Roadha Mihaaru
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ

ހެރީ އާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ

26 މާޗް 2021

މި މަހުގެ ކުރީކޮޅު އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުއެއްގައި ޕްރިންސް ހެރީ އާއި އަނބިކަނބަކުން މޭގަން މާކަލް ޝާހީ އާއިލާގެ "އެތެރެކޮއިލު ބޭޒާރުކޮށްލާފައިވާތީ" އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ހެރީ ބައްޕާފުޅު ޕްރިންސް ޗާލްސް ފުރިހަމަ އަށް ރައްދުދެވެއްވާނެ ކަމަށް ޝާހީ ޚަބަރުތައް ގެނެސްދޭ ކޮރެސްޕޮންޑެންޓަކު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުއެއްގައި ޕްރިންސް ހެރީ އާއި އަނބިކަނބަކުން މޭގަން މާކަލް ޝާހީ އާއިލާގެ "އެތެރެކޮއިލު ބޭޒާރުކޮށްލާފައިވާތީ" އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ހެރީ ބައްޕާފުޅު ޕްރިންސް ޗާލްސް ފުރިހަމަ އަށް ރައްދުދެވެއްވާނެ ކަމަށް ޝާހީ ޚަބަރުތައް ގެނެސްދޭ ކޮރެސްޕޮންޑެންޓަކު ބުނެފި އެވެ.

އެ އާއިލާގެ ވާހަކަތައް ގެނެސްދޭ ކޭޓީ ނިކޯލް، އީޓީ އަށް ބުނި ގޮތުގައި ޗާލްސް މި ވަގުތު ހިމެނޫން ހުންނެވިޔަސް އޭނާ ގެންދަވަނީ އިންޓަވިއުގައި ދެއްކެވި ވާހަކަތަކަށް ވަރަށް ވަރުގަދަ އަށް ރައްދު ދެއްވަން ތައްޔާރުވަޑައިގަންނަވަމުންނެވެ. ޝާހީ އާއިލާއާ ބެހޭ ގޮތުންނާއި އެ އާއިލާގެ މައްޗަށް ތުހުމަތުކުރެވޭ ގޮތަށް އިންޓަވިއުގައި ހެރީ އާއި މޭގަން ދެއްކެވި ހުރިހާ ވާހަކައަކަށް ވަކިވަކިން ބައްލަވައި އެއިން ކޮންމެ ވާހަކައަކަށް ޗާލްސް ރައްދު ދެއްވާނެ އެވެ.

ނިކޯލް ބުނި ގޮތުގައި ޗާލްސްގެ ރައްދުގެ ބަޔާން ވަރަށް އަވަހަށް ނެރޭނެ ކަމަށް ބެލެވެ އެވެ. އަދި ބަޔާނުގައި ވީހާ ވެސް ބޮޑަށް ރައްދު ދީފައި ތަފުސީލުކޮށް ގެނެސްދޭނެތޯ އާއި ޗާލްސްގެ ބަޔާން ވީހާ ވެސް ބޮޑަށް ކުރުކުރާނީތޯ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމާ ޗާލްސް މަޝްވަރާކުރައްވާފައިވެ އެވެ.

"ރައްދުގައި ޝާހީ އާއިލާގެ ފަރާތުން ވަރަށް ތަފުސީލީ ބަޔާނެއް އަތުވެއްޖެ ކަމަށްވާ ނަމަ އަނެއްކާ ވެސް އެ އާއިލާއާ ދިމާއަށް ދިއްކުރެވޭ އިނގިލިތައް ގިނަވެ، ކުރެވޭ ތުހުމަތުތައް އިތުރުވުމަކީ ވެދާނެ ގޮތެއް." ކޭޓީ ބުންޏެވެ.

އިންޓަވިއުއާ ގުޅިގެން މީގެ ކުރިން ޝާހީ އާއިލާ އިން ކުރި ބަޔާނެއް ނެރެ، ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މޭގަންގެ ފަރާތުން ޝާހީ އާއިލާގެ މުވައްޒަފުންތަކަކަށް ބުލީއާ ކުރިމަތިވަޑައިގެންނެވި ކަމަށް ބުނެ އެ މައްސަލަ ބަލަން މިހާރު ވަނީ ލޯ ފާމަކާ ވެސް ހަވާލުކޮށްފަ އެވެ.

ހެރީ އާއި މޭގަންގެ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި އެ އަލަތު ދަރިކަލުންގެ ހަމުގެ ކުލައާ ގުޅުވައިގެން ޝާހީ އާއިލާގެ ބޭފުޅުންތަކެއް ނަސްލީ ތަފާތުކުރުންތަކެއް ގެންގުޅެފައިވެ އެވެ. އަދި މޭގަން އެ އާއިލާއާ އެކީ އުޅުއްވި ދުވަސްވަތަކުގައި މުޅިން އުޅުއްވަން ޖެހިވަޑައިގަތީ ހިތްދަތިކަމާއި ވޭނާއި ނަފުސާނީ އުނދަގޫތަކެއްގެ ތެރޭގައި ކަމަށް މޭގަން ވިދާޅުވެފަ އެވެ. އަދި އެކަންކަމާ ހުރެ އަމިއްލަ ފުރާނަ ވެސް ދުއްވައިލުމުގެ ވިސްނުންތަކެއް ގެންގުޅުއްވި ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ހެރީގެ ވާހަތަކުގައި ޝާހީ އާއިލާގެ ތެރޭގައި "ބަނދެވިފައި ހުރުމުން" އަނބިކަނބަލުންނަށް އެންމެ ބޭނުންވި ވަގުތު އެހީވާން ހުރަސްތަކެއް ހުރި ވާހަކަ އާއި މޭގަންއާ ދޭތެރޭ އާއިލާގެ ބައެއް ބޭފުޅުން ވަރަށް އިހާނެތިކޮށް ދެކެވިފައިވާ ކަމަށް ވިދާޅިވެފައިވެ އެވެ. އަދި ބައްޕަ ޗާލްސް އާއި ބޭބޭފުޅު ޕްރިންސް ހެރީ އަކީ ވެސް ޝާހި އާއިލޭގެ ތެރޭގައި "ބަނދެވިފައި ތިބި ބައެއް" ކަމަށް ވިދާޅުވެ އެ ބޭފުޅުން މިހާރު ގުޅުމެއް ބެސް ނުބައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް މިދޔަ އަހަރުގެ ކުރިކޮޅު އިނގިރޭސިވިލާތް ދޫކޮށްލެއްވި ފަހުން ބައްޕާފުޅު ފޯނަށް ޖަވާބު ވެސް ނުދެއްވާ ކަމަށް ހެރީ ވިދާޅުވެފައިވެ އެވެ.

އޯޕްރާ އަށް ދެއްވި އިންޓަވިއުގައި ޖުމްލަކޮށް މޭގަން އާއި ހެރީ ދެއްކެވި ވާހަކަތަކުން ފާހަގަކުރެވުނީ އެ ބޭފުޅުން ޝާހީ އާއިލާ ދޫކޮށްލައްވަން ނިންމެމެވި ސަބަބުތަކެވެ.

އެ އިންޓަވިއު އަށް ފަހު ހެރީ އާއި މޭގަން އަށް ސަޕޯޓްކުރާ މީހުންނާއި ޝާހީ އާއިލާ އަށް ތާއީދުކުރާ މީހުން ވެސް ބައިބައިވެފައިވެ އެވެ. ހެރީ އާއި މޭގަން މިހާރު ދިރިއުޅުއްވަނީ މޭގަންގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.