Roadha Mihaaru
އެންގޭޖްވިތާ 10 އަހަރު ފަހުން ކައިވެނި ބާއްވައިފި

އެންގޭޖްވިތާ 10 އަހަރު، ބައްޔަކާ ހެދި ކައިވެނި 48 ގަޑިއިރު ތެރޭގައި ބާއްވައިފި

23 އޮކްޓޯބަރ 2021

މީގެ 10 އަހަރު ކުރިން ލޯބިވެރިޔާއާ އެންގޭޖްވި އިނގިރޭސި އަންހެނަކަށް ޕުއްޕޭމާގެ ކެންސަރު ޖެހި އޭނާ ދެން ދުނިޔޭގައި ހުންނާނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށް ޑޮކްޓަރުން ބުނުމުން އާންމުންގެ އެހީއާ އެކު އޭނާގެ ކައިވެނި 48 ގަޑިއިރުގެ ތެރޭގައި ބާއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 10 އަހަރު ކުރިން ލޯބިވެރިޔާއާ އެންގޭޖްވި އިނގިރޭސި އަންހެނަކަށް ޕުއްޕޭމާގެ ކެންސަރު ޖެހި އޭނާ ދެން ދުނިޔޭގައި ހުންނާނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށް ޑޮކްޓަރުން ބުނުމުން އާންމުންގެ އެހީއާ އެކު އޭނާގެ ކައިވެނި 48 ގަޑިއިރުގެ ތެރޭގައި ބާއްވައިފި އެވެ.

ސްޓެފޯޑްޝަޔާގެ ބްލާޓަންގައި އާއިލާ އާއި ގާތް ރައްޓެހިންގެ ތެރެއިން 40 މީހަކާ އެކު ބުރާސްފަތި ގޭގައި ބޭއްވި ހަފުލާއެއްގައި ކައިވެނިކުރީ އޭން ރަޑޮކް، 56، އާއި ކީތު ޕިއާސް، 55، އެވެ. އޭން ބުނި ގޮތުގައި 10 އަހަރު ކުރިން އެެންގޭޖްވި ނަމަވެސް މިހާތަނަށް ކައިވެނި ނުކޮށް މަޑުކުރީ މާ އަވަސް އަރުވާލައިގެން ކައިވެނިކުރަން ބޭނުން ނުވުމުންނެވެ.

އެކަމަކު އޭން އަށް މިހާރު ޕުއްޕާމޭގެ ކެންސަރު ޖެހި ބަލީގެ އެންމެ ފަހު ސްޓޭޖްގައި ހުރިކަން އެނގުމުން މަރުމުގެ ކުރިން ލޯބިވެރިޔާއާ ކައިވެނިކުރަން ބޭނުންވީ އެވެ. ސަބަބަކީ ދެ މީހުން ވެފައި އޮތް ވައުދު މަރުވުމުގެ ކުރިން ފުއްދުމެވެ. ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އޭން ދެން ދުނިޔޭގައި ހުންނާނީ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ހައެއްކަ މަހަށެވެ. އޭނާގެ ބަލީގެ އެންމެ ފަހުގެ ހާލަތު ބެލުމަށް ފަހު ޑޮކްޓަރުން އެގޮތަށް ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެހެންވެ އޭން ބޭނުންވީ "އަވަސް އަރުވާލައިގެން" ކުރަން ބޭނުން ނުވި ކައިވެނި މި ފަހަރު ހަމަ ވީހާ ވެސް އަވަހަށް ކުރުމަށެވެ. އެކަމަށް އާންމުންގެ އެހީތެރިކަމަށް އެދުމުން 48 ގަޑިއިރުގެ ތެރޭގައި ކައިވެނީގެ ހުރިހާ އިންތިޒާމުތަކެއް ހެޔޮ އެދޭ ބަޔަކު ހަމަޖައްސައި ދިނީ އެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުނީ ޑަގްލަސް މެކްމިލަން ހޮސްޕޮއިސް ކިޔާ ޗެރިޓީ މަސައްކަތްކުރާ ބައެކެވެ.

އެތަނުން ވާހަކަ ދެއްކި ސޯޝަލް ވޯކަރު ޖެކީ މުރޭ ބުނީ އޭން ބޮޑު ބައްޔަކާ ހަނގުރާމަކޮށް މަރުގެ ތުންފަތް މަތީގައި އޮތްކަން އެނގުމަކީ ވަރަށް އަސަރުކުރި ކަމެއް ކަމަށެވެ.

"އެހެންވެ އޭނާ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާތި އެކަމުގެ އެހީއަކަށް އެދުމުން އެކަމުގައި އަހަރެމެން އިސް ނެގީ." އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޑަގްލަސް މެކްމިލަން ހޮސްޕޮއިސް އަށް އޭންގެ ދެމަފިރިން ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރި އެވެ.

"ނުވެސް ދަންނަ ބަޔަކު އަހަރެމެންގެ ކައިވެނީގެ އިންތިޒާމުތައް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަޖައްސައިދީފައިވުމަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ކަމެއް." ދެމަފިރިން ބުންޏެވެ.