Roadha Mihaaru
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި

އަސްކަރީ ޓްރެއިން ޕްރޮގްރާމެއްގައި އިންނަން އެހުމުން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި!

22 ޑިސެމްބަރ 2021

ނައިޖީރީގެ އަސްކަރީ ތަމްރީނެއްގެ ތެރޭގައި ފިރިހެން އޮފިސަރަކު އަންހެން އޮފިސަރެއްގެ ގާތުން އިންނަން އަހައި، އޭނާ އެކަން ގަބޫލު ކުރުމުން ބޮޑު މައްސަލައަކަށްވެ، އަންހެން މީހާ ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނައިޖީރީގެ އަސްކަރީ ތަމްރީނެއްގެ ތެރޭގައި ފިރިހެން އޮފިސަރަކު އަންހެން އޮފިސަރެއްގެ ގާތުން އިންނަން އަހައި، އޭނާ އެކަން ގަބޫލު ކުރުމުން ބޮޑު މައްސަލައަކަށްވެ، އަންހެން މީހާ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނައިޖީރިއާގެ ހުޅަނގު ކްވާރާ ސްޓޭޓްގައި ނެޝަނަލް ޔޫތު ސާވިސް ކޯސްޕްސް (އެންވައިއެސްސީ) އިން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ތެރޭގައި ފިރިހެން އޮފިސަރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން އޮފިސަރު ގާތުން އިންނަން އެހީ ކަކޫ މައްޗަށް ތިރިވެ، އަންހެން މީހާގެ އިނގިލީގައި އަނގޮޓި ވެސް އަޅުވަމުންނެވެ. އަދި ވަގުތުން އަންހެން މީހާ އެކަމަށް އެއްބަސްވެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އޭގައި އަންހެން އޮފިސަރުގެ އަތުގައި އަނގޮޅި އަޅުވައި، ދެ މީހުން ބައްދައިލާ އިރު، ކައިރީގައި ތިބޭ އެހެން އޮފިސަރުން މަރުހަބާ ކިޔައި ފޯރިނަގާ ތަން ވެސް ފެނެ އެވެ.

މިކަމާ ގުޅިގެން އަންހެން އޮފިސަރު ހައްޔަރުކުރީ އަސްކަރިއްޔާގެ ސުލޫކާ ހިލާފަށް އަމަލުކޮށް، "ލޯބީގެ ކުޅިވަރު ކުޅުމުން" ކަމަށް ބުންޏެވެ. އަސްކަރިއްޔާ އިން ބުނިގޮތުގައި ރަސްމީ ޔުނިފޯމްގައި ތިބެ "ލޯބީގެ މާތައް ފޮޅުވުމަކީ" މަނާ ކަމެކެވެ. އެކަމަކު އެ އުސޫލު ހިނގަނީ ހަމައެކަނި އަންހެނުންގެ މައްޗަށެވެ.

އެ ސަބަބާ ހުރެ އަންހެން ޓްރެއިނުންގެ ތެރޭގައި އަންހެން މީހާ ގާތުން އިންނަން އެހި ފިރިހެން އޮފިސަރަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މިކަމާ ހެދި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

އަންހެން އޮފިސަރަށް އަށް އެޅި ފިޔަވަޅާ ގުޅިގެން ވިމެން އެމްޕަވަމަންޓް އެންޑް ދަ ލީގަލް އެއިޑް ގްރޫޕުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ބުނީ މިއީ ދެ ޖިންސްގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ އިންތިހާ ކަމަށެވެ.

"ސުލޫކާ ހިލާފުވި ކަމެއް ބުނެ އަންހެން އޮފިސަރަށް ފިޔަވަޅު އެޅި އިރު އޭނާއާ އެއްވަރަށް އެއް އެކަމުގައި ފިރިހެން މީހާ ވެސް ޝާމިލުވޭ. އެކަމަކު އޭނާ އަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ކޮން ކަހަކަ އުސޫލެއް؟" އެތަނުން ބުންޏެވެ.

އަސްކަރިއްޔާގެ އެ ފިޔަވަޅަށް އެ ގައުމުގައި އިންސާނިއްޔަތަށް މަސައްކަތްކުރާ އެކްޓިވިސްޓް އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް އޮމޮޔީލީ ސޮވޯރީ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންހެނުންނާ މެދު ތަފާތުކުރުން ފެންގުޅޭ އެފަދަ އުސޫލުތައް އުވާލަން ޖެހޭ ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރެލް ކްލެމެންޓް އެންވަޗްކުވޫ ވިދާޅުވީ އަންހެން އޮފިސަރަށް ފިޔަވަޅު އެޅީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އުސޫލުތައް ތަބާވުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.