Roadha Mihaaru
އަޑެލްގެ އާ ބައިވެރިޔާއާ އެކު ފޮޓޯއެއް

އަޑެލްގެ އާ ބައިވެރިޔާއާ އެކު ފޮޓޯއެއް

21 ސެޕްޓެމްބަރ 2021

އަލަތު ކައިވެނި ރޫޅާލާފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް އެމެރިކާގެ ރިޗް ޕޯލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަލަތު ކައިވެނި ރޫޅާލާފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް އެމެރިކާގެ ރިޗް ޕޯލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

މި ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮތް ކަމަށް ބުނެ މީޑިއާތަކުގައި ވާހަކަ ދެކެވެމުން ދަނިކޮށް އަޑެލްގެ އިންސްޓަގްރާމްގައި ވަނީ ޕޯލްއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެ ދެ މީހުންގެ ގުޅުން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފަ އެވެ. ކަޅާއި ހުދު ކުލައިގެ ގައުންއެއް ލައިގެން ނަގާފައިވާ ފޮޓޯތަކާ އެކު، އެޑެލް ޕޯސްޓްކުރި ތިން ފޮޓޯގެ ތެރެއިން ޕޯލްއާ އެކު ނަގާފައިވާ ފޮޓޯ ލާފައި އިނީ އެންމެ ފަހަތަށެވެ. އޭގެ ކެޕްޝަނަކަށް އެއްވެސް އެއްޗެއް ލިޔެފައި ނެތަސް ރަތް ކުލައިި ހިތެއް ހިނަމާފައިވެ އެވެ.

އެމެރިކާ އަށް އުފަން ޕޯލްް، 39، އަކީ ބާސްކެޓް ކުޅުންތެރިން މެނޭޖްކޮށްދޭ އެޖެންސީއެއް ހިންގާ ސްޕޯޓްސް އޭޖެންޓެކެވެ. އޭނާގެ ކުންފުންޏަކީ ކްލަޗް ސްޕޯޓްސް ގްރޫޕެވެ.

ޕޯލް އާއި އެޑެލް ލޯބީގެ ގޮތުން ގުޅުނު އިރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަޑެލް، 33، ކައިވެނި ރޫޅައިލީ 2019 ގަ އެވެ. އޭނާ އާއި ސައިމަން ކޮނެކީ ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކައިވެނިކުރީ 2016 ގަ އެވެ.

ކައިވެނި ރޫޅައިލި އިރު ފިރިހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 9 އަހަރުގެ އެންޖެލޯ އެޑްކިންސް އެވެ.