13 ސެޕްޓެމްބަރ 2020
ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް ހެދިޔަސް އެ މީހުންގެ ހައްގުތައް ނުގެއްލޭނެ ކަމަށާއި އެއީ ތައުލީމީ ދާއިރާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.
ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް ހެދިޔަސް އެ މީހުންގެ ހައްގުތައް ނުގެއްލޭނެ ކަމަށާއި އެއީ ތައުލީމީ ދާއިރާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.
ޕްރިންސިޕަލުންގެ އާ އުސޫލާ ގުޅޭގޮތުން، "ރާއްޖެ ޓީވީ"ގެ ފަލަސުރުޚީ ޕްރޮގްރާމުގައި، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ ވިދާޅުވީ ވަރަށް ބިނާކުރުވަނިވި ހިޔާލުތަކާ އެކު ސްކޫލުތައް ހިންގާ ޕްރިންސިޕަލުން އެބަތިބި ކަމަށެވެ. އެފަދަ ހިޔާލުތައް އިތުރު ސްކޫލުތަކަށް ލިބުމަކީ ކުރިން ފާހަގަކުރި ސްކޫލާ އެއްވަރަކަށް ގެންނަން ލިބޭނެ ފުރުސަތެއް ކަމަށާއި އެކަމުގައި ޕްރިންސިޕަލުންގެ ހައްގުތައް ނުގެއްލޭކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޕްރިންސިޕަލުންގެ ހައްގުތައް ނުގެއްލޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏަސް، މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އުސޫލާއެކު ގިނަ ޕްރިންސިޕަލުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރުގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާއި، އެޑިއުކޭޝަންގެ ހުރިހާ ވެރިން ތިއްބަވާ ވައިބަ ގްރޫޕުގައި ވެސް އެ ބޭފުޅުންގެ ޝަކުވާތައް އޮއްސާލާފައި ވެ އެވެ. އެއާއެކު، މިދިޔަ ހުކުރު ދުވަހު އެ އުސޫލާ ގުޅޭ މައުލޫމާތު ދިނުމަށް ސެޝަނެއް ބާއްވާފައި ވެ އެވެ.
އަހުމަދު ވިދާޅުވީ، ޕްރިންސިޕަލުންގެ ހިދުމަތް އެއް ސްކޫލުން އަނެއް ސްކޫލަށް ލިބެމުން ދިއުމަކީ، ޒަމާންތަކެއް ފަހު ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ. ހާސިލްކުރަން ބޭނުންވާ މަގުސަދަކީ އެއީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދޭތެރެދޭތެރެއިން އަންނަ ސުވާލެއް މިއީ ކޮންމެ ވެސް ވަރަކަށް ޕްރިންސިޕަލުންގެ ވެސް އަޅުގަނޑުމެން ދެ ދުވަހެއްގައި އަޅުގަނޑުމެންނަށް ޕްރިންސިޕަލުންނާ އެކު މި ބޭއްވުނު ބައްދަލުވުންތަކުގައި ވެސް، މިއާ ގުޅިގެން އެއްވެސް ޕްރިންސިޕަލަކަށް، މިހާރު ސިސްޓަމްގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ޕްރިންސިޕަލަކަށް އެ ޕްރިންސިޕަލެއްގެ ވަޒީފާއާ ގުޅޭ އެއްވެސް ހައްގެއް އުނިވެ އެފަދަ އެއްވެސް ކަމެއް ނުވާނެކަން އަޅުގަނޑުމެން އެބަ ކަށަވަރުކުރަން،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މިހާރު މަސައްކަތް ކުރާ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ތައުލީމީ ދާއިރާ އިން ކިޔަވަމުން އަންނަ އެހެނިހެން މީހުން ވެސް ޕްރިންސިޕަލެއްގެ ގޮތުގައި ވަޑައިގެން ސްކޫލެއްގައި މަސައްކަތްކޮށް ތަޖުރިބާ އާއި އިލްމުގެ އަލީގައި ހިދުމަތްކުރަން ބޭނުންވެ އެވެ. ބަދަލާ ގުޅިގެން އެ މީހުންނަށް ކުރިއަށް އޮތް ތަނުގައި ފުރުސަތު ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލި އުސޫލުގެ ދަށުން ހަދާ ގަވައިދުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ބަލައި އެ ކަންބޮޑުވުންތަކަށް ޖަވާބު ލިބޭނެ ކަމަށް ޕީއެސް ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސް ގަވައިދާ، ޕްރިންސިޕަލުންގެ އާ އުސޫލު ހިލާފު ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
އޭގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ އުސޫލު ތަންފީޒުކުރާއިރު ގާނޫނާއި ސިވިލް ސާވިސް ޕްރޮފެޝަނަލް ގިންތީގެ ދާއިރާތަކަށް މީހުން އައްޔަންކުރުމުގެ އުސޫލަކާ ވެސް ހިލާފެއް ނުވާނެ ކަމަށެވެ. މިހާރު ހަދާފައިވަނީ ވަރަށް އާންމު އުސޫލެއް ކަމަށާއި އެކަމާ ގުޅިގެން ހަދާ ގަވައިދުތަކުގައި މިވަގުތު ޕްރިންސިޕަލުންގެ ހުރިހާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ބަލާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ޕްރިންސިޕަލް ވަޒީފާއަދާކުރާ ސްކޫލު ކަނޑައެޅުމުގައި، އުސޫލު ތަންފީޒު ކުރާއިރު ގާނޫނީ ހުރަހެއް ނާންނާނެ މިއަކަށް އަދި އެއްވެސް ބޭފުޅެއްގެ ހައްގެއް ވެސް ނުގެއްލޭނެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކަން ކަށަވަރު ކުރާނެ" ޝަރުމާ ވިދާޅުވި އެވެ.
"މުވައްޒަފުންގެ ހައްގު ނުގެއްލޭ ގޮތަށް އަޅުގަނޑުމެން މި އުސޫލު ތަންފީޒު ކުރާނީ. ގަވައިދަށް ތިރިކޮށްފައި އުސޫލު ތަންފީޒުކުރާނީ ކިހިނެއްތޯ، އެ ސްޓެޕްތައް ގެންނާނީ ޕްރިންސިޕަލުންނާއި އެހެން މީހުންގެ ލަފައާ އިރުޝާދު ހޯދައިގެން."
ޝަރުމާ ވިދާޅުވީ ޕްރިންސިޕަލުންނާ މަޝްވަރާކޮށް، ކަންބޮޑުވުންތައް ބަލާފައިވާ ކަމަށާއި އަންނަ ހަފުތާގައި އިތުރު ބައްދަލުވުންތަކާ އެކު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ ހުރިހާ ޕްރިންސިޕަލުން ގަބޫލުކުރައްވާ އުސޫލެއް ކަމަށް ވިދާޅުވި އެވެ.
"މި އުސޫލު ވާނީ ޕްރިންސިޕަލުން ހަމަ އެ ބޭފުޅުން އަމިއްލަފުޅަށް ސެލް ކުރައްވާނެ އުސޫލަކަށޭ. އަދި މި އުސޫލުގެ ތެރެއިން ޕްރިންސިޕަލުންގެ ހަމަ އިހުނަށް ވުރެ ބޮޑަށް އެ ބޭފުޅުން ގާބިލިއްޔަތުކަން ނެރުއްވައިގެން ރާއްޖޭގެ ތައުލީމީ ނިޒާމު، ސްކޫލު މަދަރުސާތަކުގެ ތައުލީމީ ކަންތައްތައް މިހާރަށް ވުރެ ހަމަ ވަރަށް ބޮޑުތަން ރަނގަޅުކުރައްވާނެ، ކޮށްދެއްވާނެ. އެ އުސޫލުގައި ހަމަ މިހާރު ގިނަ ޕްރިންސިޕަލުން މަސައްކަތް ކުރައްވަމުން އަންނަނީ،" ޝަރުމާ ވިދާޅުވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ލިބެމުންދާ ވަރަކަށް އުސޫލުގެ ފައިދާ ބޮޑުވާ ތަން ޕްރިންސިޕަލުންނާއި މުޖުތަމައަށް ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު ބުނާގޮތުން، ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަ ވެގެން މަސައްކަތް ކުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމަކަށެވެ. އެ ސްކޫލުތަކަށް ޕްރިންސިޕަލް އައްޔަންކުރާނީ ވެސް، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން ޕީއެސް ހިމެނޭގޮތަށް އެކުލަވައިލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.
ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލް އަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީގެ ގާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައި ވެ އެވެ.
