Roadha Mihaaru

ޓޮމް ކްރޫޒް މިހާރު ބޭނުންވަނީ ބޮލީވުޑް ފިލްމެއް ކުޅެން

ބޮލީވުޑް ފިލްމުތަކަށް ވަރަށް ލޯބިކުރާ ކަމަށާއި މިހާރު ބޭނުންވަނީ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ކަމަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.

ޓޮމް ކްރޫޒް މިހާރު ބޭނުންވަނީ ބޮލީވުޑް ފިލްމެއް ކުޅެން

ބޮލީވުޑް ފިލްމުތަކަށް ވަރަށް ލޯބިކުރާ ކަމަށާއި މިހާރު ބޭނުންވަނީ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ކަމަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.

ކްރޫޒްގެ އާ ފިލްމު "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ވަނީ އިއްޔެ އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ. އެއީ އެ ފްރެންޗައިޒްގެ 8 ވަނަ ފިލްމެވެ.

އެ ފިލްމު އިންޑިއާގައި ޕްރޮމޯޓްކުރުމަށް ފިލްމު އުފައްދާ ޕްރޮޑަކްޝަން، ޕެރަމައުންޓް ޕިކްޗާސް އިން އާންމުކުރި ވީޑިއޯއެއްގައި ކްރޫޒްއާ އެކު، އިންޑިއާގެ އެކްޓްރެސް އަވްނީތު ކޯރް ފެނެ އެވެ. އިންޑިއާގެ ފޭނުން ދެކެ ވަރަށް ލޯބިވާ ކަމަށް، އެ ވީޑިއޯގައި ކްރޫޒް ހިންދީ ބަހުން ބުންޏެވެ.

ކްރޫޒް ވަނީ 2011 ވަނަ އަހަރު "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް"ގެ ޕްރޮމޯޝަނަށް އިންޑިއާއަށް އޭނާ ދިޔައިރު ދިމާވި ބައެއް ކަންކަން ވެސް ހިއްސާކޮށްފަ އެވެ.

"އަހަރެން ވަރަށް ލޯބިވާ ތަނެއް އިންޑިއާއަކީ. އިންޑިއާއަކީ ވަރަށް ހާއްސަ ބަޔަކު އުޅޭ، ރީތި ސަގާފަތެއް އޮތް ތަނެއް. އިންޑިއާގައި ކުރި ތަޖުރިބާ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ. ހުރިހާ ވަގުތުކޮޅެއް. ތާޖު މަހަލަށް ދިޔަ ދުވަހާއި މުމްބާއީގައި ހޭދަކުރި ވަގުތުތައް، އަހަރެން ކޮންމެ ވަގުތެއް ވަރަށް ސާފުކޮށް ހަނދާން ހުރޭ،" ކްރޫޒް ބުންޏެވެ.

ކްރޫޒް ބުނީ މިހާރު އިންޑިއާގައި މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޮލީވުޑް ފިލްމެއް ހެދުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެެވެ.

"އަހަންނަށް ވަރަށް ކަމުދޭ ފިލްމުތަކުގައި ދޭތެރެއަކުން ކުއްލިއަކަށް ލަވައެއް އަންނާތީ. އަހަރެން އެކި ގައުމުތަކުގެ މިއުޒިކަލްތައް ބަލަން. އަހަރެން ބޮލީވުޑް ފިލްމުތަކަށް ވަރަށް ލޯބިކުރަން. ހަމަ ދޭތެރެއަކުން ލަވައެއް އަންނާނެ. ނެށުމާއި ލަވަކިޔުން ވަރަށް ކަމުދޭ. އަދި މި ފިލްމުތަކުގައި އުޅޭ އެކްޓަރުން އެކްޓުކުރުމުގެ އިތުރުން ނަށާއި ލަވަކިޔަން އެނގުމަކީ ވެސް ވަރަށް ހާއްސަ ސިފައެއް،" އޭނާ ބުންޏެވެ.