން ނަމަ، މި އަހަރަށް ކަނޑައަޅާފައިވާ ތައުލީމީ މުގައްރަރު މި އަހަރުގެ ނިޔަލަށް ނިމޭނެ އެވެ. މާނައަކީ ކުރިއެކޭ އެއްގޮތަށް ސްކޫލުތައް ހަމަ ބޮޑު ޗުއްޓީ އަށް ބަންދުވާނެ އެވެ.
"އެކަމަކު ޑިސެމްބަރުގައި ރިޕޯޓް ފޯމް ދޭނެތޯ ނުދޭނެތޯ އަދި ނުވެއް ނިމޭ. މި އަހަރުގެ ބޮޑު ޗުއްޓީ އެގޮތުގައި ހަމަ އޮންނާނެ. ސަބަބަކީ މުވައްޒަފުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން އަހަރީ ޗުއްޓީ ދޭން ޖެހޭ، އޭނަ ވިދާޅުވި އެވެ.
"އެންއައިއީ (ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން) އިން މިހާރު އެބަ ތައްޔާރު ކުރަމުންދޭ މި އަހަރު ކިޔަަވައިދޭނެ ފިލާވަޅުތައް. މީގައި މި ހަދާ ގޮތަކީ ކޮންމެހެން މުހިންމު ފިލާވަޅުތައް މި އަހަރު ދެން ކިޔަވައިދޭނީ. އެއީ އެ ގްރޭޑެއްގައި ކޮންމެހެން ހާސިލް ކުރަން ބޭނުންވާ ބައި އެކަނި. އެބައި މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާނެ."
ޖުލައި 1 އިން ފެށިގެން ގްރޭޑް 9-12 އަށް އުސޫލުތަކެއްގެ ދަށުން ކިޔަވައިދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އޭގެ ދަށް ގްރޭޑްްތަކުގެ ދަރިވަރުން ސްކޫލަށް ދާން ޖެހޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެއީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ވިޔަސް ނުވަތަ އެއަށް ވުރެ ފަހުން ވިޔަސް، އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ އެކަމަށް އޮތީ ތައްޔާރުވެފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު އެބަ ވަގުތު ލިބޭ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ތައުލީމީ ދާއިރާގެ ޝަކުވާ: ވާނުވާއެއް ނޭނގޭ!
ދަރިވަރުން ގޭގައި، "އޯކޭއެއް ނޫން"
ދަރިވަރުން އުފަލުން، އެކަމަކު ނިއު ނޯމަލް އުނދަގޫ!
މިހާރު ޕޯލް: ގިނައީ ސްކޫލަށް ފޮނުވަން ދެކޮޅު މީހުން
ތިން މަހަށް ފަހު ދަރިވަރުން ސްކޫލުތަކަށް
އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި
ތައުލީމީ އާ އަހަރުގެ މެސެޖާއެކު ވަޒީރުން 19 އަތޮޅަށް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް