Roadha Mihaaru
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި

ޕްރިޔަންކާގެ ސޯޝަލް ޕްލެޓްފޯމްތަކުން ފިރިމީހާ "ޖޯނަސް" ގެ ނަން އުނިކޮށްފި

24 ނޮވެމްބަރ 2021

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނާ ނަން ލިޔެފައި އޮންނައިރު ނަމުގެ ފަހަތުގައި ހިމަނާފައި އޮންނަ ފިރިމީހާ ނިކް ޖޯނަސްގެ، ފަހަތު ނަން އުނިކުރުމާ ގުޅިގެން އެ ދެ މީހުންގެ ގުޅުމާ މެދު ފޭނުން ސުވާލު އުފައްދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނާ ނަން ލިޔެފައި އޮންނައިރު ނަމުގެ ފަހަތުގައި ހިމަނާފައި އޮންނަ ފިރިމީހާ ނިކް ޖޯނަސްގެ، ފަހަތު ނަން އުނިކުރުމާ ގުޅިގެން އެ ދެ މީހުންގެ ގުޅުމާ މެދު ފޭނުން ސުވާލު އުފައްދަން ފަށައިފި އެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމްގައި ކުރިން ނަން އޮންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ޖޯނަސްއެއް ނެތެވެ. އަދި ޓްވިޓާގައި ނަން މިހާރު އޮތީ ހަމައެކަނި ޕްރިޔަންކާގެ ނަމުގަ އެވެ. ފޭސްބުކް ޕޭޖުން ވެސް ޖޯނަސް އުނިކޮށް، މިހާރު އޮންނަނީ ޕްރޮިޔަންކާ ޗޯޕްރާ އެވެ.

ސޯޝަލް މީޑިއާ އެކައުންޓަކުގައި ނަމުން "ޖޯނަސް" އުނިކުރުމުމުން ވަރަށް ގިނަ ބަޔަކު ވަނީ އަނެއްކާ ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހި ވަރިވާން އުޅެނީތޯ ވެސް ސުވާލު އުފައްދައިފަ އެވެ. އެމެރިކާގެ މިއުޒިޝަން/ބަތަލު ނިކް ޖޯނަސް، 29، އާއި ޕްރިޔަންކާ، 39، ކައިވެނިކުރީ 2018 ގަ އެވެ.

ކައިވެނިކުރި ފަހުން އަބަދު ވެސް ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި މިހާތަނަށް ގިނަ ބަޔަކު ފާހަގަ ކުރަމުން އަންނަ ޕްރިޔަންކާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފިރިމީހާގެ ނަން އުނިކުރި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމަކު އެކަމާ ފޭނުން ކަންބޮޑުވެގެން އެކި ކަހަލަ ޝުއޫރުތައް ބަންޑުން ކުރަމުން ދަނިކޮށް، ނިކްގެ އިންސްޓަގްރާމް ޕޯސްޓަކަށް ޕްރިޔަންކާ ކުރި ކޮމެންޓަކުން ފޭނުންނަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ނިކް އިންސްޓަގްރާމްގައި ހޯމަ ދުވަހު ޕޯސްޓްކޮށްފައިވާ ޖިމް ވޯކްއައުޓެއްގެ ވީޑިއޯ އަށް ޕްރިޔަންކާ ކުރި ކޮމެންޓްގައި ނިކްގެ ވަރުގަދަ ހަށިގަނޑަށް އިޝާރާތްކޮށް ބުނެފައި ވަނީ "މަރުވާނީ ތި އަތުގެ ތެރޭގައި" ކަމަށެވެ.

ކައިވެންޏަށް ފަހު މިހާރު މުޅިންހެން އެމެރިކާގައި އުޅޭ ބަތަލާގެ ހޮލީވުޑް ފިލްމެއް ވެސް ރިލީޒް ކުރަން މިހާރު އަންނަނީ ތައްޔާރުވަމުންމެވެ. އެއީ އަންނަ މަހުގެ 22 ގައި ގެނެސްދޭ "މެޓްރިކްސް" ސީރީޒްގެ ހަތަރު ވަނަ ފިލްމު "މެޓްރިކްސް ރިސަރެކްޝަން" އެވެ.

ޕްރިޔަންކާ މިހާރު ސޮއިކޮށްފައި އޮތް ހިންދީ ފިލްމަކީ ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އެވެ.