Roadha Mihaaru
ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާގެ ކެފޭއަށް

ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާ ބޯސްލޭގެ ރެސްޓޯރަންޓަށް

24 އޯގަސްޓް 2021

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ އިނގިރޭސިވިލާތުގެ ރެސްޓޯރަންޓް "އާޝާޒް" ގެ ކެއުންތަކެއް ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ތަޖުރިބާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ އިނގިރޭސިވިލާތުގެ ރެސްޓޯރަންޓް "އާޝާޒް" ގެ ކެއުންތަކެއް ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ތަޖުރިބާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފި އެވެ.

"އާޝާޒް" ރެސްޓޯރަންޓްގެ އިންސްޓަގްރާމްގައި އެ ވާހަކަ ހިއްސާކޮށް، ބާމިންހަމްގައި ހުންނަ ރެސްޓޯރަންޓްގެ ބޭރުގައި އެތަނުގެ މުވައްޒަފުންތަކަކާ އެކު ހިނިވުންވެގެން ހުރެ ކްރޫޒް ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ރެސްޓޯރަންޓުން ބުނީ "މިޝަން އިމްބޮސިބަލް" ގެ ތަރި ރެސްޓޯރަންޓަށް ޒިޔާރަތްކުރީ އާދީއްތަ ދުވަހުގެ ވަގުތެއް ކަމަށާއި އެތަނުގައި އޭނާ ޗިކެން ޓިއްކާ މަސާލާ އަށް އިންސާފުކޮށްފައިވާ ކަމަށެވެ. އަދި އެ ރަނގަޅުކަމުން ދެވަނަ ފަހަރަށް ވެސް އޯޑަރުދިން ކަމަށް ބުންޏެވެ.

"ޓޮމް ކްރޫޒް ކަހަލަ، އެވޯޑް ހޯދާފައިވާ ސެލެބްރިޓީންނަށް އަހަރެމެންގެ ރެސްޓޯރަންޓް ހިދުމަތްދޭން ފުރުސަތު ލިބުމަކީ ފަޚުރެއް." އާޝާޒް އިން ބުންޏެވެ.

ޕޯސްޓްގައި "އާޝާޒް" އަށް ކުރިން ޒިޔާތްކުރި މަޝްހޫރު މީހުންގެ ތެރޭގައި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި އިނގިރޭސި ބޭންޑް، ރޯލިން ސްޓޯންގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެ ރެސްޓޯރަންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ތަނެކެވެ.

ރެސްޓޯރަންޓުން ޕޯސްޓްކުރި ފޮޓޯ ސީދާ އާޝާ، 87، ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް އޭނާގެ ރެސްޓޯރަންޓަށް ކްރޫޒް ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދިވެސް އޭނާ އެތަނުން ފެންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ބުންޏެވެ.

މީޑިއާތަކުން ބުނީ އާޝާގެ ރެސްޓޯރަންޓަށް ކްރޫޒް ދިޔައީ ބާމިންހަމްގައި "މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިންގެ ތެރެއިން ލިބުނު ހުސް ވަގުތެއްގައި ކަމަށެވެ.

ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ފިލްމަކުން ބޮލީވުޑްގެ ތަރިއަކަށް ކުރިން ފުރުސަތު ވެސް ދިފައިވެ އެވެ. އެއީ 2011 ގެ "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" އިން އެކްޓަރު އަނިލް ކަޕޫރަށެވެ.