Roadha Mihaaru
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި

ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުން ފުރަތަމަ ފަހަރަށް ދައްކާލައިފި

25 ޑިސެމްބަރ 2021

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ދަރިކަނބަލުން ލިލިބެޓް (ލިލީ) ޑަޔާނާގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ދަރިކަނބަލުން ލިލިބެޓް (ލިލީ) ޑަޔާނާގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

އުފަންވިތާ ހަތް މަސް ފަހުން ދަރިކަނބަލުން ފޮޓޯއެއް އާންމުކުރީ ހެރީ އާއި މޭގަންގެ އާއިލާ އިން ކްރިސްމަސްގެ ތަހުނިޔާ ފޮނުވަން އާންމުކުރި ކާޑެއްގަ އެވެ. އޭގައި ދެމަފިރިކަނބަލުން ދެ ބޭފުޅުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރާ ތަން ފެނެ އެވެ.

މީގެ ތިން އަހަރު ކުރިން ކައިވެނި ބައްލަވައިގަތް ހެރީ އާއި މޭގަންގެ ދޮށީ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްޒާ އަށް މިހާރު ދެ އަހަރެވެ. ދަރިކަލުން އުފަންވެވަޑައިގަތީ ހެރީގެ އުފަން ގައުމު، އިނގިރޭސިވިލާތަށް ނަމަވެސް ދަރިކަނބަލުން ލިލީ އުފަންވެވަޑައިގަތީ މޭގަންގެ އުފަން ގައުމު އެމެރިކާގަ އެވެ.

ހެރީ އާއި މޭގަން ޝާހީ ޒިންމާތައް އަމިއްލަފުޅަށް ދޫކޮށްލައްވައި އެމެރިކާގެ ލޮސް އެންޖެލިސް އަށް ދިރިއުޅުން ބަދަލުކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާ އަށް ލިބިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން ދޮށްޓަށް ހުންނެވި ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ ޕްރިންސް ޖޯޖް، 8، އާއި ޕްރިންސެސް ޝާލޮޓް، 6، ގެ އިތުރުން ޕްރިންސް ލުއީ، 3، އެވެ.