Roadha Mihaaru

ވަރީގެ ވާހަކަ އަށް ޕްރިޔަންކާ ރައްދު ދިނީ "ވަރަށް ލޯބިވޭ" ޕޯސްޓަކުން

ޕްރިޔަންކާ ޗޯޕްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނަގެ ނަމުގެ ފަހަތަށް ގެނެސްފައި އޮތް ފިރިމީހާ ނިކް ޖޯނަސްގެ ނަން މިދިޔަ ހަފުތާގައި އުނިކުރުމާ ގުޅިގެން އެ ދެ މީހުންގެ ގުޅުމުގައި ކުނިޖެހި ވަރިވާން އުޅޭކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށް، ނިކް ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ ޕްރިޔަންކާ ބުނެފި އެވެ.

ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

27 ނޮވެމްބަރ 2021

ޕްރިޔަންކާ ޗޯޕްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނަގެ ނަމުގެ ފަހަތަށް ގެނެސްފައި އޮތް ފިރިމީހާ ނިކް ޖޯނަސްގެ ނަން މިދިޔަ ހަފުތާގައި އުނިކުރުމާ ގުޅިގެން އެ ދެ މީހުންގެ ގުޅުމުގައި ކުނިޖެހި ވަރިވާން އުޅޭކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށް، ނިކް ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ ޕްރިޔަންކާ ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު ނިކް ޓެގްކޮށް، އިންޑިއާގެ ބަތަލާ ބުނީ "ޝުކުރުވެރިވާ" ކަމަށާއި "ނިކް ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.

ޕްރިޔަންކާގެ ސޯޝަލް އެކައުންޓަކުގެ ނަމަށް ބަދަލު ގެނައީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ އެ ބަދަލު ގެނައީ "ސްޕްރިޗަލް ސަބަބަކާ ހެދި" ކަމަށާއި ދެ މީހުންގެ ގުޅުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޕްރިޔަންކާ، 39، އާއި ނިކް، 29، ކައިވެނިކުރީ 2018 ގަ އެވެ.

އެ ދެ މީހުން ވަރިވާން އުޅޭކަމުގެ އަޑުތަކެއް މީޑިއާތަކުގައި މިދިޔަ ހަފުގައި ގަދަވުމާ އެކު ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ވެސް އެކަން ދޮގުކޮށް، އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް ބުންޏެވެ. އޭނާ ބުނީ ދަރިފުޅާއި ދަނބިދަރީގެ ގުޅުން ބަދަހި ކަމަށާއި ވަރީގެ ވާހަކަ އަކީ ބަޔަކު ކެއްކި ހިޔާލީފޮލައެއް ކަމަށެވެ.

ކައިވެންޏަށް ފަހު ކުރީގެ މިސް ވޯލްޑްގެ ދިރިއުޅުން ބިނާވެފައި އޮތީ މުޅިންހެން އެމެރިކާއަށެވެ. އޭނާ އަންނަނީ އިނގިރޭސިވިލާތުގައި މިދިޔަ އަހަރުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ގެ މަސައްކަތް ކުރަމުންނެވެ.

އަންނަ މަހުގެ 10 ގައި ޕްރިޔަންކާ ރޯލެއް ކުޅެފައިވާ "މެޓްރިކްސް ރިސަރެކްޝަންސް" ސިނަމާތަކަށް އަންނާނެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. ކުރިއަށް އޮތް ހިންދީ ފިލްމަކީ އެ ފިލްމުގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ "ޖީ ލޭ ޒަރާ" އެވެ. އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ.