Roadha Mihaaru
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް

ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް

19 ޖެނުއަރީ 2022

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "އަތުރަންގީ ރޭ" ގެ ބަތަލު ދަނޫޝް އާއި އަންހެނުން އައިޝްވާރިއާ ކައިވެނި 18 އަހަރު ފަހުން ރޫޅާލިކަން އިއުލާންކޮށްފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "އަތުރަންގީ ރޭ" ގެ ބަތަލު ދަނޫޝް އާއި އަންހެނުން އައިޝްވާރިއާ ކައިވެނި 18 އަހަރު ފަހުން ރޫޅާލިކަން އިއުލާންކޮށްފި އެވެެ.

އައިޝްވާރިއާ، 40، އަކީ އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ދެ އަންހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނާ އާއި ދަނޫޝް، 38، ކައިވެނިކުރީ 2004 ގަ އެވެ. އަދި އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. އެއީ ޔަތުރާ ރާޖާ، 15، އާއި ލިންގާ ރާޖާ، 11، އެވެ.

ދަނޫޝް އާއި އައިޝްވާރިއާ ވަކިވާން ނިންމިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނީ ދެމަފިރިން ގޮތުގަ އާއި ދެ އެކުވެރިންގެ އިތުރުން މައިންބަފައިންގެ ގޮތުގައި އެކީގައި ހޭދަކުރެވުނީ ހިތްގައިމު ދުވަސްތަކެއް ކަމަށާއި ވަކިވާން ނިންމީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި އެ މީހުންނަށް ވަރަށް ބޮޑަށް ޕްރައިވެސީ ވެސް ބޭނުންވާ ކަމަށް ބުންޏެވެ.

ނަމަވެސް 18 އަހަރު ފަހުން ކައިވެނި ރޫޅާލަން ނިންމި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީޑިއާތަކުން ވަނީ ދަނޫޝް އާއި އައިޝްވާރިއާއާ ދެމެދު މި ފަހުން މައްސަލަ ޖެހި، އެއްގަލަކަށް ނޭރުމުގެ މައްސަލަތައް ވަރަށް ގިނައިން ދިމާވަމުން އައިސްފައިވާ ކަމަށް ބުނެފަ އެވެ. އެހެންވެ އަލުން ސުލްހަވެވެން ނެތުމުން ވަރިވާން ނިންމީ އެވެ.

ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ރާންޖަނާ" އާއި "ޝަމީތާބް" ފަދަ ފިލްމުތަކުން ވެސް ފެނިފައިވާ ދަނޫޝް އަކީ ތަމަޅަ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އޭނާގެ ލަވައެއް ކަމަށްވާ "ވައި ދިސް ކޯލަވަރީ ޑީ" އަކީ ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެކެވެ. އެ ލަވަ އަކީ އައިޝްވާރިއާ ލިޔެ، ޑައިރެކްޓްކޮށް 2012 ގައި ދަނޫޝްއާ އެކު ގެނެސްދިން ފިލްމު "3" ގެ ލަވައެކެވެ.

ދަނޫޝް އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ.