Roadha Mihaaru
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ

ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ

20 ޖެނުއަރީ 2022

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި ލޯބިވެރިޔާ ޖޯ އަލްވީން މިހާރު އެންގޭޖްވާން ތައްޔާރުވަމުން އަންނާތީ ދެން މާ ލަހެއް ނުވެ ކައިވެނި ވެސް ކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި ލޯބިވެރިޔާ ޖޯ އަލްވީން މިހާރު އެންގޭޖްވާން ތައްޔާރުވަމުން އަންނާތީ ދެން މާ ލަހެއް ނުވެ ކައިވެނި ވެސް ކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޓޭލާ، 32، އާއި ޖޯ، 30، މިހާރު ތިބީ ލަންޑަންގަ އެވެ. އަދި މި ދަތުރުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް ވާނީ އެންގޭޖްވުމެވެ. އެހެންވެ، މި ހަފުތާގެ ތެރޭގައި ވެސް ޓޭލާ އާއި ޖޯ އެންގޭޖްވެދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރެއްހާ ދުވަސްވެދާނެ އެވެ. އެކަމަކު ގުޅުން ވަރަށް ޕްރައިވެޓެވެ. އެކީގައި ވަރަށް އާންމުކޮށް ފެނުނަސް ޓޭލާ އާއި ޖޯ ރައްޓެހިވެގެން އުޅޭ ކަމަށް ރަސްމީކޮށް އެއްބަސްވެފައެއް ނުވެ އެވެ.

ދެހާސް ވިއްސަށް ދެ މީހުން މަރުހަބާ ވެސް ކީ ރާއްޖޭގައި އެކީގައި ހޭދަކުރި ޗުއްޓީ ދަތުރެއްގައި ކަން ފާހަގަކޮށްލެވެ އެވެ.

އެކަމަކު އެމެރިކާގެ މިހާރުގެ އެންމެ މަޝްހޫރު އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ޓޭލާ އާއި އެކްޓަރު ޖޯ ވަރަށް އަވަހަށް ކައިވެނިކުރަން ވެސް ޕްލޭންކޮށްފައިވާ ކަމަށް އެ މީހުންނާ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެ އެވެ. އެހެންވެ ފަހަރުގައި މި އަހަރު ނިމުމުގެ ކުރިން ވެސް މި ކައިވެނި ފެނިދާނެ އެވެ.

ޖޯ އަކީ "ދަ ފެވަރިޓް" އާއި "އޮޕަރޭޝަން ފިނާލޭ" އަދި "ބޯއި އިރޭޒްޑް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. މިދިޔަ އަހަރުގެ "ދަ ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ" އަށް ފަހު ޖޯގެ ކުރިއަށް އޮތް ފިލްމަކީ "ކެތެރީން، ކޯލްޑް ބާޑީ" އެވެ.

އޭނާއާ ރައްޓެހިވުމުގެ ކުރިން 11 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާ އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަނާއި އިނގިރޭސި ޑީޖޭ/ޕްރޮޑިއުސަރު ކަލްވިން ހެރިސް އަދި އެމެރިކާގެ އެކްޓަރު ޖޭކް ޖިލެންހާލްއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ.