Roadha Mihaaru
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް

ކޮވިޑް-19 ޖެހުނު ފަހުން އަދިވެސް ވަހާއި ރަހައިގެ ހިއްސު ރަނގަޅެއް ނޫން: ޗާލްސް

19 ޖޫން 2020

މިދިޔަ މާޗް މަހުގެ ފަހުކޮޅު ކޮވިޑް-19 އަށް ޕޮޒިޓްވެ، ފަރުވާ ހޯއްދެވުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބަލިން ފަސޭހަވެވަޑައިގަތް ނަމަވެސް ވަސްދުވުމާއި ރަހައިގެ ހިއްސު އަދިވެސް އެންމެ ރަނގަޅު ނޫން ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މާޗް މަހުގެ ފަހުކޮޅު ކޮވިޑް-19 އަށް ޕޮޒިޓްވެ، ފަރުވާ ހޯއްދެވުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބަލިން ފަސޭހަވެވަޑައިގަތް ނަމަވެސް ވަސްދުވުމާއި ރަހައިގެ ހިއްސު އަދިވެސް އެންމެ ރަނގަޅު ނޫން ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސް ވިދާޅުވެއްޖެ އެވެ.

އުމުރުން 71 އަހަރުގެ ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އިނގިރޭސި ވަލީއަހުދުގެ އޮފީހުން އިއުލާނުކުރީ މާޗް މަހުގެ 25 ގަ އެވެ.

އަންގާރަ ދުވަހު ގްލޯސެސްޓަޝަޔާ ރޯޔަލް ހޮސްޕިޓަލެއް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޕްރިންސް ވިލިއަމާއި ހެރީގެ ބައްޕާފުޅު ޗާލްސް ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ހިތްވަރު ވެސް ދެއްވައިފަ އެވެ.

މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޗާލްސް ވިދާޅުވީ ކޮވިޑް-19 އަށް ފަހު އަދިވެސް އެންމެ ބޮޑަށް ދަތިވެވަޑައިގަންނަވާ ކަމަކީ ވަސްދުވުމާއި ރަހަލުމުގެ ހިއްސު ރަނގަޅަށް މަސައްކަތްނުކުރުން ކަމަށެވެ. ނަމަވެސް މިހާރު ވަރަށް ބޮޑަށް އެކަންކަން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ގްލޯސެސްޓަޝަޔާ ރޯޔަލް ހޮސްޕިޓަލަށް ޗާލްސް ކުރެއްވި ޒިޔާރަތުގައި އަނބިކަނބަލުން ކެމީލާ ވެސް ބައިވެރިވަޑައިގަތެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވި ހާލަތްތަކާ ބެހޭ ގޮތުން ކެމީލާ ވިދާޅުވީ އެންމެ އުނދަގޫ ކަމަކީ ލޮކްޑައުންއާ ހެދި، ކުރިއެކޭ އެއްގޮތަށް މާމަ ދަރިންނާ ބައްދަލުނުކުރެއްވުން ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ޕްރިންސް ވިލިއަމްގެ ބޭފުޅުންނާ ވެސް ބައްދަލުވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ. ކެމީލާ އަކީ ވިލިއަމާއި ހެރީގެ ދޮންމަންމާފުޅެވެ.

"މާމަދަރިންނާ ބައްދަލުވި ނަމަވެސް އެ ކުދިންގެ ގައިގައި ބައްދާލުމުގެ ފުރުސަތެއް ނެތް. ހަމައެކަނި ފެނިލުމެއް އެއީ. މި ކަހަލަ ހާލަތެއްގައި އެ ވަރު ރަނގަޅު،." އޭނާ ވިދާޅުވި އެވެ.

ޗާލްސް އާއި ކެމީލާ ވަނީ ކޮވިޑް-19އާ ދެކޮޅަަށް އިނގިރޭސިވިލާތުގައި ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ އެންއެޗްއެސް އިން ކުރަމުން އަންނަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ. އަދި ރައްޔިތުން މި ހާލަތުގައި ދޭ އެއްބާރުލުމަކީ ވެސް ފާހަގަކުރެވޭ ކަމަށް ކަމަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 298،000 އަށް އަރާ އިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 41,960 އަށް ވުރެ ގިނަ އެވެ.