Roadha Mihaaru
ހަ އަހަރަށް ފަހު ޓޭލާ އާއި ޖޯ ރުޅިވެއްޖެ

ހަ އަހަރަށް ފަހު ޓޭލާ ސްވިފްޓާއި ޖޯ އަލްވިން ރުޅިވެއްޖެ

10 އެޕްރީލް 2023

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސި އެކްޓަރު ޖޯ އަލްވިން ރުޅިވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސި އެކްޓަރު ޖޯ އަލްވިން ރުޅިވެއްޖެ އެވެ.

"އެންޓަޓެއިންމަންޓް އޮންލައިން" ނޫހުން ރިޕޯޓުކުރި ގޮތުގައި، ސްވިފްޓާއި އަލްވިން، މީގެ ދެތިން ހަފްތާކުރިން ވަނީ ހަ އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.

އެ ދެމީހުން ވަކިވެފައި ވަނީ ސްވިފްޓްގެ "އެރާ ވޯލްޑް ޓުއާ" ފަށައިގެން އުޅޭ ދުވަސްވަރާ ދިމާކޮށެވެ.

ޓޭލާ ސްވިފްޓް (ވ) އާއި ޖޯ އަލްވިން (ކ)

ޓޭލާ ސްވިފްޓް (ވ) އާއި ޖޯ އަލްވިން (ކ)

މިދިޔަ ޖެނުއަރީ މަހު ނެރުނު ސްވިފްޓުގެ އަލްބަމް "މިޑްނައިޓްސް" ގެ ލަވަ "ލަވެންޑާ ހޭޒް" އަކީ އޭނާ އާއި އަލްވިންގެ ލޯބީގެ ހަޔާތަށް ބިނާކޮށް ހަދާފައިވާ ލަވައެއް ކަމަށް އޭނާ މީގެ ކުރިން ބުނެފައިވެ އެވެ.

އެ ދެމީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު އަލްވިން ވަނީ ސްވިފްޓުގެ ބައެއް ލަވަތައް ވެސް ކޯ-ރައިޓުކޮށްފަ އެވެ. އެހެންވެ، އަލްވިން އަށް ވަނީ ސްވިފްޓުގެ "ފޯކްލޯ" އަށް "އަލްބަމް އޮފް ދަ އިޔާ" ލިބުނު އަހަރު އެ އަލްބަމުގައި ކުރި މަސައްކަތަށް ގްރޭމީ އެވޯޑެއް ލިބިފަ އެވެ.

ސްވިފްޓާއި އަލްވިން ރައްޓެހިވީ 2016 ވަނަ އަހަރު އެވެ. އެ މީހުންގެ ގުޅުން ދަނީ ވަރުގަދަކޮށް ކަމަށް ދާދި ފަހުން ވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ މީހުން ރުޅިވީ ވަކި މައްސަލައެއް ޖެހިގެން ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ.