Roadha Mihaaru
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި

އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި

25 ޑިސެމްބަރ 2021

ދާދިފަހުން އަލަތު ކައިވެނި ރޫޅިފައިވާ ދުނިޔޭގެ އިސްކޮޅުން އެންމެ ދިގު މީހާ ސުލްތާން ކޯސެން ރަޝިއާ އިން އިންނާނެ މީހަކު ހޯދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދިފަހުން އަލަތު ކައިވެނި ރޫޅިފައިވާ ދުނިޔޭގެ އިސްކޮޅުން އެންމެ ދިގު މީހާ ސުލްތާން ކޯސެން ރަޝިއާ އިން އިންނާނެ މީހަކު ހޯދަން ފަށައިފި އެވެ.

މިދިޔަ ހަފުތާގައި މޮސްކޯ އަށް ދިޔަ އުމުރުން 39 އަހަރުގެ ސުލްތާން ބުނީ މި ފަހަރު ރަޝިއާ އިން އަންބަކު ހޯދަން ބޭނުންވީ ރަޝިއާގެ އަންހެނުންނަކީ ވަރަށް ވެސް ރީތި ބަޔަކަށް ވެފައި ބައިވެރިޔާ ދެކެ އިންތިހާ އަށް ލޯބިވާ ބައެއްކަން އެނގިފައިވާތީ ކަމަށެވެ.. އެހެންވެ ސުލްތާންގެ މިހާރު އެންމެ ބޮޑު އުންމީދަކީ ވީހާ ވެސް އަވަހަކަށް ބައިވެރިޔަކު ހޯދައި، ކައިވެނިކޮށް ދަރިން ވެސް ހޯދުމެވެ. އޭނާ ބުނި ގޮތުގައި ބޭނުން ވަނީ ދަރިން ދޭނެ އަންބެކެވެ. ސުލްތާންގެ ހުވެފަނަކީ ދެ ޖިންސްގެ ދެ ކުދިންނާ އެކު އުފާވެރި ހަޔާތެކެވެ.

"އަހަންނަށް އެނގިފައި އޮތް ގޮތުން ރަޝިއާގެ އަންހެނުންނަކީ އެ މީހުންގެ ބައިވެރިންނަށް އިންތިހާ އަށް ލޯބިދޭ، ފިރިންނަށް ވަރަށް އަޅާލާ ބައެއް. އަދި ވަރަށް ހިތްހެޔޮ ބައެއް، އެހެންވީމަ އަހަންނަށް ހީވަނީ ރަޝިއާ އިން އަންބަކު ހޯދަން އަހަންނަށް ވެސް މާ އުނދަގޫ ކަމަކަށް ނުވާނެހެން." ސުލްތާން ބުންޏެވެ.

ރަޝިއާގެ މީހަކާ ކައިވެނި ކުރިޔަސް ސުލްތާން ދިރިއުޅެން ބޭނުން ވަނީ އަމިއްލަ ގައުމުގަ އެވެ.

ތުރުކީގެ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ އަދި އެ މަސައްކަތްކުރާ ސުލްތާން އަށް އެންމެ ފުރަތަމަ އިސްކޮޅުން އެންމެ ދިގު މީހާގެ ރެކޯޑް ލިބުނީ 2009 ގަ އެވެ. އޭގެ ފަހުން އެ ރެކޯޑް އޭނަގެ އަތުގައި އޮތް އިރު، މިހާރު އިސްކޮޅަކީ 8 ފޫޓް ތިން އިންޗި އެވެ.

ސުލްތާން އަލުން އަންބަކު ހޯދަން މަސައްކަތްކުރާ އިރު އޭނާ ފުރަތަމަ ކައިވެނިކުރީ ސީރިއާގެ މީހަކާ އެވެ. ދެހާސް ތޭރައިގައި ކައިވެނިކުރި މާވީ ޑިބޯ އަކީ އިސްކޮޅުގައި 5 ފޫޓް 9 އިންޗި ހުރި މީހެކެވެ. އެ ކައިވެންޏަށް އިސްކޮޅު މައްސަލައަކަށް ނުވިޔަސް، ކައިވެނި ދަމަހައްޓަން ދަތިވީ ދެ މީހުން ވާހަކަ ދައްކާ ބަސް ތަފާތުވެ، މުއާމަލާތް ކުރަން ދަތިވުމުންނެވެ. ސުލްތާނަށް ވާހަކަ ދައްކަން އެނގެނީ ތުރުކީ ބަހުންނެވެ. މާވީ އަކީ އަރަބިން ވާހަކަ ދައްކާ މީހެކެވެ.

މި ވަގުތު ދުނިޔޭގެ އެންމެ އަންހެނަކީ ވެސް ސުލްތާންގެ ގައުމަށް ނިސްބަތްވާ މީހެކެވެ. އެއީ 7 ފޫޓާއި 0.7 އިންޗި (215.16 ސެންޓިމީޓަރު) ހުރި ރުމީސާ ގެލްގީ އެވެ.