Roadha Mihaaru
ޕްރީ ސްކޫލު ތައުލީމު މުޅި ރާއްޖެއަށް ހިލޭ ފޯރުކޮށްދެނީ

ޕްރީ ސްކޫލު ތައުލީމް ހިލޭ ފޯރުކޮށްދޭ އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ

02 ނޮވެމްބަރ 2016

ޕްރީ ސްކޫލުގެ ތައުލީމް ހިލޭ ފޯރުކޮށްދޭ އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕްރީ ސްކޫލުގެ ތައުލީމް ހިލޭ ފޯރުކޮށްދޭ އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޫކޭޖީ އަދި އެލްކޭޖީ އަށް ހިލޭ ކިޔަވައިދޭން ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި، 2030 އަންނަންވާއިރަަށް ހުރިހާ ގައުމަކުން ވެސް ފަށާ ތައުލީމުގެ ކުރިން، އެއް އަހަރުގެ ޕްރީ ސްކޫލު ތައުލީމް ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން ވަނީ ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ޕްލޭން ފެށުމުގެ ކުރިން، ދެ އަހަރުގެ ޕްރީސްކޫލު ތައުލީމް ފުރުސަތު ފަހިކޮށްދީފަ އެވެ.

"އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތައުލީމުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ހިލޭ ޕްރީސްކޫލް ތައުލީމް ކަށަވަރުކުރި މި ސަރަހައްދުގެ ފުރަތަމަ ގައުމަށް. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްގީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދިނުން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް މުނިފޫހިފިލުވުމުގެ ހަރަކާތެއް ދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މުޅި ރާއްޖެއަށް ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދިނުން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް މުނިފޫހިފިލުވުމުގެ ހަރަކާތެއް ދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ރާއްޖޭގެ ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ ކްލާސްތަކަކީ ވެސް ސަރުކާރުން ހިލޭދެވޭ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިވަނީ ހަމަޖައްސަވައި ދެއްވާފައި. އިރާދަކުރެއްވިއްޔާ 2017 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެޑިއުކޭޝަން މިނިސްޓްރީގެ ސީދާ ބެލުމުުުގެ ދަށުން ރާއްޖޭގެ ސަރުކާރު ސްކލުތަކުގައި ނުވަތަ ސަރުކާރުން ކަނޑައަޅާ ވަކި ސްކޫލުތަކެއްގައި ހިލޭ ޕްރީ ސްކޫލު ތައުލީމް ދޭން ފެށިގެންދާނެ،"

އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްރީ ސްކޫލުތައް ހިންގުމަށް ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. އޭގެ ސަބަބެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވީ ޕްރީ ސްކޫލުތައް ހިންގުމާ ހަވާލުވެ ތިބީ ތައުލީމީ ދާއިރާގެ ފަންނީ މީހުންނަށް ނުވާތީ އާއި ދެވޭ ތައުލީމް ސުޕަވައިޒްކުރުން ފަދަ ކަންތައްތައް ނުކުރެވުމެވެ. ނަމަވެސް ރަސްމީ ތައުލީމުގެ ގޮތުގައި ޕްރީ ސްކޫލު ތައުލީމް ހިމެނުމުން، ޓީޗަރުންގެ ފެންވަރު މަތިކުރުމާއި ތައުލީމް ދެމުން އަންނަ ގޮތް ސުޕަވައިޒް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ޕްރީސްކޫލު ތައުލީމް ހިލޭ ކިޔަވައިދޭން ހަމަޖައްސާފައިވާ މާލެ ސަރަހައްދުގެ ސްކޫލުތައް:

- މާފަންނު މަދަރުސާ

- އަމީރު އަހުމަދު ސްކޫލް

- އަހުމަދުއްޔާ އިންޓަނޭޝަނަލް ސްކޫލް

- ގަލޮޅު މަދަރުސާ

- މަދަރުސަތުލް ފަލާހް

- ރެހެންދި ސްކޫލް (ހުޅުމާލެ)

- ގާޒީ ސްކޫލް (ހުޅުމާލެ)

މުހިއްޔިއްދީން ސްކޫލް (ވިލިމާލެ)

އައްޑޫގައި ހިލޭ ކިޔަަވައިދޭނެ ސްކޫލުތައް:

- ސ. ހިތަދޫ ސްކޫލު

- ޝަރަފުއްދީން ސްކުލް

- މަރަދޫ ފޭދޫ ސްކޫލް

- ހުޅުދޫ ސްކޫލު

- ޝަމްސުއްދީން ސްކޫލު

މުޅި ރާއްޖެއަށް ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދިނުން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަމީރު އަހުމަދު ޕްރީ ސްކޫލް ދަރިވަރުންގެ ބޭންޑު ހަރަކާތެއް ދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މުޅި ރާއްޖެއަށް ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދިނުން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަމީރު އަހުމަދު ޕްރީ ސްކޫލް ދަރިވަރުންގެ ބޭންޑު ހަރަކާތެއް ދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ކިޔަވައިދިނުން ގަވައިދުން ސުޕަވައިޒްކޮށް، ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފައާ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ. ކުދިންނަށް ކުޅިވަރާއި ހަރަކާތްތެރިވުމުގެ ތެރެއިން އުފަލާއެކު އުނގެނޭނެ އެކަށީގެންވާ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ،" ޕްރީ ސްކޫލް ތައުލީމް ހިލޭ ކުރުމުން ލިބޭ ފައިދާތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވި އެެވެ.

ދިރިއުޅެންޖެހޭ ހާލަތެއްގެ ސަބަބުން ތައުލީމު ފަދަ އަސާސީ ހިދުމަތެއް ލިބުމުގައި ތަފާތު ނުކުރާނެ ކަމަށް ވެސް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

އައްޑޫ އަދި މާލޭގެ ޕްރީ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ޕްރީ ސްކޫލެއްގައި މި އަހަރުން ފެށިގެން ސަރުކާރުން ވަނީ ހިލޭ ކިޔަވައިދޭން ފަށައިފަ އެވެ. އައްޑޫ އާއި މާލޭގެ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ޕްރީ ސްކޫލުގެ ތައުލީމް ހިލޭ ފޯރުކޮށްދޭނެ އެވެ.