Roadha Mihaaru
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން

އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ޕްރިންސް ހެރީގެ ދެކަނބަލުން

17 ސެޕްޓެމްބަރ 2021

ޓައިމް މަޖައްލާ އިން އެކުލަވާލި މި އަހަރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަލް މާކަލް ހިމެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓައިމް މަޖައްލާ އިން އެކުލަވާލި މި އަހަރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަލް މާކަލް ހިމެނިއްޖެ އެވެ.

އިނގިރޭސީ ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި އުފަން ގައުމު ވެސް ދޫކުރައްވައި ހެރީ މިހާރު އަމިއްލަ އާއިލާއާ އެކު ދިރިއުޅުއްވަނީ މޭގަންގެ އުފަން ގައުމު، އެމެރިކާގަ އެވެ. ދެ ބޭފުޅުން ލޮސް އެންޖެލިސް އަށް ދިރިއުޅުން ބަދަލުކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ހެރީ އާއި މޭގަން އަށް މިހާރު ދެ ދަރިން ވެސް ލިބިވަޑައިގެންފައިވެ އެވެ.

ޝާހީ ޒިންމާތައް ދޫކޮށްލެއްވުމާއި އެ އާއިލާއާ ވަކިން ހެރީގެ ދެކަނބަލުން ދިރިއުޅެން ނިންމެވުމަކީ އެކަމާ ބެހޭ ގޮތުން އެތައް ވާހަކަތަކެއް ދެކެވި، ޝާހީ އާއިލާގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ ވެސް މި ފަހުން މީޑިއާތަކުގައި ވަރަށް ގިނައިން ދެކުނުވު ކަމެކެވެ. ވަކިން ހާއްސަކޮށް ހެރީ އާއި މޭގަން މި އަހަރުގެ މާޗް މަހުގެ ތެރޭގައި އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއު ވެގެން ދިޔައީ ޝާހީ އާއިލާގެ އެތެރެ ކޮއިލު ބޭޒާރުވެގެން ދިޔަ އިންޓަވިއުއަކަށެވެ.

އެ އިންޓަވިއުއާ ގުޅިގެން އެ ބޭފުޅުންނާއި ޝާހީގެ އާއިލާއާ އޮތް ގުޅުމަށް އިތުރު މައްސަލަތައް ކުރިމަތިވި ނަމަވެސް ހެރި އާއި މޭގަން އަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.

ޓައިމް އެކުލަވާލި އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓާ އެކު ހެރީ އާއި މޭގަންގެ ހާއްސަ ކަވަރެއް ވެސް ގެނެސްދީފައިވެ އެވެ. އޭގައި މޭގަން ކްރީމް ކުލައިގެ ޖަމްޕްސޫޓެއް ތުރުކުރައްވައިން ހުންނެވި އިރު ހެރީ ހުންނެވީ ކަޅު ޓީޝާޓަކާއި ފަޓްލޫނަކާ އެކީގަ އެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުންނާ އެކު ޓައިމްގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓްގައި ހިމެނޭ މަޝްހޫރު މީހުންގެ ތެރޭގައި އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކޮވިޑް-19 ގެ ވެކްސިން ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ކުންފުނި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އާދާރް ޕޫނަވާލާ އާއި އެމެރިކާގެ އެތުލީޓް ސިމަން ބައިލެޒް އާއި ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ އާއި އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކާއި ބަތަލާ ޝާލީޒް ތެރޮން އާއި އެކްޓަރު ޑެނިއަލް ކަލޫޔާ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އަލް ސަލްވެޑޯގެ ރައީސް ނަޖީބު ބުކެލޭ އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.