Roadha Mihaaru
ޓޭލާ އަކީ މި ޖީލުގެ ބީޓްލްސް: ބިލީ

ޓޭލާ އަކީ މި ޖީލުގެ ބީޓްލްސް: ބިލީ

03 ޖެނުއަރީ 2022

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަކީ މި ޖީލުގެ "ދަ ބީޓްލްސް" ގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ މަޝްހޫރު މިއުޒިޝަން ބިލީ ޖޮއެލް އޭނާއަށް ވަރަށް ތައުރީފްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަކީ މި ޖީލުގެ "ދަ ބީޓްލްސް" ގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ މަޝްހޫރު މިއުޒިޝަން ބިލީ ޖޮއެލް އޭނާއަށް ވަރަށް ތައުރީފްކޮށްފި އެވެ.

މިއުޒިކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބޭންޑް ކަމަށްވާ "ބީޓްސްލްސް" ގެ މިއުޒިކާއި ޓޭލާގެ މިއުޒިކް އެއްގޮތް ކުރަމުން ބިލީ ބުނީ ޓޭލާ އަކީ ދުނިޔޭގައި މިހާރު އެންމެ ވަރުގަދަ އެއް ފަންނާނު ކަމަށެވެ. އަދި ޓޭލާގެ ލަވަތަކާއި މިއުޒިކް ވަރަށް ހިތްގައިމު ކަމަށާއި އެ ހުނަރުން އާކޮށްދެނީ އިނގިރޭސި ބޭންޑް "ބީޓްލްސް" ގެ ކާމިޔާބީ ކަމަށް ބުންޏެވެ. "ޕިއާނޯ މޭން" ގެ ނަމުން މަޝްހޫރު 72 އަހަރުގެ ބިލީ ބުނީ ޓޭލާ، 32، އަކީ އާދަޔާހިލާފަށް ހުނަރުވެރި ވަރަށް ވެސް އުފެއްދުންތެރި މިއުޒިޝަނެއް ކަމަށެވެ.

"އޭނަގެ މިއުޒިކް އަޑުއަހާލީމަ ގެންގޮސް ދެނީ ބީޓްލްސްގެ ހަނދާންތަކާއި އެ ޖީލުގެ ތެރެއަށް."

އޭނާ ބުނި ގޮތުގައި ވަރަށް އާންމުކޮށް މިހާރު ޓޭލާގެ ލަވަތައް އަޑު އަހަ އެވެ. އަދި އެކަމުން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމަށް ބުންޏެވެ.

"ކާރުގައި ދަތުރުކުރާ އިރު އަހަރެން ވަރަށް އާންމުކޮށް މިހާރު ކުރާ ކަމެއް ޓޭލާގެ ލަވަތައް އަޑު އެހުމަކީ." މިހާތަނަށް 13 އަލްބަމް ނެރެފައިވާ ފަންނާނު ބުންޏެވެ.

މިހާތަނަށް 11 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާ 2020 ގެ "ފޯކްލޯ" އާއި "އެވަމޯ" ގައި ނަމުގައި ދެ އަލްބަމް ނެރުނު އިރު، އޭނަ ކުރިން ނެރުނު އަލްބަމްތަކުގެ ތެރެއިން 2008 ގެ "ފިއަލެސް" އާއި 2012 ގެ "ރެޑް" ގެ އާ ވާޝަންތަކެއް މިދިޔަ އަހަރު ނެރުނެވެ.