Roadha Mihaaru
ސައޫދީ ލޮކްޑައުންގައި ސިއްރު ކައިވެންޏާއި ވަރި އިތުރު

ސައޫދީގެ ލޮކްޑައުންގައި އަނބިންނަށް ސިއްރުން ކައިވެނިކުރުމާއި ވަރި ވެސް އިތުރުވެއްޖެ

04 ޖޫން 2020

ކޮރޯނާވައިރަސްގެ ސަބަބުން ސައޫދީ އަރަބިއްޔާގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފިރިހެނުން އެ މީހުންގެ އަނބިންނަށް ނޭނގި އެހެން މީހުންނާއި ކައިވެނިކުރުމާއި މިފަދަ މައްސަލަތަކާ ހުރެ ވަރިވާ އަންހެނުންނާއި ވަރިކުރާ ފިރިހެނުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސްގެ ސަބަބުން ސައޫދީ އަރަބިއްޔާގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފިރިހެނުން އެ މީހުންގެ އަނބިންނަށް ނޭނގި އެހެން މީހުންނާއި ކައިވެނިކުރުމާއި މިފަދަ މައްސަލަތަކާ ހުރެ ވަރިވާ އަންހެނުންނާއި ވަރިކުރާ ފިރިހެނުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސައުދީގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ސައުދީގައި 13،000 ކައިވެނިކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާ އިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮރޯނާވައިރަހާ އެކު އިއުލާނުކުރި ލޮކްޑައުން އާއި ކަރަންޓީނާއި ކާފިއު ފަދަ ކަންކަމުގެ ތެރޭގައި ފެބްރުއަރީ މަހުގެ ތެރޭގައި ސައުދީގައި 7،428 ވަރި ކޮށްފައިވެ އެވެ. މީގެ ތެރެއިން 30 ޕަސެންޓަކީ ފިރިން ސިއްރުން އިތުރު ކައިވެނި ކޮށްފައިވާކަން ފަޅާއެރުމުން އަނބިން، ފިރިން ދޫކޮށްލަން އަމިއްލަ އަށް ނިންމުމުން ރޫޅުނު ކައިވެނިތަކެވެ. މީގެ ތެރޭގައި އަންހެން ޑޮކްޓަރުންނާއި ޓީޗަރުންނާއި އަންހެން ވިޔަފާވެރިން ހިމެނެ އެވެ.

ރޫޅުނު ކައިވެނިތަކަށް ބަލާ އިރު، ފިރިން އަނބިންނަށް މަޖުބޫރުކޮށްގެން ރޫޅުނު ކައިވެނިތައް ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ދައްކާ ގޮތުން ކައިވެނީގެ އަދަދު އިތުރުވަމުންދާ އިރު، މި ހާލަތުގައި ކުރެވުނު ކައިވެނީގެ 45 ޕަސެންޓަކީ މައްކާ އާއި ވެރިރަށް ރިޔާޟްގައި ކުރި ކައިވެނިތަކެވެ. އަދި ފެބްރުއަރީ މަހާ ހަމަ އަށް ރޫޅުނު 7،428 ކައިވެނީގެ ތެރެއިން 52 ޕަސެންޓަކީ ވެސް މައްކާ އާއި ރިޔާޟްގައި ރޫޅައިލި ކައިވެނިތެކެވެ.

ކޮވިޑް-19 ގެ މި ދަތި ހާލަތު ކުރިމަތިވުމުގެ ކުރިން ސައުދީގައި ދުވާލެއްގެ މައްޗަށް 163-489 އާ ދެމެދުގެ އަދަދަކަށް ވަރި ރަޖިސްޓްރީކުރެ އެވެ. ނަމަވެސް މި ދުވަސްވަރު ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 3،397 ކައިވެނީ ރޫޅައިލަ އެވެ. މި ނިސްބަތް ފާއިތުވި 12 މަސް ދުވަހަށް ބަލާ އިރު އަދަދަކީ 7،693 އެވެ.

ކޮވިޑް-19 ގެ ކުރިން ސައުދީގެ ކޯޓްތަކުގައި ދުވާލެއްގެ މައްޗަށް 285-938 އަށް ކައިވެނި ރަޖީސްޓްރީކުރެ އެވެ.

ސައުދީގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވަރި/ކައިވެނީގެ ގުޅުމާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކޮށްފައި ވަނީ ފެބްރުއަރީ މަހާ ހަމައަށް ހުރި ތަފާސްހިސާބުތައް ކަމަށް ވާތީ މި އަަދަދުތައް މިހާރު އުޅޭނީ މިއަށްވުރެ ވުރެ ވެސް މަތީގަ އެވެ. ކޮވިޑް-19އާ ހެދި ކޯޓުތަކުތެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތުމުން، ކޯޓުގައި ރަޖިސްޓްރީކުރާ ވަރި/ކައިވެނީގެ އަދަދު ޖަސްޓިސް މިނިސްޓްރީން ވަނީ އާންމުކުރުން ވެސް މަޑުޖައްސާލައިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެ ސައޫދީގެ ޖެނެރެލް އޮތޯރިޓީ އޮފް ސްޓެޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ސައުދީ އަރަބިއްޔާގެ 34.81 މިލިއަނުގެ އާބާދީގައި، ފަސް މިލިއަނަށް ވުރެ ގިނަ މީހުން ތިބީ ހުސްހަށިބަޔަށެވެ.