Roadha Mihaaru
އަލްބަމަށް "އެވަމޯ" ކިޔާތީ ޓޭލާ އަށް ދައުވާކޮށްފި

އަލްބަމަށް "އެވަމޯ" ކިޔާތީ ޓޭލާ ސްވިފްޓަށް ތީމް ޕާކަކުން ދައުވާކޮށްފި

06 ފެބުރުއަރީ 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ޑިސެމްބަރު މަހު ނެރުނު އަލްބަމަށް "އެވަމޯ" ކިޔާތީ އެމެރިކާގެ ތީމް ޕާކަކުން އެ ނަމުގެ ޓްރޭޑްމާކް އޮތީ އެ މީހުންނަށް ކަމަށް ބުނެ ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ޑިސެމްބަރު މަހު ނެރުނު އަލްބަމަށް "އެވަމޯ" ކިޔާތީ އެމެރިކާގެ ތީމް ޕާކަކުން އެ ނަމުގެ ޓްރޭޑްމާކް އޮތީ އެ މީހުންނަށް ކަމަށް ބުނެ ދައުވާކޮށްފި އެވެ.

އެވަމޯ ކިޔާ ތީމް ޕާކަކީ 2018 ގައި އެމެރިކާގެ އުޓާގައި ހުޅުވި ތަނެކެވެ. ނަމުގެ މައްސަލާގައި ޓޭލާ އަށް ދައުވާކުރަން އެތަނުން އުޓާ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ "އެވަމޯ" އެ ނަން އެހެން ބަޔަކަށް ބޭނުން ނުކުރެވޭނެ ކަމަށާއި ޓޭލާގެ އަލްބަމަށް ތީމް ޕާކްގެ ނަން ދީ ނެރުމާ ގުޅިގެން ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ.

އެހެންވެ ގެއްލުމުގެ ބަދަލު މިލިއަން ޑޮލަރުން ނަގައިދޭން ވެސް އެދިފައިވެ އެވެ. އެތަނުން ބުނިގޮތުގައި ޓޭލާގެ އަލްބަމަށް "އެވަމޯ" ކިޔަން އުޅޭކަން އެނގުމުން އެކަން ޓޭލާގެ ގާނޫނީ ޓީމުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވަން މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެ މީހުންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ނުލިބުނު ކަމަށް ބުންޏެވެ.

"އެވަމޯ" ތީމް ޕާކުން ބުނީ އެ ނަމުގައި ޓޭލާގެ އަލްބަމް ނެރުމާ އެކު ވަރަށް ގިނަ ބަޔަކަށް އޮޅުން އަރައި އެ އަލްބަމާއި ތީމް ޕާކާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަން ވަރަށް ގިނަ ބަޔަކު ސުވާލު ވެސް ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި ރައްދުގައި "އެވަމޯ" ތީމް ޕާކަށް ޓޭލާގެ ފަރާތުން ތީމް ޕާކަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ދައުވާއަކީ ތާކުންތާކު ނުޖެހޭ ޒިންމާދާރުކަން ކުޑަ ދައުވާއެއް ކަމަށެވެ. އަދި ޓޭލާގެ އަލްބަމަށް "އެވަމޯ" ކިޔައިގެން ޕާކަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށާއި އެކަމުން ހަގީގަތުގައި ވާނީ ފައިދާ ކަމަށް ބުނެފައިވެ އެވެ.

"ޒިޔާރަތްކުރާނެ ބަޔަކު ވެސް ނުވާ ތި ބުނާ ތީމް ޕާކަށް ޓޭލާގެ އަލްބަމުން ވަނީ ހަމަ ފައިދާ. އެވަމޯ އަލްބަމަށް ކިޔުމަކީ ތި ތަނުގެ މާކެޓިން އަށް ފައިދާވުން ނޫން ކަމެއް ނުވާނެ." ސިޓީގައި ބުންޏެވެ.

މިދިޔަ އަހަރު ޓޭލާ ނެރުނު ދެވަނަ އަލްބަމްގެ ގޮތުގައި "އެވަމޯ" ނެރުނީ ޑިސެމްބަރު މަހުގެ 11 ގަ އެވެ. މިއީ ޓޭލާ، 31، ގެ ނުވަ އަލްބަމެވެ.