Roadha Mihaaru
ހެރީގެ ދެކަނބަލުން ނެޓްފްލިކްސްއާ ގުޅިއްޖެ

ޕްރިންސް ހެރީގެ ދެކަނބަލުން ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ހަދައިފި

04 ސެޕްޓެމްބަރ 2020

މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލައްވައި މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، ސްޓްރީމިން ޓީވީގެ ހިދުމަތްދޭ ނެޓްފްލިކްސްއާ ގުޅިވަޑައިގެން އުފެއްދުންތަކެއް ގެނެސްދެއްވަން އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލައްވައި މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، ސްޓްރީމިން ޓީވީގެ ހިދުމަތްދޭ ނެޓްފްލިކްސްއާ ގުޅިވަޑައިގެން އުފެއްދުންތަކެއް ގެނެސްދެއްވަން އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފި އެވެ.

ސްޓްރީމިންގެ ހިދުމަތްދޭ އެންމެ މަގުބޫލު ކުންފުންޏާ އެކު ހެރީގެ ދެކަނބަލުން ސޮއިކުރެއްވި އެއްބަސްވުމަކީ ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ އެއްބަސްވުމެކެވެ. އެކަމަކު އަގެއް ހާމައެއްނުކުރެ އެވެ. މި އެއްބަސްވުން ހަދާފައި ވަނީ ދެކަނބަލުން އުފައްދާފައިވާ އަމިއްލަފުޅު ޕްރޮޑަކްޝަން ހައުސްއެއްގެ ދަށުންނެވެ. އެކަމަކު އޭގެ ނަމެއް އަދި ހާމައެއްނުކުރެ އެވެ.

މިކަމާ ބެހޭ ހެރީ އާއި މޭގަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްބަސްވުމުގެ ދަށުން ފީޗާ ފިލްމުތަކާއި ޑޮކިއުމަންޓަރީތަކާއި ޑޮކިއު-ސީރީޒްތަކާއި ކުޑަކުދިންނާ ގުޅުން ހުރި ކޮންޓެންޓްތައް ގެނެސްދޭނެ ކަމަށެވެ.

"އަހަރެމެންގެ މަސައްކަތުގެ ތެރެއިން ޑައިވަސިޓީ އަށް މަސައްކަތްކުރުމަކީ އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް. މީސްމީހުންގެ ދިރިއުޅުމަށް އެކި ފެންވަރުގައި އެކި ވަރުގެ ހެޔޮ ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތަކީ އަބަދު ވެސް ވަރަށް މުހިއްމު ކަމެއް ދޭނެ ކަމެއް،" ދެކަނބަލުންގެ ބަޔާނުގައި ވިދާޅުވި އެވެ. "ނެޓްފްލިކްސްއާ ގުޅިގެން ކުރެވޭ މަސައްކަތަކީ ހޭލުންތެރިކަން އުފެއްދުމާއި އެހީ އާއި އުންމީދު ގެނެސްދޭނެ އުފެއްދުންތަކަކަށް ވާނެ. އަހަރެމެން ވަރަށް އުފާކުރަން ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަންޑްރޯސް އާއި އޭނާގެ ޓީމާ ގުޅިގެން މަސައްކަތްކުރުމުގެ ޝަރަފު ލިބުނީތީ. އުންމީދަކީ މުއްސަނދި ބޭނުންތެރި، އުފެއްދުންތެރި ކޮންޓެންޓްތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުން."

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއްބަސްވުމުގެ ދަށުން ގެނެސްދޭ އުފެއްދުންތަކުގެ ތެރޭގައި ސީދާ ހެރީ އާއި މޭގަން ފެންނާނެ ބައެއް އުފެއްދުންތައް ވެސް ހިމެނުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ދެކަނބަލުން ވިދާޅެއް ނުވެ އެވެ. ހެރީއާ މީގެ ދެ އަހަރު ކުރިން ކައިވެނި ބައްލަވައިގަތުމުގެ ކުރިން، އެމެރިކާ އަށް އުފަން މޭގަން އަކީ ހޮލީވުޑްގެ ބަތަލާއެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ ސިލްސިލާ "ސޫޓްސް" އިންނެވެ. އަދި އިނގިރޭސިވިލާތް ދޫކުރައްވައި ލޮސް އެންޖެލިސް އަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ފަހުން މޭގަން ވަނީ ޑިޒްނީން ޖުލައި މަހު ގެނެސްދިން ނޭޗާ ޑޮކިއުމަންޓްރީއެއް ކަމަށްވާ "އިލެފަންޓް" ނެރޭޓް ވެސް ކޮށް ދެއްވައިފަ އެވެ.

ހެރީގެ ދެކަނބަލުންނާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން ނެޓްފްލިކްސް އިން ބުނީ މި މަސައްކަތް ވަރަށް ހާއްސަ ކަމަށާއި މިއިން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ އެކި ފަންތީގެ ގިންތީގެ މީހުންނާ ގުޅުން ހުރި އުފެއްދުންތަކެއް ނެޓްފްލިކްސް އަށް އައުން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ވެސް ނެޓްފްލިކްސް އިން ވަނީ ހަމަ މިފަދަ ހައި ޕްރޮފައިލް އެއްބަސްވުމެއް ހަދައިފަ އެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާ އާއި މިޝެލް އޮބާއާ އެކީގަ އެވެ.