Roadha Mihaaru
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް

ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ލިބުނީ ހަދިޔާއަކަށް

21 ފެބުރުއަރީ 2021

އެމެރިކާ އަންހެނެއްގެ ކައިވެނީގެ އަނގޮޓި ގެއްލުނުތާ 48 އަހަރު ފަހުން އަލުން އިނގިލީގައި އަޅާލުމުގެ ނަސީބު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ އަންހެނެއްގެ ކައިވެނީގެ އަނގޮޓި ގެއްލުނުތާ 48 އަހަރު ފަހުން އަލުން އިނގިލީގައި އަޅާލުމުގެ ނަސީބު ލިބިއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ފާހަގަކުރި ވެލަންޓައިންސް ޑޭގެ ހަދިޔާއެއްގެ ގޮތުގައި އަނގޮޓި ލިބުނީ ޝިކާގޯގައި ދިރިއުޅޭ ކަރެން އޯޓެންރީތުގެ ދަރިންނާއި މާމަދަރިންގެ ފަރާތުންނެވެ. ބަންދުކޮށްފައި އޮތް ކުޑަ ފޮއްޓަކަށް ލައި ދަރިންގެ ފަރާތުން ދިން ހަދިޔާ ކަނޑައި ބެލި އިރު އޭގައި އޮތީ ގެއްލުނު ކައިވެނީގެ އަނގޮޓި އެވެ. އެއާ އެކު އެ އަނގޮޓި ފިރިމީހާ ރޮބަޓް، ކަރެންގެ އިނގިލީގައި އަޅުވައި ދިނެވެ.

"ވަރަށް އުފާވި. ގަބޫލުކުރަން ވެސް ފުރަތަމަ ދަތިވި. އެކަމަކު އަނގޮޓީ ފެނުމާ އެކު ޔަގީންވި އެއީ ހަމަ ގެއްލުނު އަނގޮޓިކަން،" އަންނަ އެޕްރީލް މަހުގެ 16 ގައި ކައިވެންޏަށް 55 އަހަރު އަހަރު ފުރޭ ކަރެން ބުންޏެވެ.

މި ވާހަކަ މީޑިއާއަކާ ހިއްސާކޮށް އޭނާ ބުނީ އަނގޮޓި ގެއްލުނު ދުވަސް ވަރަށް ބޮޑަށް ހަނދާން އެބަހުރި ކަމަށާއި އެއީ 1973 ވަނަ އަހަރުގެ ފިނި މޫސުމުގެ އެންމެ ފިނި ފަދަ ދުވަހުގެ ތެރެއިން ދުވަހެއް ކަމަށެވެ.

ކަރެން އާއި ރޮބަޓްގެ ކައިވެނީގެ ހަފުލާގައި އަނގޮޓި ދައްކާލަނީ.

ކަރެން އާއި ރޮބަޓްގެ ކައިވެނީގެ ހަފުލާގައި އަނގޮޓި ދައްކާލަނީ.

"ކާރުގައި ކުދިން ގޮވައިގެން މާމަ ގެއަށް ދިޔަ ދުވަހެއް އެއީ. ކާރުން އެންމެން ބާލަން އަހަރެން އުޅުމުގެ ތެރޭގައި އަނގޮޓި ގެއްލުނީ. އަންގި ނުލައްވައި ހުރީމަ އަނގޮޓި ބޭލިގެން ދިޔައީ. އެކަމަކު އެކަން އެނގުނީ ތަންކޮޅެއް ފަހުން،" ކަރެން ބުންޏެވެ. "ވަރަށް ހޯދިން އަނގޮޓި. އެކަމަކު ހަމަ ފެންނަ ގޮތެއް ނުވި."

ކަރެންގެ އަނގޮޓި ގެއްލުނުތާ 48 އަހަރު ފަހުން ލިބޭ ގޮތް މެދުވެރިވީ އޭނާގެ މާމަ ކުރިން އުޅުނު ގޭގައި މިހާރު ދިރިއުޅޭ މީހަކަށް އަނގޮޓި ފެނިގެން އެ ވާހަކަ ފޭސްބުކްގައި ލިޔުމުންނެވެ. ސާރާ އެޓްކާ ކިޔާ މީހާ ބުނި ގޮތުގައި އެ އަނގޮޓި ފެނުނީ މީގެ އަށެއްކަ އަހަރު ކުރިން ބަގީޗާ ހައްދަން އުޅުމުގެ ތެރޭގަ އެވެ.

"އޭރު އެ ފެނުނު ގޮތަށް ބާއްވާފައި އޮތީ. ދެން ވަރަށް ފަހުން މީގެ ތާރީހާ ގުޅޭ ކަންކަން ކުރާ ބަޔަކާ ހިއްސާކުރީމަ އެ މީހުން ރިޗް ހިސްޓްރޮކަލް ސޮސައިޓީ ކިޔާ ޕޭސްބުކް ޕޭގައި އަނގޮޓޯގެ ފޮޓޯއާ އެކު އޭގެ ވާހަކަ ލިޔުނީ،" ސާރާ ބުންޏެވ. "އެ ހިސާބުން އެ ޕޯސްޓް އަނގޮޓި ރައްދުވާ އާއިލާގެ ބަޔަކަށް ފެނިގެން އަނގޮޓި އެ މީހުންނަށް ލިބޭ ގޮތްވީ."

The Ridge Historical Society Just a little research project .... the kind we love. By Carol Flynn An unfortunate...

Posted by Ridge Historical Society on Tuesday, February 2, 2021

ކަަރެން ބުނީ އޭނާގެ ކައިވެންޏަށް 55 އަހަރުވާން ގާތްވެފައި ވަނިކޮށް އަނގޮޓި ލިބުމަކީ ހަނދާނުން ދުވަހަކު ވެސް ފޮހެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަނގޮޓި ލިބުމަށް މެދުވެރިވި ހުރިހާ އެންމެންނަށް ޝުކުރު ވެސް އަދާކުރި އެވެ.