Roadha Mihaaru

ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 700 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވާނެ ކަމަށް ލަފާކުރެވޭ: މިނިސްޓްރީ

އަންނަ ދިރާސީ އަހަރު އަތޮޅު ތެރޭގެ ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 700 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފި އެވެ.

ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 ޖުލައި 2025

އަންނަ ދިރާސީ އަހަރު އަތޮޅު ތެރޭގެ ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 700 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް، މާލޭ ޒޯންގެ ކޯޑިނޭޓަރު އަބްދުލް ވަލިއްޔު އަލީ ވިދާޅުވީ އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވާން އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މާލެ ސަރަހައްދަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވާނެ ކަމަށް ބަލައި ދުރާލާ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވަނީ މިނިސްޓްރީން ލަފާ ކޮށްފައިވާ ތަފާސްހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ.

މާލެ ސްކޫލެއްގެ ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ ސްކޫލެއްގެ ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ލަފާ ކުރެވެނީ ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ދަރިވަރުން އަތޮޅު ތެރެއިން މާލެއަށް ބަދަލުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ޖުމްލަ އެކު 2،000 އަށް ވުރެ ގިނަ ދަރިވަރުން އެބަ އުޅޭ [މާލެ ސަރަހައްދުގައި] ގްރޭޑް 1 އަށް ވަންނަ. އަދި 1،800 ނޫނީ އެއަށް ވުރެ ގިނަ އަދަދެއްގެ ދަރިވަރުން އެބަ އުޅޭ އެލްކޭޖީ އަދި ފައުންޑޭޝަން ސްޓޭޖާ ގުޅޭ."

އެ ޕްރޮގްރާމްގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ އެ ދަރިވަރަކު ކިޔަވަން ބޭނުން ކޮންމެ ސްކޫލަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަތޮޅުތަކުން މާލެއަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ދަރިވަރުންގެ އަދަދަށް ސްކޫލުތަކުން ޖާގަ ލިބޭނެކަން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިދިޔަ މޭ މަހު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން 2020 އިން ފެށިގެން 4،443 ދަރިވަރުން ރަށްރަށުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.