Roadha Mihaaru

ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 އޯގަސްޓް 2025

ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ދަރިވަރުންނަށް ދެން އެންމެ އަވަހަށް ލިބޭނީ މިޑް ޓާމް ބްރޭކެވެ. އެއީ، އަންނަ މަހުގެ 21-25 އަށް ހަފުތާއެއްހާ ދުވަހެވެ.

މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށް ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ، އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކިޔެވުމާ އެކު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ އެވެ.

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.