Roadha Mihaaru
ކައިވެނި ރޫޅުމުން އެންގޭޖްމަންޓް އަނގޮޓި ހަދިޔާކުރަނީ

ކައިވެނި ރޫޅުމުން އެންގޭޖްމަންޓް އަނގޮޓި ހަދިޔާކުރަން ނިންމައިފި

15 ޖެނުއަރީ 2021

މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނި ރޫޅުނު އެމެރިކާގެ އަންހެނަކު އޭނާގެ އަނގޮޓި ބަޔަކަށް ހަދިޔާކުރަން ނިންމައި އެކަން ފާސްބުކްގައި އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރެއްހާ ދުވަސް ކުރިން ކައިވެނި ރޫޅުނު އެމެރިކާގެ އަންހެނަކު އޭނާގެ އަނގޮޓި ބަޔަކަށް ހަދިޔާކުރަން ނިންމައި އެކަން ފާސްބުކްގައި އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކުރި ކްރިސްޓީން ބޮނަވީޓާ، 39، ބުނީ އޭނާގެ 2،800 ޑޮލަރުގެ އަނގޮޓިއާ އެކު، ކުރީގެ ފިރިމީހާގެ އަނގޮޓި ވެސް ހަދިޔާއަކަށް ލިބޭނެ ކަމަށެވެ. އެ އަނގޮޓީގެ އަގަކީ 760 ޑޮލަރެވެ.

ކްރިސްޓީންގެ އަނގޮޓިއާ އެކު ކުރީގެ ފިރިމީހާގެ އަނގޮޓި ވެސް ލިބޭ ގޮތަށް ހަމަޖެހުނީ އަމިއްލަ އެންގޭމަންޓް ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމުމުން ފިރިހެން މީހާ ވެސް އެކަމުގައި ބައިވެރިވާން އެދުމުންނެވެ.

ކްރިސްޓީން ބުނި ގޮތުގައި ދެ އަންހެން ދަރިން ވެސް ލިބިފައި ވަނިކޮށް ރޫޅުނު ކައިވެނީގެ އަނގޮޓިތައް ހަދިޔާކުރަން ނިންމީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ދަތިތަކާ އުނދަގޫތަކާއި ހިތްދަތި ކަންކަމަށް ފަހު އަލުން އާ އަހަރެއް ފެށުމާ އެކު އާ އުންމީދުތަކެއް އާކޮށްދިނުމުގެ ބޭނުގައި ކަމަށެވެ.

އަނގޮޓީގެ ފޮޓޯއާ އެކު ފޭސްބުކްގައި ކްރިސްޓީން ބުނި ގޮތުގައި ގޮތުގައި އޭނާގެ ކައިވެނީގެ އަނގޮޓިތައް ބަޔަކަށް ހަދިޔާކުރުމަށް ވުރެ ބޮޑު އުފަލެއް މި ވަގުތު ނެތެވެ. އެހެންވެ އެ އަނގޮޓިތައް ހޯދަން ޝައުގުވެރިވާ މީހުންނަށް އެކަން ވަނީ ހުޅުވާލައިފަ އެވެ. އަނގޮޓިތައް ދޭން ނިންމާފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނުވަތަ ކައިވެނިކޮށްގެން އުޅޭ ޖޯޑަކަށެވެ.

ކުރަން ޖެހޭ ކަމަކީ އެ ބަޔަކާ ބެހޭ ތަފުސީލެއް 250 ބަހަށް ވުރެ ކުރުނުވާ ގޮތަށް ލިޔެ މިދިޔަ އަހަރު ނެގި ފޮޓޯއަކާ އެކު އީމެއިލުން ފޮނުވައި ދިނުމެވެ. ފޮނުވާ ލިޔުމުގައި އެ ބަޔަކު 2020 ވަނަ އަހަރު ހޭދަކުރަން ޖެހުނު ގޮތާއި ދިމާވި އުނދަގޫތަކުން އަރައިގަންނަން ކުރި ކަންކަމާއި ކުރެވޭ އުންމީދުތަކުގެ ވާހަކަ ހިމަނަން ޖެހޭނެ އެވެ.

އެ ފޮނުވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ. އަނގޮޓިތައް ލިބޭ ޖޯޑެއް ހޮވާނީ އެ މީހުން ފޮނުވާ އެއްޗެހި ބަލައި ދިރާސާކޮށް، ފެބުއަރީ މަހުގެ 14 ގަ އެވެ.

ކްރިސްޓިން ބުނިގޮތުގައި އަނގޮޓިތައް ދިނުމުގައި އެންމެ ފުރަތަމަ އެކަމަށް އިޖާބަދޭ މީހުންނާއި އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރި ބަޔަކު ނަމަ އެފަދަ މީހުންނަށް އިސްކަން ދެވޭނެ އެވެ.

"މިހާރު ވެސް ވަރަށް ގިނަ ބަޔަކު އީމެއިލުން ފޮނުވަމުން އެބަގެންދޭ،" ޑެއިލީ މެއިލް އަށް އޭނާ ބުންޏެވެ. "އޭގެ ތެރޭގައި އެމެރިކާ ނޫން ހިސާބުތަކުގެ މީހުން ވެސް އެބައުޅޭ."