Roadha Mihaaru
ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް

ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް

25 މާޗް 2021

ޝާހީ ޒިންމާތައް ދޫކޮށްލައްވައި މިހާރު އެމެރިކާގައި އާދައިގެ ދިރުއުޅުމެއް ބިނާކުރައްވަން މަސައްކަތްކުރައްވާ ޕްރިންސް ހެރީ ސްޓާޓަޕެއްގެ އިސް މަގާމަކާ ހަވާލުވެވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހީ ޒިންމާތައް ދޫކޮށްލައްވައި މިހާރު އެމެރިކާގައި އާދައިގެ ދިރުއުޅުމެއް ބިނާކުރައްވަން މަސައްކަތްކުރައްވާ ޕްރިންސް ހެރީ ސްޓާޓަޕެއްގެ އިސް މަގާމަކާ ހަވާލުވެވަޑައިގެންފި އެވެ.

ދެވަނަ ދަރިއަކު ވެސް ލިބެން އުޅޭ ހެރީ ގުޅިވަޑައިގަތީ ސިލިކަން ވެލީގެ ކުންފުނި "ބެޓަ އަޕް" އާ އެވެ. ހެރީގެ މަގާމަކީ ޗީފް އިމްޕެކްޓް އޮފިސަރު (ސީއައިއޯ) އެވެ.

"ބެޓަ އަޕް" އަކީ ލައިފް ކޯޗިން އާއި މެންޓަލް ހެލްތުގެ ދާއިރާ އިން އާންމުންނަށް ހިދުމަތްކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެބްސައިޓްގައި ހެރީ ސިފަކޮށްފައި ވަނީ އިންސާނިއްޔަތަށް ހިދުމަތްކުރާ، އަސްކަރިއްޔާގައި މަސައްކަތް ކުރައްވައި ނަފްސާނީ ދުޅަހެޔޮކަމަށާއި ތިމާވެށީގެ ހިމާޔަތަށް ވަކާލަތުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

"ބެޓަ އަޕް" އިން ފާހަގަކުރި ގޮތަށް އެ ދާއިރާތަކުން މިހާތަނަށް ހެރީ ވަރަށް ގިނަ މަސައްކަތްކުރައްވާފައިވެ އެވެ. ހާއްސަކޮށް މެންޓަލް ހެލްތު ނުވަތަ ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިންކަން އުފެއްދުމާއި އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ހެރީ ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވެ އެވެ.

ހެރީއާގެ އާ މަގާމާ ބެހޭ ގޮތުން "ބެޓަ އަޕް" ގެ ސީއީއޯ އެލެކްޒީ ރޮބިޗޯޒް ވިދާޅުވީ އެއީ ވަރަށް ޒިންދާމާރު މަސްއޫލިއްޔަތު ވަރުގަދަ މަގާމެއް ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ހެރީގެ މަސައްކަތްތައް ފެންނަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އަނެއްކާ ހެރީ އަކީ ވަރަށް ޕެޝަނޭޓް ބޭފުޅެއް. އެހެންވީމާ އޭނައާ އެކު ބެޓަ އަޕްގެ ކުރިމަގު ވެސް ވަރަށް އުޖާލާކޮށް ފެންނަނީ،" އެލެކްޒީ ވިދާޅުވި އެވެ.

ހެރީ ވިދާޅުވި ގޮތުގައި "ބެޓަ އަޕް" އާ ގުޅިވަޑައިގަތީ އެއީ މުޖުތައަމަށް ވަރަށް ބޭނުންފައި އޮތް ދާއިރާއަކުން ހިދުމަތްދޭ ބަޔަކަށްވާތީ އެވެ.

"އަހަރެންގެ ވިސްނުމާ ވަރަށް ގުޅޭ ކަހަލަ މަސައްކަތެއް ކުރާ ބަޔަކަށްވާތީ ބެޓަ އަޕްއާ ގުޅިގެން މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ހެރީ ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ކުރެވޭ މަސައްކަތެއް."