Roadha Mihaaru
ޕްރަބާސް "މިޝަން އިމްޕޮސިބަލް 7" އިން ނުފެންނާނެ

"މިޝަން އިމްޕޮސިބަލް 7" އިން ޕްރަބާސް ނުފެންނާނެ: ޑައިރެކްޓަރު

28 މެއި 2021

އިންޑިއާގެ އެކްޓަރު ޕްރަބާސް ހޮލީވުޑްގެ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ ހަތް ވަނަ ފިލްމުން ފެންނާނެ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުން ދިޔަ ވާހަކަތައް ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްއަރީ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެކްޓަރު ޕްރަބާސް ހޮލީވުޑްގެ "މިޝަން އިމްޕޮސިބަލް" ފްރެންޗައިޒްގެ ހަތް ވަނަ ފިލްމުން ފެންނާނެ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުން ދިޔަ ވާހަކަތައް ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްއަރީ ދޮގުކޮށްފި އެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމު ކުޅެގެން މުޅި ދުޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު ޓޮމް ކްރޫޒާ އެކު "މިޝަން އިމްޕޮސިބަލް 7" އިން ފެންނާނެ ކަމަށް ޑައިރެކްޓަރު ކަށަވަރުކޮށްދިން ކަމަށް ބުނެ ޓްވިޓާގައި ދައުރުކޮށްފައިވާ ލިޔުމަކާ ގުޅިގެން އޭގެ ތެދު ދޮގު ސާފުކޮށްދޭން ފޭނަކު އެދުމުން ޑައިރެކްޓަރު ކުރި ޓްވީޓެއްގައި ބުނީ ޕްރަބާސްއާ މިހާތަނަށް ބައްދަލު ވެސް ނުވާ ކަމަށެވެ.

"އޭނަ އަކީ ވަރަށް މޮޅު އެކްޓަރެއް. އެކަމަކު [މިހާތަނަކަށް] ދިމާވެފައެއް ނެތް،" މާ ބޮޑު ތަފުސީލަކަށް ނުގޮސް އޭނާ ބުންޏެވެ.

ޓްވިޓާގައި ދައުރުވަމުން ދިޔަ ލިޔުމުގައިވާ ގޮތުން ޕްރަބާސް އަށް "މިޝަން އިމްޕޮސިބަލް 7" ގެ މުހިއްމު ރޯލެއް ކުޅެން ލިބުނީ މިދިޔަ އަހަރު އޭނާ ފިލްމު "ރާދޭ ޝާމް" ގެ ޝޫޓިންގައި އިޓަލީގައި އުޅެނިކޮށް ކްރޫޒްގެ ފިލްމުގެ ޓީމާ ދިމާވެގެންނެވެ.

މި ވާހަކަ ދައުރުވާން ފެށުމުން ޕްރަބާސްގެ ފޭނުން ވަރަށް ބޮޑަށް އުފާ ފާޅުކޮށް، އޭނާ އަށް ހޮލީވުޑްގެ ބޮޑު ފިލްމަކުން ފުރުސަތު ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ނަމަވެސް "މިޝަން އިމްޕޮސިބަލް 7" ގެ ޑައިރެކްޓަރު މިހާރު އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން ސާފުކޮށް ދިނުމަކީ ފޭނުންނަށް ލިބޭނެ މާޔޫސީއަކަށް ވާނެ އެވެ.

އެ ފިލްމަކީ އަންނަ އަހަރުގެ މެއި 27 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ "ސާހޯ" އަށް ފަހު ޕްރަބާސްގެ އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ އަންނަ ޖުލައި 30 އަށް ތާވަލުކޮށްފައިވާ "ރާދޭ ޝާމް" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާދިޕުރުޝް" އާއި "ސަލާރު" އަދި ދީޕިކާ ޕަދްކޯންއާ އެކު ކުޅެން ހަމަޖެހިފައިވާ ފިލްމެއް ހިމެނެ އެވެ.