ޝަރުމާ ވިދާޅުވި ގޮތުގައި، ޕްރިންސިޕަލުންގެ މަސައްކަތް އެޕްރައިޒަލް ކުރާނީ ޕްރިންސިޕަލުންގެ އިމީޑިއެޓް ސުޕަވައިޒަރެވެ. އެ ސުޕަވައިޒަރަކަށް ހުންނަނީ ސްކޫލު އެޑްމިނިސްޓްރޭޝަން ޑިވިޝަނެވެ. އެގޮތުން އެ ޑިވިޝަނުން ހަވާލުވެފައި ހުންނަވާ ބޭފުޅުންނާއި ޕީއެސް ބެއްލެވުމުގެ ދަށުން ޕްރިންސިޕަލުން އެޕްރައިޒަލް ކުރާނެ ކަމަށާއި އެކަން ކުރާނީ މިހާރު އެޕްރައިޒަލް ކުރާ ގޮތަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކަމަށް ވިދާޅުވި އެވެ. މަޝްވަރާ ކުރަމުން އަންނަނީ "360 ޑިގްރީ" އެޕްރައިޒަލެއް ގޮތަށް ގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، މިިދިޔަ ބުރާސްފަތި ދުވަހު އެ އުސޫލު އާއްމުކޮށް އަމަލުކުރަން ފެށުމުން، ސިވިލް ސާވިސްގެ ވިއުގައިގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުވާނެ ކަމަށެވެ. އެއަށް ފަހު ކޮންމެ ޕްރިންސިޕަލަކު މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ އެވެ. އެގޮތަށް ގެންދާއިރުގައި، އެ ޕްރިންސިޕަލަކު ބޭނުންވާ ސްކޫލެއް ނުވަތަ ސްކޫލުތަކެއް އިހުތިޔާރު ކުރުމުގެ ފުރުސަތު، ހުރިހާ ޕްރިންސިޕަލުންނަށް ދޭނެ އެވެ. އެގޮތަށް އެ ޕްރިންސިޕަލަކު ހުންނެވި ސްކޫލުގައި ހުންނަވަން ބޭނުންވާ ކަމުގައިވާނަމަ ފުރަތަމަ ޗޮއިސް އަކަށް އެ ސްކޫލު ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރަސްމީކޮށް ލިޔުން ހަވާލުކުރުމާ ހަމައަށް، މިވަގުތު އެ ޕްރިންސިޕަލުން ތިބި ސްކޫލެއްގައި މަސައްކަތް ކުރާނެ އެވެ.
ދެ ވަނައަށް އަދި ތިން ވަނައަށް އެ ޕްރިންސިޕަލް ޝައުގުވެރިވަނީ ކޮން ސްކޫލެއްކަން ޖެހޭނެ ކަމަށާއި އެގޮތަށް ކަނޑައެޅުމުން އެއް ސްކޫލަކަށް އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ އެ ހާލަތުގައި ޕްރިންސިޕަލަކު ހަމަޖައްސާނީ، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.
ޕްރިންސިޕަލުންނާއެކު މިހާތަނަށް ކުރި މަޝްވަރާގައި ވެސް ޕާފޯމަންސް އެޕްރައިޒަލް އޮތުމުން އެ ބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް ހުރި ކަމަށް ޕީއެސް ވިދާޅުވި އެވެ. އިންޓަވިއު ކުރިއަށް ގެންދަން ވަކި ޕެނަލެއް އޮތުމުން އެކަމުން ނުކުމެދާނެ ކަންތައްތަކެއް ފާހަގަކުރައްވާ ކަމަށާއި އެ ކަންބޮޑުވުންތައް ނޯޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޕާފޯމަންސް އެޕްރައިޒަލަށް 50 ޕަސެންޓް އަދި އިންޓަވިއުއަށް 50 ޕަސެންޓު ދިނުން ރަަނގަޅުތޯ ނުވަތަ އޭގެ ތެރެއަށް އިތުރު ބައެއް ހިމަނައި 100 ޕަސެންޓް ބަހާލާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަ ނަމަ ކުރިއަށް އޮތް މަރުހަލާތަކުގައި އެކަން ނިންމާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޕްރިންސިޕަލުންނަށް ކަންބޮޑުވެ ނުލައްވާށޭ. މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރާއްޖޭގެ ހުރިހާ، މިސާލަކަށް އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލަކަށް ހަމަ ކުރިއަށް އޮތް ތަނުގައި މާލޭގެ ސްކޫލެއްގައި ވެސް ހަމަ ހިދުމަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ދިއުން އެއީ އަޅުގަނޑުމެންގެ މި އުސޫލުގެ ތެރެއިން ފަހިކޮށްދޭނެ ފުރުސަތެއް،" އަހުމަދު ވިދާޅުވި އެވެ.
"އެގޮތަށް ހަމަ މާލޭގައި ހުންނަވާ ބޭފުޅަކު އަތޮޅުތެރޭގެ ސްކޫލަކަށް މިސާލަކަށް ހަމަ އައްޑޫ ސިޓީގެ ސްކޫލެއްގައި އެ ޝައުގުވެރިކަން ހުރި ސްކޫލެއްގައި ޕްރިންސިޕަލަކަށް ގޮސް މިނިވަންކަމާއެކު، އެ ހަތަރު އަހަރުގެ ޓެނުއާއެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ހުޅުވާލާ ދޮރެއް މި ދޮރަކީ."
މިކަން ނިމޭއިރު އެ ފާޅުކުރައްވާ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން އަހުމަދު ދެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުންގެ އުސޫލުން ނުކުންނާނެ ނަތީޖާތައް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. އުއްމީދަކީ އެއީ ރަނގަޅު މަގެއްގެ ގޮތުގައި އަދި ޕްރިންސިޕަލުންނަށް އިލްމީ ގާބިލްކަމާއި ކުރިއެރުމަށް ވެސް އެހީތެރިވެދޭ އުސޫލަކަށް ހެދުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އާ އުސޫލާ މެދު ޕްރިންސިޕަލުން ކަންބޮޑުވެއްޖެ
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
ޕްރިންސިޕަލުންގެ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން