11 ސެޕްޓެމްބަރ 2020
ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެކުލަވާލާ ކޮމިޓީއަކަށް ދިނުން ފަދަ ކަންކަމަކީ ތައުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ސިލްސިލާއެއް ކަމަށް ބުނެ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ތައްޔާރުކުރި އުސޫލާ މެދު ގިނަ ޕްރިންސިޕަލުން ކަންބޮޑުވެއްޖެ އެވެ.
ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެކުލަވާލާ ކޮމިޓީއަކަށް ދިނުން ފަދަ ކަންކަމަކީ ތައުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ސިލްސިލާއެއް ކަމަށް ބުނެ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ތައްޔާރުކުރި އުސޫލާ މެދު ގިނަ ޕްރިންސިޕަލުން ކަންބޮޑުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާއްމުކުރި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލުގައި ބުނާގޮތުން، ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.
ޕްރިންސިޕަލްގެ މަގާމުގައި ތިބޭ މުއްދަތަކީ ހަތަރު އަހަރެވެ. އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް އެ އުސޫލުގައި ބުނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެހެން ސްކޫލަކަށް ބަދަލުކުރުމާމެދު ގޮތެއް ނިންމާނީ "ޕްރިންސިޕަލުން ވަޒީފާއަދާކުރާނެ ސްކޫލު ކަނޑައަޅާ" ކޮމިޓީން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ އުސޫލު އާއްމުކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ހިމެނިވަޑައިގަންނަވާ ވައިބަ ގްރޫޕުގައި ގިނަ ޕްރިންސިޕަލުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ ޕްރިންސިޕަލުންގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލީ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކޮށް ސީއެސްސީއާއެކު ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފައި ކަމަށެވެ. ޓީޗިން ސާވިސް އޮފިސަރުގެ އޮނިގަނޑު އުވާލައި އާ އޮނިގަނޑެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތައް ހައްލުވެގެން އަންނާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.
"ސީއެސްސީ އިން އެޕްރޫވްކޮށްފައި މިއަދު އާއްމުކުރެވުނު އުސޫލަކީ މިދިޔަ އަހަރުން ފެށިގެން ސީއެސްސީއާއެކު މަޝްވަރާކުރެވި، ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ނިޒާމަށް މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން ވުޖޫދު ކުރެވުނު އުސޫލެއް. މިއަށް އަމަލުކުރެވިގެންދާއިރު އޭގައި ބުނެފައިވާ ކަންކަން ފުރިހަމަކުރެވޭނެ،" ވައިބާ ގްރޫޕުގައި ޕީއެސް ވިދާޅުވި އެވެ.
އޮނިގަނޑަށް ގެނައި ބަދަލު ޕީއެސް ސާފުކޮށްދެއްވި ވައިބާ ގްރޫޕްގައި ތައުލީމީ ދާއިރާގެ 247 މެމްބަރުން ހިމެނެ އެވެ.
އުސޫލާ މެދު ހިތްހަމަނުޖެހިފައި ހުރި ޕްރިންސިޕަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޔުނިވާސިޓީތަކުގެ ޑީން އައްޔަންކުރާ ގޮތަށް ޕްރިންސިޕަލުން ވެސް ވަކި މުއްދަތެއް ވަންދެން މަސައްކަތް ކުރުމަކީ ގޯސް ކަމެއް ނޫން ކަމަށް އަމިއްލައަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް މި އުސޫލުގައި، އެޑިއުކޭޝަން މިނިސްޓްރީ ބޭނުންވުމުން، އަމިއްލަ ރުހުމާ ނުލައި ވެސް ވަޒީފާ ބަދަލުކުރެވޭއިރު އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ތަނަކަށް އެޕްލައިކޮށްގެން އަޅުގަނޑަށް މި ލިބެނީ.... މިސާލަކަށް އަޅުގަނޑު މި ސްކޫލަށް އެޕްލައިކޮށްގެން މި ސްކޫލުގެ ވަޒީފާގައި ނޫންތޯ މި ދަނީ. އަޅުގަނޑުގެ މުޅި ދިރިއުޅުން ހުރިހާ ކަމެއް އޮންނާނީ މިތާގައި ނޫންތޯ. ކުއްލިއަކަށް މިނިސްޓްރީން އަޅުގަނޑުގެ ވަޒީފާ ކޮންމެ ވެސް އެހެން ރަށެއްގެ ތަނަކަށް ބަދަލުކުރީމަ އަޅުގަނޑުގެ މުޅި ދިރިއުޅުން ނޫންތޯ އެ ބަދަލުވެގެން ދަޔައީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވޭނެ ކަމެއް ނޫން،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ 212 ސްކޫލު ހުންނައިރު، މިހާރު ވެސް އެ ސްކޫލުތަކަށް އެކަށީގެންވާ ވަރަކަށް ޕްރިންސިޕަލުން ނުލިބެ އެވެ. އާ އުސޫލާ އެކު، އެއް ސްކޫލުގައި ގިނަ ވެގެން ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އަށް އަހަރަށް ހެދުމުން ގިނަ ބަޔަކު ތައުލީމީ ދާއިރާ ދޫކޮށްލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެހެން ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި އާ އުސޫލާ އެކު ވަޒީފާގެ ޔަގީންކަން ވަނީ ގެއްލިފަ އެވެ. އާބާދީ ބޮޑު ތަންތަނަށް ވުރެ ކުދި ރަށްތަކުގައި ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ގުޅޭ އެފަދަ މައްސަލަތައް ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލުންގެ މަގާމު މިހާރު އޮތް ގޮތުން ބޮޑަށް ފެންނަނީ ސިޔާސީ މަގާމެއްގެ ގޮތުގަ އެވެ.
"ފަސް މެމްބަރުންގެ ކޮމިޓީއަކުން މި ނިންމަނީ ޕްރިންސިޕަލް ދާނީ ކޮން ތަނަކަށްތޯ. އެ ފަސް މެމްބަރުންގެ އަތުގައި އޮތް ބާރެއް ނޫންތޯ، އަޅުގަނޑުމެންގެ މެރިޓް ސެޓްފިކެޓުތަކާއި އަޅުގަނޑުމެންގެ އެއްވެސް އެއްޗެއް އޭޭރުން ކައުންޓެއް ނުކުރާނެ. ނެތެއްނޫންތޯ އެއްވެސް ވެލިއުއެއް. ފަސް މެމްބަރުން ބޭނުންވާ ތަނަކަށް ލީމައި ނިމުނީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ އޮނިގަނޑުން ޕްރިންސިޕަލުން ބޭރުކޮށް، ޕްރިންސިޕަލުންނާ ގުޅޭ އުސޫލެއް ހަދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުންޏަސް ހަ އަހަރު ވެގެން ދިޔައިރު ވެސް އެފަދަ އުސޫލެއް ނެތެވެ. އެ މައްސަލައަށް ހައްލު ނުލިބި އޮއްވައި، ކުއްލިއަކަށް އާއްމުކުރި އުސޫލަކީ ޕްރިންސިޕަލުންނަށް ދިން "ލަނޑެއް"ގެ ގޮތުގައި ބައެއް ޕްރިންސިޕަލުން ދެކިވަޑައިގަންނަވަ އެވެ.
ގާނޫނީ ވަކީލް އަދި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރައްވާ މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލުން މަސައްކަތްކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު، ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފެވެ. މަސައްކަތްކުރާނެ ކޮންޓްރެކްޓެއް ހަދާފައި އޮއްވައި، އެ މީހަކު އެގޮތަށް ބަދަލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ގަވައިދުގެ ޗެޕްޓާ 8 ހާއްސަކޮށްފައިވަނީ ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުން އަދި ވަޒީފާއިން ވަކިކުރުމާ ގުޅޭ ކަންކަމަށެވެ. އޭގައި ބުނާގޮތުން ވަޒީފާ ދިނުމާއި އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ ބާރުތައް ލިބެނީ ސީއެސްސީއަށެވެ.
އެ ގަވައިދުގައި، މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާ ބެހޭ މާއްދާއެއް ވެސް އެބައޮތެވެ. ނަމަވެސް އެއީ އެ މުވައްޒަފު އަމިއްލައަށް ބޭނުންވެގެން ވަޒީފާ ބަދަލުކުރުމާ ގުޅޭ ކަމެކެވެ. ވަޒީފާ ބަދަލުކުރުމާ ބެހޭ ވަކި މާއްދާއެއް އޮންނައިރު އޭގައި ބުނަނީ ސިވިލް ސާވިސް މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ވަޒީފާ ބަދަލުކުރުމަށް މަސްއޫލު އޮފީހުން ކޮމިޝަނަށް ހުށަހަޅާނީ ވަޒީފާ ބަދަކުރުމަށް އެދޭ ޗިޓުންނެވެ. އެ މާއްދާގެ ދަށުން މުވައްޒަފަކު އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާއިރު، އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް ނުވަތަ ރުހުމަކާއެކުގައި މެނުވީ ބަދަލުކުރެވޭނީ ވެސް ވަކި ހާލަތެއްގަ އެވެ. އޭގައި މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިއްމު ޝަރުތެއް މުވައްޒަފުގެ ކިބައިން އުނިވުމާއި މަސައްކަތްކުރަންޖެހޭ ފެންވަރަށް މަސައްކަތް ނުކުރުން ފަދަ ކަންކަމަށެވެ.
ސިވިލް ސާވިސްގެ ވަޒީފާއަކަށް އިއުލާނުކުރާއިރު، މަގާމުގެ ނަމާއި ވަޒީފާއަދާ ކުރަންޖެހޭ ތަނާއި ރަށާއި މަގާމުގެ ރެންކާއި ކްލެސިފިކޭޝަނާއި މަގާމުގެ ޝަރުތުތަކުގެ އިތުރުން ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް ބަޔާންކުރަންޖެހޭނެ އެވެ. ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު މިނިސްޓްރީގެ ވަކި ކޮމިޓީއަކަށް ދިނުމަކީ، ސީއެސްގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މި މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި ވާހަކަދެއްކެވި އެހެން ޕްރިންސިޕަލަކު ވިދާޅުވީ، ޕްރިންސިޕަލުން މަސައްކަތްކުރާނެ ތަނެއް ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ.
އެއް ސްކޫލެއްގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވަޒީފާއަކަށް ވާއިރު އެ އަށް ކުރިމަތިލުމުގެ ހައްގު އޭނާއަށް ލިބެން ޖެހެ އެވެ. ނަމަވެސް ހަނި އުސޫލަކުން އެ ހައްގުތައް ނަގާފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެ ކޮމިޓީއަށް ބޭނުން ގަޑިއެއްގައި ޕްރިންސިޕަލް އުފުރާލާފައި ބޭނުން ގޮތެއް ހެދޭތީ މައްސަލައަކީ. މިއީ ކޮން ކަހަލަ އުސޫލެއްބާ؟ މިހާރު ވެސް ސީއެސްގައި އޮވޭ މީހުން އައްޔަންކުރާ އުސޫލު. އެއް އަހަރުން ވެސް ޕްރިންސިޕަލުން ބަދަލުކުރާ ގޮތަށް ވެސް އޯކޭ. އެކަމަކު އުސޫލުތައް ގާނޫނާއި އެބައެއްގެ ހައްގުތައް ނުގެއްލޭ ގޮތަށް ހަދަން ވާނީ،" އުސޫލާ މެދު ހިތްހަމަނުޖެހިފައި ހުރި ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"ޕާފޯމް ނުކުރެވޭ މީހުން ވާނީ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅައި އެމީހުންގެ ކަންކަން ބަލަން. އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ވެސް އެ ބާރު އެބައޮތް. ޕްރޮފެޝަނަލްކޮށް މިކަން ކުރެވޭނެ،"
އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަންކުރުމަށެވެ. އޭގެ އިތުރުން އެއް ސްކޫލެއްގައި ދިގު މުއްދަތަކަށް އެއް ޕްރިންސިޕަލަކު ހުންނެވުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމާއި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް ބުންޏެވެ.
ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ލިބޭނީ ކުރިއެރުން
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލައިފި
ޕްރިންސިޕަލުންގެ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